އީރާނާ ދެކޮޅަށް ހިންގާފައިވާ އުދުވާނީ އަމަލުތަކުގެ ބަދަލެއްގެ ގޮތުން އެމެރިކާއިން 290 ބިލިއަން ޑޮލަރު ދެއްކުމަށް އީރާނުގެ ކޯޓުތަކުން ހުކުމްކޮށްފައިވާ ކަމަށް އެ ގައުމުގެ ޖުޑިޝަރީގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ.

މި ހުކުމްތަކަކީ އެމެރިކާއާއި އިސްރާއީލު ގުޅިގެން ފަށާފައިވާ އުދުވާނީ ހަނގުރާމަތަކުގެ ތެރޭގައާއި އަދި އޭގެ މާކުރިން ފެށިގެން ހިންގާފައިވާ ކަންކަމާ ގުޅިގެން ނެރެފައިވާ އަމުރުތަކެކެވެ.

އީރާނުގެ ޖުޑިޝަރީގެ ސެންޓަ ފޯ ލޯޔާސް، އޮފިޝަލް އެކްސްޕާޓްސް އެންޑް ފެމިލީ ކައުންސިލާސްގެ ވެރިޔާ ހަސަން އަބްދުލްޔާންޕޫރު މިކަން ހާމަކުރެއްވީ ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ދެކޮޅުވެރި އަމަލުތަކާ ދެކޮޅަށް އީރާނުން ފެށި ގާނޫނީ މަސައްކަތްތައް ފަށާފައިވަނީ ކޯޓުތަކަށް މައްސަލަތައް ހުށަހަޅައި، ގާނޫނީ ވަކީލުން ހަމަޖައްސައި އަދި ގުޅުންހުރި ހެކިތައް ރަސްމީކޮށް ލިޔެކިޔުމަށް ތިރިކޮށްގެންނެވެ.

އަބްދުލްޔާންޕޫރު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް އެންމެ ފުރަތަމަ ފެށިއިރު އީރާނުގެ ކޯޓުތަކުން އެމެރިކާއާ ދެކޮޅަށް ނިންމާފައިވަނީ 40 ބިލިއަން ޑޮލަރަށްވުރެ ކުޑަ އަދަދެއްގެ މައްސަލަތަކެކެވެ. އޭރު އެމެރިކާގެ ކޯޓުތަކުން އީރާނާ ދެކޮޅަށް އޭގެ ގާތްގަނޑަކަށް 30 ގުނަ ބޮޑު އަދަދަކަށް ހުކުމް ހޯދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މިއަދު އީރާނުން ވަނީ އެމެރިކާއާ ދެކޮޅަށް 290 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ ހުކުމްތައް ކާމިޔާބުކޮށްފައި ކަމަށާއި، އޭގެ ތެރެއިން ބައެއް ހުކުމްތައް މިހާރުވެސް ތަންފީޒު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށާއި ހިންގާފައިވާ ޖަރީމާތައް ޑޮކިއުމެންޓް ކުރުމުގެ މަސައްކަތުގައި 19،000 ތަޖުރިބާކާރުން ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވި ކަމަށްވެސް އަބްދުލްޔާންޕޫރު ވިދާޅުވިއެވެ. އަދި އެކި ގައުމުތަކުގެ ތަޖުރިބާކާރުން އީރާނަށް ޒިޔާރަތްކޮށް ހަމަލާތައް އަމާޒުވި ސަރަހައްދުތައް ބަލައި ދިރާސާކޮށްފައިވެއެވެ. މީގެ އިތުރުން، 2020 ވަނަ އަހަރު އީރާނުގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއަށްފަހު އެމެރިކާގެ އޮފިޝަލުން ދެއްކެވި ވާހަކަތަކާއި، ކުރެއްވި ޓްވީޓްތަކާއި، ރަސްމީ ނިންމުންތަކާއި އަމުރުތައް އެއްކޮށް، ގާނޫނީ މައްސަލަތަކުގައި ބޭނުންކުރުމަށް ހާއްސަ ފައިލެއް އެކުލަވާލާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާއިން ކުރަމުންދާ ޕްރެޝަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުލްޔާންޕޫރު ވިދާޅުވީ، އެ ޕްރެޝަރުގެ އެއްބަޔަކީ ޓްރާންސިޓް ފީގެ މައްސަލަތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި އޭގެ ބޮޑު ބައެއް ގުޅިފައިވަނީ އެމެރިކާއާ ދެކޮޅަށް ނެރެފައިވާ ކޯޓު ހުކުމްތަކާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހުކުމްތައް ތަންފީޒު ކުރުމަށް އިތުރު ގާނޫނީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އޮތް ކަމަށާއި، އޭގެ ތެރޭގައި ވަކި އުޅަނދުފަހަރެއް ހިފެހެއްޓުމުގެ މައްސަލަވެސް މި ގާނޫނީ އޮނިގަނޑުގެ ތެރެއިން ބެލިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަމަލާތަކުގެ އިތުރު ތަފްސީލު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، އީރާނުގެ ކުޅިވަރު ސްޓޭޑިއަމަކަށް ދިން ހަމަލާގައި ބޭނުންކުރި މިސައިލްތައް 180 ޓަންގްސްޓެން ވަކިވަކި ބައިތަކަކަށް ބެހިގެންދިޔަ ކަމަށެވެ. އަދި އީރާނުގެ ކޯޓު އިމާރާތަކަށް ހަމަލާދިން ވަގުތު، ޑްރޯންތައް ހަތަރު ގަޑިއިރު ވަންދެން އެ ސަރަހައްދު މަތީގައި އުދުހި، އެމްބިއުލާންސަކަށް ހަމަލާދީ އިމަޖެންސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުރަސްއެޅި ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދެކުނުގެ މިނާބް ސިޓީގެ ޕްރައިމަރީ ސްކޫލަކަށް ދިން ޑަބަލް-ޓެޕް ހަމަލާއަކީ ހިތްފަޅައިގެންދާ ފަދަ ބޮޑު ޖަރީމާއެއް ކަމަށާއި، އެ ހަމަލާގައި 168 ސްކޫލް ކުދިންނާއި މުދައްރިސުން މަރުވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނާބް ސްކޫލް މައްސަލައިގެ ފުރަތަމަ އަޑުއެހުން ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށާއި، ފަސް ބައްރު ތަމްސީލުވާ ގޮތަށް ގާތްގަނޑަކަށް ފަސް ގައުމެއްގެ ގާނޫނީ ވަކީލުންނާއި މާހިރުން އެ އަޑުއެހުމުގައި ބައިވެރިވާނެ ކަމަށް އަބްދުލްޔާންޕޫރު ވިދާޅުވިއެވެ. އޭނާ ވަނީ އަސްކަރީ ގޮތުން ހޯދި ކާމިޔާބީތަކެކޭ އެއްފަދައިން، ގާނޫނީ މައިދާނުގައިވެސް އީރާނުގެ ރައްޔިތުންނަށް އުފާވެރި ކުރިއެރުންތަކެއް ވަރަށް އަވަހަށް އިއްވާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.