ވޭތުވެދިޔަ 14 ދުވަސް ތެރޭގައި ކުޅުދުއްފުށި ސިޓީއަށް އައިސްފައިވާ ފަރާތްތަކުން 14 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.
އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށްޓަށް އައިސްފައިވާ ފަރާތްތަކުން އެ ފަރާތްތައް ރަށަށް އައި ދުވަހުން ފެށިގެން މަދުވެގެން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރެއްވުމަށް އެރަށު ޓާސްކް ފޯހުން ނިމްމާފައިވާކަމަށެވެ.
އެއިޢުލާނުގައި ބުނެފައި ވަނީ އެއީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވިލަރެސް ކުރުމަށްޓަކައި އެކުލަވާލާފައިވާ ޓާސްކު ފޯސްގެ ފަރާތުން ކަމާއި ގުޅުންހުރި އިދާރާތަކުގެ އިރުޝާދާއެކު ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ.
މިގޮތަށް އެންގި މައިގަނޑު ސަބަބަކީ ރާއްޖޭގެ ވެރިރަށް މާލެއިން ކޮވިޑް-19 ރޯގާއަށް ފައްސިވެފައިވާ މިހާކު ފެނުމާއި ގުޅިގެން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބާލާފައިކަމަށެވެ. އަދި ގޭގައި މަޑުކުރައްވާ މުއްދަތުގައި ގޭގައި އުޅޭމީހުންނާއި ގައިދުރުކޮށް އުޅުމަށް ނަސޭހަތްތެރިވަމުން ބުނެފައިވަނީ އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމަތެއް ފެނިއްޖެނަމަ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ކޮވިޑް -19 ހޮޓްލައިން 7606688 ނަންބަރަށް ގުޅުއްވައި ދެއްވާ އިރުޝާދުގެ ދަށުން ޢަމަލު ކުރުމަށް ވަނީ އެދިފައެވެ.
ކޯވިޑް-19 ގެ ނުރައްކާ ރާއްޖޭގައި އިތުރުވެފައި މިވާ ދަނޑިވަޅުގައި ކުޅުދުއްފުށީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުން ގޭގައި މަޑުކުރެއްވުމަށާއި، ތަންތަނަށް އެއްވެ ނޫޅުމަށާއި، ކޮންމެހެން ޟަރޫރީ ބޭނުމެއް ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުމެ ނޫޅުމަށް ވަނީ އިލްތިމާސްކޮށްފަައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!