މީސް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ކުޑަކުދިންނަށް މަނާކުރުމުގެ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، ނަމަވެސް އާންމު ރައްޔިތުންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މި ސިޔާސަތު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ އިންޓަނެޓާއި މީސް މީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުން ކަމަށެވެ. އެގޮތުން އޮންލައިން މާހައުލުގައި ތުއްތު ކުދިންނަށް ދިމާވާ ގްރޫމިން، ސައިބާ ބުލީން، މިސްއިންފޮމޭޝަން އަދި އުމުރާ ނުގުޅޭ ކަންކަމަށް ކުދިން ހުށަހެޅުމުން ރައްކާތެރިކުރުމަށް ފިޔަވަޅުތައް އަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ފިޔަވަޅުތަކުގެ ދަށުން މުޅި މީސް މީޑިއާ އެއްކޮށް މަނާނުކުރާނެ ކަމަށާއި، މަނާކުރާނީ ވަކިވަކި އެޕްލިކޭޝަން ނުވަތަ ވެބްސައިޓުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވިސްނަމުންދަނީ ތަޢުލީމީ އަދި ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދޭ އެޕްލިކޭޝަންތަކަށް އެކްސެސް އޮންނަ ގޮތަށް ބަހައްޓައި، ގެއްލުންހުރި ކޮންޓެންޓްތަކަށް ވަދެވޭ މީސް މީޑިއާތައް އޭޖް ރެސްޓްރިކްޓް ކުރެވިދާނެ ގޮތްތަކެއް ދެނެގަތުމަށެވެ. މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ކެބިނެޓްގެ ސަބް ކޮމިޓީއެއްގެ ގޮތުގައި އޮންނަ ސޯޝަލް ކައުންސިލްގެ މަޝްވަރާއާއި ލަފައަށް އެދި އިއްޔެ ޕޭޕަރެއް ހުށަހަޅާފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ސޯޝަލް ކައުންސިލްގެ ލަފާ ލިބުމުން މިކަމުގައި ކުރިއަށްދާނީ މަދަނީ ޖަމްޢިއްޔާތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެން ކަމަށެވެ. އަދި ފުރިހަމަ ސިޔާސަތެއް އެކުލަވައިލުމަށްފަހު، އެންމެ ފަހުގެ ގޮތެއް ނިންމުމަށްޓަކައި އަލުން ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ ކަންކަން މެނޭޖްކުރާ ގޮތްތަކަށް އަލިއަޅުއްވާލައްވަމުން، އޮސްޓްރޭލިއާ، ފްރާންސް، ނޯވޭ، އިނގިރޭސިވިލާތް، ޔޫއޭއީ އަދި އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައިވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެ ޑިޖިޓަލައިޒޭޝަނާ ދިމާލަށް ދާއިރު އަދި "މޯލްޑިވްސް 2.0" ސިޔާސަތު ތަންފީޒުކުރަމުންދާއިރު، އުމުރުން 10 އަހަރުން މަތީގެ ކުދިންނަށް އީފާސް މެދުވެރިކޮށް ތަޢުލީމީ އަދި ސިއްހީ ބޭނުންތަކަށާއި ތަރައްޤީއަށް ބޭނުންވާ މުހިންމު ޑިޖިޓަލް ޚިދުމަތްތަކަށް އެކްސެސް ލިބެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންނަމަވެސް ކުދިން އެކްސްޕްލޮއިޓް ކުރުމާއި ބުލީކުރުން ފަދަ ގެއްލުންހުރި ކަންކަމަށް އެކުދިން ހުށަހެޅޭ ސޯޝަލް މީޑިއާ މާހައުލުން އެ ކުދިން ރައްކާތެރިކުރެވޭނެ ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "އެހެންނަމަވެސް މި ދެންނެވި ހާމްފުލް ޗައިލްޑް އެކްސްޕްލޮއިޓޭޝަން ކަހަލަ ކުދިން ބުލީކުރުން ކަހަލަ. އަދި ހާމްފުލް ބައެއް އިންފޮމޭޝަން ކުދިންނަށް އެކްސްޕޯޒްވާ ކަހަލަ މީޑިއާތައް ނޫނީ ސޯޝަލް މީޑިއާތައް އެ ކުދިންނަށް ނުފެންނާނެ ގޮތަކަށް އެ ކުދިންނަށް އޮންލައިންކޮށް ޑިޖިޓަލް އެންވަޔަރަންމަންޓެއްގެ ތެރޭގައި މެނޭޖްކުރެވޭނީ ކިހިނެއްތޯ،" އެއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ޓެކްނިކަލް ޓީމުތަކުން މިހާތަނަށް ދިރާސާކޮށް ބެލިބެލުމުން މިފަދަ ރެސްޓްރިކްޝަންތައް ގެނައުމަށް އެންމެ އެކަށޭނަ އުމުރަކީ 16 އަހަރު ކަމަށް ރެކޮމެންޑޭޝަން ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ޤާނޫނަކަށް އިޞްލާޙެއް ގެނައުމުގެ ކުރިންނާއި، ކެބިނެޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.