ރާއްޖޭގެ ފުރަތަމަ ދިވެހި އެންޑޯކްރޮނޮލިޖިސްޓެއްގެ ގޮތުގައި ޤައުމީ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އިއްޔެ ޚިދުމަތް ފެއްޓެވި ށ. ކޮމަންޑޫއަށް އުފަން ޑރ. އިބްރާޙީމް ފައިޞަލަކީ ކޮމަންޑޫއާއި، ޤައުމުގެ ފަޚުރުވެރި ދަރިއެއްކަން ޔަޤީނެވެ.
ހޯމޯނަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންދިމާވާ އެކި ބަލިތަކަށް ފަރުވާ ދެއްވުމަށް ޚާއްސަ ސްޕެޝަލިސްޓެއްގެ ގޮތުގައި ޤައުމީ ހޮސްޕިޓަލްގައި ޚިދުމަތް ފެއްޓެވި ށ. ކޮމަންޑޫ، ފިތުރޯނުގެ، ޑރ. އިބްރާހީމް ފައިޞަލަކީ އެންޑޯކްރޮނޮލިޖިސްޓެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަށްވާ، އެދާއިރާއަށް ޚާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރަށް ވެގެން ދިއުމަކީ، އެންމެހާ ދިވެހިންނަށް ލިބިގެން ދިޔަ ފަޚުރަކާއި، އުފަލެއްވެސް މެއެވެ.
ޑރ. ފައިޞަލްގެ މިކާމީޔާބީވަނީ އައިޖީއެމްއެޗްއިންވެސް ފާހަގަކޮށްފައެވެ. އެހޮސްޕިޓަލުން ވަނީ ޑރ. ފައިޞަލަކީ ރާއްޖޭގައި ޚިދުމަތް ފެއްޓެވި ފުރަތަމަ ދިވެހި އެންޑޯކްރޮނޮލިޖިސްޓްކަން ފާހަގަކޮށް މަރުހަބާ ދަންނަވާފައެވެ.
މީގެއިތުރުން ޑރ. ފައިޞަލްގެ އުފަން ރަށް ކޮމަންޑޫ ކައުންސިލުންވެސް ވަނީ ޑރ. ފައިޞަލަށް މަރުޙަބާ ކިޔައި އެ އުފަލުގައި ބައިވެރިވެފައެވެ. އެ ކައުންސިލުން ބުނެފައި ވަނީ ޑރ. ފައިޞަލަކީ ރަށާއި، އަތޮޅާއި އަދި މުޅި ޤައުމުގެ ފަޚުރުވެރި ދަރިއަކަށް ވީތީ، ކޮމަންޑޫ ރައްޔިތުންނާއި، ކައުންސިލްގެ ނަމުގައި ތަހުނިޔާ ދަންނަވާ ކަމަށެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޝީ-ރޭ- ބަންގްލާ މެޑިކަލް ކޮލެޖުން އެމްބީބީއެސް ހާސިލްކުރެއްވުމަށްފަހު ޑރ. ފައިސަލް އައިޖީއެމްއެޗާއި ގުޅިވަޑައިގަތީ 2013 ވަނަ އަހަރުއެވެ. އޭގެ ކުރިން ޑރ. ފައިޞަލްވަނީ އެ ހޮސްޕިޓަލްގައި ކްލިނިކަލް އެސިސްޓެންޓެއްގެ ވަޒީފާވެސް އަދާކުރަށްވާފައެވެ.
ޑރ. ފައިޞަލް އެމްބީބީއެސް ހާސިލް ކުރެއްވީ، ސާކް ސްކޮލަރޝިޕްގެ ދަށުން ބަންގްލަދޭޝް ސަރުކާރުން ދެއްވި ފުރުޞަތެއްގެ ތެރެއިންނެވެ.

އެންޑޯކްރޮނޮލިޖީ އަދި މެޓަބޮލިޒަމް އިން ޑރ. ފައިޞަލް އެމްޑީ ފާސް ހާސިލް ކުރެއްވީ ބަންގްލަދޭޝްގެ އެންމެ ފެންވަރު ރަނގަޅު ޕޯސްޓް ގުރަޖުއޭޓް ޔުނިވަރސިޓީކަމަށްވާ ބަންގްބަންދު ސެއިޚް މުޖިބް މެޑިކަލް ޔުނިވަރސިޓީއިންނެވެ. އެފާސް ހާސިލް ކުރެއްވުމަށް ފަސް އަހަރުގެ މުއްދަތު ހޭދަވެފައިވެއެވެ.
ޑރ. ފައިޞަލްގެ މިކާމިޔާބަށްފަހު އިއްޔެއިން ފެށިގެންވަނީ އަލުން އައިޖީއެމްއެޗްގައި ޚިދުމަތް ކުރަށްވަން ފައްޓަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!