ހދ. ނޭކުރެންދޫ ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން އެރަށު ސްކޫލް ބެލެނިވެރިންނާއި ގުޅިގެން ނޭކުރެންދޫ ސްކޫލް ގޯތި ތެރޭގެ ވޯކްވޭ ހިޔާކޮށްފިއެވެ.

163 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ނޭކުރެންދޫ ސްކޫލްގެ ޕީޓީއޭއާއި، ބެލެނިވެރިންގެ މިމަސައްކަތަކީ ކޯވިޑްގެ ފުރަބަންދުގެ ހާލަތަށްފަހު އާންމު ހާލަތުގައި ސްކޫލް ހުޅުވާއިރު ދަރިވަރުންނަށްދޭ ހަދިޔާއެކެވެ.

Ad
rt

އެ ސްކޫލްގެ ޕީޓީއޭގެ ކޯޑިނޭޓަރ ޙަސަން ޢަބުދުއްރަޙްމާން " ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނީ 128*30 ފޫޓުގެ އެ ވޯކުވޭ ހިޔާކުރުމަށް ޕީޓީއޭއިން އިސްނަގައިގެން ކުރި މަސައްކަތަށް މާލީގޮތުން އެހީތެރިކަން ދީފައިވަނީ އެރަށަށް ނިސްބަތްވާ، ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ޢަބުދުއްރަޙްމާން ކަމަށެވެ.

" އާންމުކޮށް ހޫނުގަދަ ދުވަސްވަރު ވޯކްވޭގެ ދެފަރާތުގައި ހުންނަ ކްލާސް ރޫމުތަކުގައި ތިބޭ ދަރިވަރުންނަށް ވަރަށް ހޫނު ގަދަވާނެ، މި ވޯކްވޭ ހިޔާ ކުރުމުން ދަރިވަރުންނަށް ހޫނުވުން ވަރަށް ބޮޑުތަން ކުޑަވާނެ، މީގެ އިތުރުން ވިއްސާރަ ނޫން ދުވަސްތަކުގައި އެސެމްބްލީ ބޭއްވުމަށްވެސް، ބެލެނިވެރިންގެ ބައްދަލުވުން ގޯތިތެރޭގައި ބޭއްވުމަށްވެސް، އަދި ސްކޫލްގެ އެކި ހަރަކާތްތައް ސްކޫލް ގޯތިތެރޭގައި ބޭއްވުމަށްވެސް ވަރަށް ބޮޑު ފަސޭހައެއް މިވޯކްވޭ ހިޔާކުރުމުން ލިބިގެން ދާނެ" ޙަސަން ބުންޏެވެ.

މިވޯކްވޭ ހިޔާކުރުމުގެ މަސައްކަތް ބެލެނިވެރިންނާއި، ރަށުގެ ހެޔޮއެދޭ ޒުވާނުންވެގެން ނިންމާލާފައިވަނީ ފަސްވަރަކަށް ދުވަހުން ކަމަށްވެސް ހަސަން ބުންޏެވެ. މިމަސައްކަތުގައި ސްކޫލް ޕީޓީއޭގެ އިސްނެންގެވުމާއި، ބެލެނިވެރިން ގުޅިގެން ކުރެވުނު މަސައްކަތަކީ އެކުވެރި، އެއްބައިވަންތަ މަސައްކަތެއް ގޮތުގައި ހަސަން ފާހަގަ ކުރެއްވިއެވެ.

ނޭކުރެންދޫ ސްކޫލް މިހާރުވަނީ ރާއްޖޭގެ އެހެން ސްކޫލްތަކެކޭވެސް އެއްގޮތަށް އާންމު ހާލަތުގައި ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް ވެފައެވެ. މިގޮތުން ސްކޫލްގެ 4 ދިމާއަކުން ދަރިވަރުންނަށް ސްކޫލަށް ވަދެވޭނެ ގޮތް ހަމަޖައްސައި، ސްކޫލްގައި ދަރިވަރުންގެ ހުން ބެލޭނެ އިންތިޒާމާއި، އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ކްލާސް ތަކުގައި ގައިދުރުކަމަށް އިސްކަން ދެވޭނެހެން 3 ފޫޓު ދުރުމިނުގައި ވަނީ ޑެސްކުތައްވެސް އަތުރާފައެވެ.

އެޑިއުކޭސަން މިނިސްޓްރީއިން ވަނީ އަންނަ ޖުލައި މަހުން ފެށިގެން ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ނިންމައި، އާންމު ހާލަތުގައި ކިޔަވައިދޭން ފަށާނެ ފިޔަވަހިތަކާއި، އުސޫލުތައް ހާމަ ކޮށްފައެވެ.