" މިއީ ހަމަ މާޔާއޭ. އަހަރެން މަރެއްނުވެޔޭ. އަހަރެން މި ހުރީއެއްނު. އާއިޒްގެ ކުރިމަތީ." މާޔާ ރޮވިފައި ހުރެ ބުންޏެވެ.
އެއާއެކު ބާރުބާރަށް އާއިޒް މާޔާގެ ގައިގައި ބައްދައިގަތެވެ. މާޔާއަށް ވެސް އާއިޒްގެ ބުރަކަށީގައި އޭނާގެ ދެ އަތް ބާރަށް ފިއްތާލިއެވެ. އާއިޒް މާަޔާގެ ގައިގައި ބައްދާލައިގެން ހުރީ ދޫކޮށްލައިފިނަމަ އަނެއްކާ ވެސް ގެއްލިދާނެކަމުގެ ބިރުވެރިކަމާއެކުއެވެ. އާއިޒްގެ ހިތުގެ ތެޅުން ހުރީ އިންތިހާއަށް އަވަސްވެފައެވެ.
" ހިނގާ ދެން ގެއަށް ދާން. އަަހަރެން ހާދަ ދުވަހެއް ވެއްޖެޔޭ ހޮސްޕިޓަލްގައި އުޅެނީ. މާޔާ ކީއްވެ އަހަރެންގެ ހާލު ވެސް ބަލައިނުލީ؟" މާޔާގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން އާއިޒް ސުވާލުކުރިއެވެ.
" އާއިޒް އަހަރެން ދުރުކޮށްލީމަ، އަހަރެން ދިޔައީ ދުރަށް. އެކަމަކު އަބަދުވެސް އަހަރެންގެ ހިތް ބުނޭ އާއިޒް އަހަރެން ހޯދާނެޔޭ. އާއިޒް އަހަރެން ބަލައި އަންނާނެޔޭ." މާޔާ ވާހަކަދައްކަމުން ދިޔައީ ކުޑަކުއްޖަކު ފަދައިންނެވެ.
އެއާއެކު އަނެއްކާ ވެސް އާއިޒް މާޔާގެ ގައިގައި ބާރަށް ބައްދާލިއެވެ.
" އަމިއްލަ ނަފްސު ކުށްވެރިކޮށްކޮށް އަހަރެން ވަރުބަލިވީ. ލޮލަށް ނިންޖެއް ނާދެ. އެކަން ވެސް އެންމެ ފަހުން ބައްޔަކަށް ވީ. " މާޔާގެ ބުރަކަށީގައި އަތް ހިންގާލަމުން އާއިޒް ބުންޏެވެ.
އެއާއެކު މާޔާ ކުޑަކޮށް އާއިޒާ ދުރަށް ޖެހިލިއެވެ. އަދި ގަދަކަމުން ހީލަމުން ވާހަކަ ދައްކަން ފެށިއެވެ.
" މިހާރު ދެން ޑޮކްޓަރުން ކުރަނީ ކީއް؟" މާޔާ އެހިއެވެ.
" ތެރަޕީ ދެނީ. އަސްލު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ. އޭރު ދޮންތަ ބުނީ އަހަންނަށް އެކަނި އުޅެވޭވަރެއް ނޫނޭ. އެހެންވެ މިތަނަށް ގެނެސްގެން ފަރުވާ ދިނީ. މާޔާއަށް ކިހިނެއް... ކިހިނެއް މިތަނަށް އަންނަން އެނގުނީ؟" އާއިޒް އެހިއެވެ.
އެއާއެކު މާޔާ ލުއިގޮތަކަށް ހީލިއެވެ.
" ދޮންތަ ބުނެގެން އަހަރެން އައީ. ދޮންތަ އަހަންނަށް ހުރިހާ އެއްޗެއް ކިޔާދިން. އާއިޒްގެ ޙާލަތު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ." މާޔާ ބުންޏެވެ.
" އަހަރެންގެ ޑޮކްޓަރު ކައިރީ މާދަމާ ބުނާނަން، އަހަރެން މި ތަނުން ދޫކޮށްލާށޭ." އާއިޒް އަވަސް އަވަހަށް ބުނެލިއެވެ.
" އަދި ފަރުވާ ފުރިހަމަ ކުރެވުނީމައެއްނު ދޫކުރެވޭނީ؟" މާޔާ ބުނެލިއެވެ.
އެއާއެކު އާއިޒް މާޔާގެ ދެ އަތުގައި ހިފާލިއެވެ.
" އަހަރެންގެ އަތުން ދެވަނަ ފަހަރަށް މާޔާ ބީވެގެން ދިޔުމުގެ ކުރިން، އަހަރެން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން." އާއިޒް ބުނެލިއެވެ.
އެއާއެކު މާޔާ ކަންބޮޑުވެއްޖެއެވެ. ކުއްލިއަކަށް ނަޖާހު މަތިން ހަނދާންވެއްޖެއެވެ. އާއިޒްގެ އަތުގެ ތެރެއިން އަތް ދަމައިގަންނަމުން އޭނާ އަވަސް އަވަހަށް ކޮނޑުގައި އޮތް ދަބަސްތެރެއަށް އަތްކޮއްޕާލިއެވެ. އޭރު އާއިޒް ހުރީ ކަންބޮޑުވެފައި މާޔާގެ ހަރަކާތްތަކަށް ބަލާށެވެ.
ދަބަހުން ފޯނު ނެގުމަށްފަހު، މާޔާ ފޯނާ ކުޅެން ފެށިއެވެ.
" ކިހިނެއްވީ؟ ކާކު ގުޅީ؟" އާއިޒް އެހިއެވެ.
" އެއީ... ޒިމް އަހަރެން ހޯދާނެތީ އޭނައަށް ގުޅާލަން ވެގެން." މާޔާ ބުނެލިއެވެ.
އޭނާ އާއިޒަށް ފުރަގަސް ދެމުން ތަންކޮޅެއް ކުރިއަށް ހިނގައިގަތީ ފޯނު ސްކްރީނަށް ބަލަމުންނެވެ. އޭރު ނަޖާހުގެ ހައެއްކަ މިސްކޯލާއި ޒިމްނާގެ ބައިވަރު މެސެޖްތައް ލިބިފައި ހުއްޓެވެ.
" ހަލޯ! " ހާސްވެ ހުރެ މާޔާ ބުނެލިއެވެ.
" ހަލޯ ޔޯ؟ އަޅެ މާޔާ ކޮންތާކުތަ؟ އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ. މެސެޖްވެސް ކޮށްފިން. ވީނުވީ ގޮތެއް ބުނެލީމައެއްނު އެނގޭނީ." ހިތްހަމަނުޖެހިފައި ހުރެ ޒިމްނާ ބުންޏެވެ.
" ކުޑަކަމެއް ދިމާވިއްޔޭ. އަހަރެން އެބަ ދަން. " މާޔާ ބުންޏެވެ.
" ނަޖާ ވެސް މާޔާގެ ހަބަރެއް ނުވެގެން އަހަންނަށް ވަރަށް ގުޅައިފި." ޒިމްނާ އެހެން ބުނި އަޑު އިވުނު ނަމަވެސް މާޔާ ފޯނު ކަނޑާލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ފަހަތް ބަލައިލިއިރު އާއިޒް އައިސް ހުރީ އޭނާއާ ދާދި ގާތުގައެވެ. މާޔާ ދިޔައީ ސިހިގެންނެވެ.
" ދަނީތަ؟" އާއިޒް އެހިއެވެ.
" އާނ! ވަރަށް އިރުވެއްޖެ ދަތުރުގައި އުޅެނީ. ވަރަށް ޓަޔަޑް ވެސް ވެއްޖެ. ނިދިވެސް އެބައާދޭ. ޒިމްނާއަށް ނިދޭނީ ވެސް އަހަރެން ދިޔައީމައެއްނު." މާޔާ ވަރުބަލިކަމާއެކު ބުނެލިއެވެ.
" މިތާ ނިދަންވީނު. " އާއިޒް ބުނެލިއެވެ.
އެއާއެކު މާޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
" ކީއްވީ؟ ތިއީ އަހަރެންގެ ވާންއުޅޭ އަނބިމީހާއެއްނު." އާއިޒް އަނެއްކާ ވެސް މާޔާގެ ދެ އަތުގައި ހިފިއެވެ.
" އެކަމަކު މިތާ ކިހިނެއް ނިދާނީ؟" މާޔާ ޖެހިލުންވިއެވެ.
އެއާއެކު ކުއްލިއަކަށް އާމިރާ އެތެރެއަށް ވަދެއްޖެއެވެ. އާމިރާ ފެނުމާއެކު އާއިޒް ހެވިފައި ހުރެ ވާހަކަ ދައްކަން ފެށިއެވެ.
" ދޮންތަ އަހަންނަށް ސަޕްރައިޒެއް ދިނިއްޔޭ ދޯ. ވަރަށް އުފާވެއްޖެ އަހަރެން. ދެން އަވަހަށް މިތަނުން ގެއަށް ދާން އުޅޭ." ކެތްތެރިކަން ކުޑަވެފައި ހުރި އާއިޒް ބުންޏެވެ.
" ނޫނޭ! ގެއަަކަށް ނުދެވޭނެއެއްނު. އާއިޒްގެ ފަރުވާ އަދި ނުނިމެޔޭ." އާމިރާ ބުންޏެވެ.
" އެކަމަކު މިހާރު މާޔާ އަނެއްކާ ވެސް ގެއަށް އެ ދަނީ. ދާ ގޮތަށް އެނބުރި ނައިއްޔާޔޯ؟" އާއިޒް ކަންބޮޑުވެފައި ހުރެ ބުންޏެވެ.
" އަހަރެން އަންނާނަމޭ. މާދަމާ އަންނާނަން. އާއިޒް ވެސް ދެން ނިދާލާ." މާޔާ ބުންޏެވެ.
" އަހަރެންގެ އަތަކު ނެތް މާޔާގެ ނަންބަރެއް ވެސް. " އާއިޒް ބުންޏެވެ.
" ދޮންތަ އަތުގައި އެބައޮތޭ މާޔާގެ ނަންބަރު. އާއިޒް ދެން ހަމަޖެހިލަބަލަ! މާޔާ ދޭ ގެއަށް ގޮސް ނިދާލަން. " މާޔާގެ ގައިގައި އަތް ޖައްސާލަމުން އާމިރާ ބުންޏެވެ.
" އެކަމަކު އެހާ ދުވަސްކޮށްފައި މާޔާ ފެނުނީމަ އަހަރެން ބޭނުމެއް ނޫން މާޔާ ފޮނުވާލާކަށް." އާއިޒް ބުންޏެވެ.
" އާއިޒް! ކޮއްކޯ! މާޔާ އެއާޕޯޓުން ސީދާ މި ތަނަށް އެ އައީ. މިހުރީނު މާޔާގެ ފޮށި ވެސް. ބަނޑުހައި ވެސް ވާނެއެއްނު. ދިޔަދީބަލަ!" އާމިރާ މަސައްކަތް ކުރީ އާއިޒަށް ވިސްނައިދެވޭތޯއެވެ.
" އެކަމަކު މާދަމާ ވާނެ އަންނަން. އަހަރެން ޑޮކްޓަރު ކައިރި ބުނާނަން ދެން މިތާ ހުރުމުގެ ބޭނުމެއް ނެތޭ. " ހަމަޖެހިލާފައި އާއިޒް ބުނެލިއެވެ.
ފުންނަޒަރަކުން އާއިޒްގެ މޫނަށް ބަލައިލުމަށްފަހު، މާޔާ އާމިރާއާއެކު ބޭރަށް ނިކުތެވެ. އޭރު އާމިރާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.
" ކޮއްކޮ އެހާ އުފަލުން ހުއްޓައެއް އަދި ނުދެކެން" އާމިރާ ބުންޏެވެ.
ހިނިތުންވެލުމަކުން މާޔާ ފުއްދާލިއެވެ.
" މާދަމާ އަންނައްޗޭ. " އާމިރާ އެދުނެވެ.
މާޔާ ބޯ ޖަހާލީ މަގުމަތިން ކާރެއް ހުއްޓުވަން އަތް ނަގަމުންނެވެ.
" މާދަމާއަކީ އޮފީސް ދުވަހެއް. އޮފީސް ނިންމާފައި އަންނާނަން." މާޔާ ބުންޏެވެ.
މާޔާ ކާރަށް އަރަންދެން އާމިރާ ހުރީ މަޑުކޮށްގެންނެވެ. ކާރު ދުއްވާލުމާއެކު އޭނާ އަވަސް އަވަހަށް ހޮސްޕިޓަލަށް ވަނެވެ.
ސީޓުގައި ލެނގިލަމުން މާޔާ ފޯނު ނަގައި، ކަންބޮޑުވެގެން ނަޖާހު ފޮނުވާފައި ހުރި މެސެޖްތައް ކިޔާލިއެވެ. އެއާއެކު އޭނާއަށް ތަފާތު އުނދަގޫތަކެއް ވާންފެށިއެވެ. ހިތަށް ބަރުވެ، ހިތުގައި ބިރުވެރިކަން އުފެދެންފެށިއެވެ.
ފޮށި ހިފައިގެން މާޔާ ގެއަށް ވަތް އިރު ޒިމްނާ އިނީ ސޮފާގައެވެ. މާޔާ ފެނުމާއެކު އޭނާ ކޮޅަށް ތެދުވީ ހައިރާންކަމާއެކު ބަލަމުންނެވެ.
" ފޮށި ހިފައިގެން ކޮންތާކަށް ވަނީ؟" ޒިމްނާ އެހިއެވެ.
" ކިހިނެއްވީތަ؟ ހާދަ ރީތިވެގެން ތި އިނީ؟" ޒިމްނާގެ ސުވާލާމެދު ފަރުވާލެއް ނުބަހައްޓާ، މާޔާ ވެސް ސުވާލު ކުރަން ފެށިއެވެ.
" އަހަރެން މި ހުރީ މާޔާ އަންނަން ވާއިރަށް ކާން ދާން ވެގެން ރެޑީގައި. އެހެންވެ މިރޭ އެއްވެސް އެއްޗެއް ނުކައްކަން. " ޒިމްނާ ބުންޏެވެ.
އެއާއެކު މާޔާ ސޯފާމައްޗަށް ވެއްޓިގަތެވެ.
" ދެން ނޫން. ވަރަށް ވަރުބަލި. އަޅެ އޯޑަރ ކޮށްގެން ގެނެސްބަ." މާޔާ އެދުނެވެ.
" ދެން ތެދުވެގެން ދޭ ރީތިވާން. އިހަށް ބުނެބަލަ ކޮންތާކުންތަ ތި އައީ؟" އަނެއްކާ ވެސް ޒިމްނާ އެހިއެވެ.
" ދެން އެ ވާހަކަ ފަހުން ދައްކާނީ. ނެތް މޫޑެއް. ނަޖާހު ގުޅިތަ؟" ކަންނެތްކަމާއެކު މާޔާ އެހިއެވެ.
" ގުޅާނެއެއްނު ކަލޭ ހަބަރެއް ނުވީމަ. ދެން ވެސް އަވަސްކޮށްބަލަ." ޒިމްނާ ބުންޏެވެ.
" އޭނަ ވެސް ކާން ދޭ؟" މާޔާ އެހިއެވެ.
" އޭނަ ވީ ތަނެއް ނޭނގެ. މަށާ ޔޫ އާ ދާނީ. " ޒިމްނާ އަނެއްކާ ވެސް ބުންޏެވެ.
މާޔާ މަޑުމަޑުން ސޯފާއިން ތެދުވެއްޖެއެވެ. އެއާއެކު ޒިމްނާ އޭނާ ހުއްޓުވިއެވެ.
" އެކަމަކު އެއާޕޯޓުން ގެއަށް ނައިސް ދެން ކޮންތާކަށްތަ ތި ދިޔައީ؟ ފޯނު ވެސް ނުނަގާ." ޒިމްނާ އެހިއެވެ.
" އަޅެ ޒިމް. އަހަރެން ހަމަޖެހިގެން ތި ވާހަކަ ކިޔައިދޭނަމޭ. ވަރަށް ބަނޑުހައި. " އެހެން ބުނެ، މާޔާ ލަސްލަހުން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
މާޔާ ކޮޓަރިއަށް ވަނުމާއެކު ޒިމްނާ ނަޖާހުއަށް ގުޅިއެވެ. އަދި މާޔާ ތައްޔާރުވީމަ ގޮވައިގެން ދާނެ ވާހަކަ ވެސް ބުނެލިއެވެ.. ނަމަވެސް މާޔާ ވީ ތަނެއް ނޭނގިގެން ނަޖާހު ހުރީ މާ ބޮޑަށް ވެސް ކަންބޮޑުވެފައެވެ. އެހެންވެ، ނަޖާހުގެ ސުވާލުތަކުން ޒިމްނާއަކަށް ސަލާމަތެއް ނުވެވުނެވެ.
" ފަހުން ބުނާނަމޯ ބުނީ. ނަޖާ ރެޑީތަ؟ އަހަރެން އޭނަ ޓެރަހަށް ފޮނުވާފަ ކޮންމެވެސް އެއްޗެއް ކިޔާފަ ރައްކާވާނަން. " ޒިމްނާ އޭނާގެ ޕްލޭން ކިޔައިދިނެވެ. އެއާއެކު ނަޖާހުގެ ހިތަށް ހަމަޖެހުން ލިބުނު ކަހަލައެވެ.
އިރުކޮޅެއްގެ ތެރޭގައި ތައްޔާރުވެގެން ނިކުތް މާޔާއަށް ބަލައިލަމުން ޒިމްނާ ހީލިއެވެ.
" އަވަހަށް ހިނގާ." ޒިމްނާ އަވަސް އަވަހަށް ބުންޏެވެ.
" ކައިރި ތަނަކަށް ދޯ ދާނީ. ވަރަށް ވަރުބަލި." ގެއިން ނިކުންނަމުން މާޔާ ބުންޏެވެ.
" މަސް ފެށޭ ކޮޅު ނުދާނެ ދޯ ކައިރި ތަންތަނަކަށް. އަހަރެން ދާނީ ރީތި ތަނަކަށް." ސައިކަލާ ދިމާލަށް ހިނގައިގަންނަމުން ޒިމްނާ މާޔާގެ އަތުގައި ހިފިއެވެ.
" އަހަރެން މި ހުރީ ނަޖާއަށް ގުޅަން ވެސް ނުކެރިފަ." މާޔާ ބުންޏެވެ.
" އެޔޯ؟ އޭނައަށް ނުގުޅަންތަ އަދިވެސް؟" ޒިމްނާ އެހިއެވެ.
" އާނ! އަސްލު ވަރަށް އެހެންކަހަލަ ގޮތެއް ވެގެން." މާޔާ ބުންޏެވެ.
ޒިމްނާ ސައިކަލަށް އެރުމާއެކު، މާޔާ ވެސް އޭނާގެ ފަހަތަށް އަރައިފިއެވެ.
" ކީއްތަވީ؟ ނަޖާއާ މައްސަލަ ޖެހުނީ؟" ޒިމްނާ އަހާލިއެވެ.
" ނޫނެކޭ. އެނގޭތަ އަހަރެން މި އައީ ކާކު ކައިރިއަށް ގޮސް ކަމެއް؟" މާޔާ އެހިއެވެ.
އެއާއެކު ޒިމްނާ ބޯ ހޫރާލިއެވެ.
" އާއިޒް ކައިރިއަށް." މަޑުމަޑުން މާޔާ ބުންޏެވެ. މާޔާގެ ޖުމްލައިން ޒިމްނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
" އޭނ! ވަޓް؟ ކިހިނެއް އާއިޒްއާ ދިމާވީ؟" ޒިމްނާ އެހިއެވެ. އޭރު ޒިމްނާގެ ހިތުގައި ވެސް ބިރުވެރިކަން އުފެދެމުންދެއެވެ.
ޒިމްނާއަށް ކިޔައިނުދީ މާޔާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ މަޑުމަޑުން އިނދެ ހުރިހާ ވާހަކައެއް ޒިމްނާއަށް ކިޔައިދިނެވެ.
" އަހަރެން ވަރަށް އުފާވި އަދި ދެރަވެސްވި އާއިޒް ފެނުނީމަ." މާޔާ އެންމެ ފަހުން ބުންޏެވެ.
ރައްދުގައި ބުނާނެ އެއްވެސް އެއްޗެއް ޒިމްނާއަކަށް ނޭނގުނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ނަޖާޙު، މިރެޔަށްޓަކައި ކުރަމުންދާ އުއްމީދުތަކެވެ.
" ޒިމް! ކިއްވެތަ އެއްޗެއް ނުބުނެ ތި ހުރީ؟" މާޔާ އެހިއެވެ.
" ކީކޭ ބުނާނީ ދެން؟ އަހަރެން މި ހިތަށް އަރަނީ ނަޖާއަށް ޔޫ ކުރި ޝަރުޠު މަތިން. ދެން ކިހިނެއް ހަދަނީ؟" ޒިމްނާ އެހިއެވެ.
" އަހަރެން ނަޖާ ދެކެ ލޯބި ވުމުގެ ކުރިން އާއިޒް އަހަންނަށް ލިބުނީއެއްނު. " މާޔާ ފަސޭހަކަމާއެކު ބުންޏެވެ.
" ދެން؟ ނަޖާ ދޫކޮށްލަނީ؟" ޒިމްނާ އެހީ ހާސްކަމާއެކުއެވެ.
" ނަޖާ އޮތީ އެކަމަށް އެއްބަސްވެފައެއްނު. މި ދުވަސް އަތުވެދާނެތީ އަހަރެން ކުރީބައިގައި ތި ދެ މީހުންނަށް ވެސް އެ ވާަހަކަ ކިޔައިދިނިން. އެ ގޮތް ނަޖާއަށް ވެސް ހަމަ އޯކޭ އެއްނު." މާޔާ ބުނެލިއެވެ.
އޭރު އެ ދަތުރު އެ މީހުންގެ މަންޒިލަށް ފޯރައިފިއެވެ.
" މި ތަނަށް؟" ހައިރާންވެފައި މާޔާ އެހިއެވެ.
" އާނ! ރެސްޓޯރެންޓް ހުންނާނީ އެންމެ މަތީގައި.." ޒިމްނާ ބުންޏެވެ.
" އޯހް! ބޭގް ބަހައްޓާފައި މި އާދެވުނީ. އަޅޭ. އެބަ އަންނަން ހިފައިގެން. ޔޫ ގޮސް އޯޑަރ ދީ." ޒިމްނާ ބުނެލިއެވެ.
" އުނހު. އަހަރެން ވެސް ދާނަން." މާޔާ ބުންޏެވެ.
" އަޅެ. ވަރަށް ފުލްވާނެ. އަލަށް ހުޅުވި ތަނެއްވީމަ މީހުން އަންނާނެއެއްނު. ދޭބަލަ އަރަން. މި އަންނަނީއޭ." ޒިމްނާ ބުންޏެވެ. އެއަށް ފަހު މާޔާ ސައިކަލަށް އެރުމުގެ ކުރިން އޭނާ ދުއްވާލިއެވެ.
އޭރު ޒިމްނާ ހުރީ މުޅިން އުދާސްވެފައެވެ. މާޔާގެ ނިންމުމާމެދު އޭނާ އެއްގޮތަކަށް ވެސް ނުރުހެއެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!