" ބައްޕާ! އާދޭ ސައިބޯން." މާޔާ ހެވިލާފައި އެހެން ބުނި އިރު، އިސްޖަހާލައިގެން އިން ސުވޭދާ ތައްޓަށް ރޮށި ފުނޑުވަމުންދިޔައެވެ.
ބޭއިޙްތިޔާރުގައި ރާޒީއަށް ސުފުރާ މައްޗަށް ނަޒަރު ހިންގާލެވުނެވެ. އެއާއެކު ދުން އަރަމުންދިޔަ ބަނބުކެޔޮ ރިހަ ތައްޓާއި ތެލުލި މުށިމަސް ތަށި ފެނި، އޭނާ ދަހިވެއްޖެއެވެ. އެ ފަދަ މީރު ކެއުމެއްގެ ރަހަ އޭނާއަށް ނުލިބޭތާ ލައްކަ ޒަމާންވެއްޖެއެވެ. ދަރިފުޅުގެ އެދުމަށް އާނއެކޭ ބުނަން ބޭނުންވި ނަމަވެސް، ރާޒީ އިންތިޒާރުކުރީ ސުވޭދާގެ ބަހަކަށެވެ.
" ބައްޕާ؟" މާޔާ ތަންކޮޅެއް ބާރަށް ގޮވާލުމާއެކު ރާޒީ ދިޔައީ ސިހިގެންނެވެ. އެއާއެކު ސުވޭދާއަށް ވެސް ރާޒީއާ ދިމާލަށް ބަލައިލެވުނެވެ.
" ދަރިފުޅު މަންމަ ހިތްހަމަނުޖެހިދާނެތީވެ." ރާޒީ މަޑުމަޑުން ބުންޏެވެ.
" އަހަރެން ނުބުނަން ރާޒީ މި ގެއަށް ނާންނާށެކޭ. ދަރިންނާއެކު ރާޒީއަށް މި ގޭގައި މަޑުކުރެވޭނެ. ކާންވެސް ކެވޭނެ. މިއީ ރާޒީގެ ވެސް ގެ. ގުޅުން ކެނޑުނީ ދަރިންނަކާ ނޫން. އަހަންނާ." ސުވޭދާ އެހެން ބުނުމަށްފަހު ކާން ފެށީ، ރާޒީއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ.
" އާދެބަލަ ބައްޕާ! ބަނބުކެޔޮ ރިހަ ފެނުނީމަ ވެސް ބައްޕަ މަތިން ހަނދާންވީ. " އޯގާތެރިކަމާއެކު މާޔާ ބުންޏެވެ.
މަޑުމަޑުން އައިސް ރާޒީ މާޔާ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އެއާއެކު އަނެއްކާ ވެސް ސުވޭދާ ވާހަކަ ދައްކަން ފެށިއެވެ.
" ދަރިންގެ ހިތުގައި ރާޒީއާ މެދު އޮތް ލޯބި އަދިވެސް އެބައޮތް. އަހަރެން ނޫޅެން ރާޒީއާ ދަރިން ދުރު ކުރާކަށް." ސުވޭދާ ބުންޏެވެ.
" އަހަންނަށް އެނގެޔޭ އެކަން. މާޒިން ވެސް އަހަންނާ ވާހަކަ ދައްކާ. ފިރާޝާ ވެސް މަގުމަތިން ފެނިގެން ވަރަށް އުފަލުން ވާހަކަ ދައްކާ." ރާޒީ ބުނެލިއެވެ.
" ރާޒީއަށް މަދުވީ އެއްވެސް އެއްޗެއް ނެތެއްނު. " ސުވޭދާ އަސަރާއެކު ބުންޏެވެ.
އެއާއެކު ބޭއިޙްތިޔާރުގައި ރާޒީއަށް ސުވޭދާގެ މޫނަށް ބަލައިލެވުނީ މޮޅިވެރި ގޮތަކަށެވެ.
" ކިހިނެއް އެނގެނީ އަހަރެން އުޅެނީ އުފަލުގައި ކަމެއް؟" ރާޒީ އެހެން ބުނުމުން ސުވޭދާ އެއްމިޔަކަނުން ހީލިއެވެ.
" އުފަލުގައި އުޅޭކަށް ނޫންތަ އަހަރެން ވަރިކޮށްފައި ސާދުނާއާ އިނީ. " ސުވޭދާ ބުންޏެވެ.
" މަންމާ! ދެން އެ ވާހަކަ ނުދައްކަންވީނު ބައްޕަ ވެސް.. އަހަރެން މިރޭ ފުރަމޭ. ވަރަށް އުފަލުން މި އިންނަނީ މަންމައާއި ބައްޕައާއެކު އެއް ސުފުރާއެއްގައި ކާން އިނދެވުނީމަ." މާޔާ އަވަސް އަވަހަށް ބުނެލިއެވެ.
އޭނާ ބޭނުންވީ އެ ވަގުތުކޮޅަކީ އުފާވެރި ވަގުތުކޮޅަކަށް ހަދާށެވެ.
" ދަރިފުޅު ދެން މީހަކާ އިންނަންވީއޭ. އޭރުން މަންމައަށް ވެސް މާލެ ބަދަލުވެވޭނީ. މިހާރު ރަށުގައި ދިރިއުޅޭ ހިތެއް ނުވެ." ސުވޭދާ ބުންޏެވެ.
އެއާއެކު ރާޒީއަށް އުނދަގޫވެއްޖެއެވެ.
" ކީއްކުރަން މާލެ ބަދަލުވަނީ؟ " އަވަސް އަވަހަށް ރާޒީ ސުވާލު ކުރިއެވެ.
" ކީއްކުރަން މިތާ އުޅެނީ؟" ސުވާލާ ވިއްދައި ސުވޭދާ ވެސް ކޮށްލީ ސުވާލެކެވެ.
" މަންމަ ގެންދާނަން އަހަރެން ހަމަޖެހިލާފައި. މީހަކާ އިންނާނީ ރަނގަޅު، އިތުބާރު ކުރެވޭ މީހަކު ލިބުނީމަ. އޭރު ކަންތައް ވީ ގޮތް މަންމަމެންނަށް ކިޔައިދިނީމެއްނު. އެހެންވެ އަހަރެން ދެން އެ ކަހަލަ ކަމަކާ އުޅޭނީ ވަރަށް ވިސްނާފަ." މާޔާ ބުންޏެވެ.
" ހާދަ މީރޭ. މަންމަ ކައްކާ އެއްޗެހީގެ ރަހަ އެހެން މީހަކަށް ނުގެނެވޭނެ." މައުޟޫ ބަދަލުކޮށްލަމުން ރާޒީ ބުނެލިއެވެ.
" ތި ބުނީ ސާދުނާ ކައްކާ އެއްޗެހި ނުބައޭތަ؟" މަލާމާތުގެ ރާގަކަށް ސުވޭދާ ބުނެލިއެވެ.
އެއާއެކު މާޔާއަށް ކުޑަކޮށް ހެވުނެވެ.
" މަންމާ! ދެން ތިކަހަލަ އެއްޗެހި ނުކިޔަބަލަ. " މާޔާ ބުންޏެވެ.
" މަންމަ މި ހުންނަނީ އެއްޗެއް ނުކިޔަން ވެގެން. ބައްޕަ މި ގެއިން ދިޔަ ގޮތަށް ދަރިފުޅު އައި ފަހުން މި ގެއަށް އެ ވަނީ. ކިތަންމެ ރުޅި އަޔަސް ދަރިން ތިބިއްޔާ ގުޅުމެއް ނުކެނޑޭނެ ދޯ ރާޒީއަކަށް." ސުވޭދާ ބުންޏެވެ.
އެއާއެކު މާޔާ ހީލިއެވެ. އޭރު ރާޒީ ވެސް ހެވިފައި އިނދެ ސުވޭދާއަށް ބަލަމުން ދިޔައެވެ.
" އަހަރެން ސުވޭދާދެކެ ރުޅިއެއް ނާދެޔޭ. ގުޅުމެއް ވެސް ނުކަނޑަން." ރާޒީ ބުންޏެވެ.
" މަންމަ އެއްޗެހި ގޮވާފާނެތީ ބިރުން ދޯ ބައްޕަ ނާންނަނީ." މާޔާ ބުންޏެވެ.
" މަންމަ އިތުރަށް ކޯއްޗެއް ކިޔަންވީ؟ ދެން ނެތް ކިޔާނެ އެއްޗެއް. ދަރިން ބޮޑެތި ވީމަ އެ ހުރިހަ ސަކަރާތެއް ޖަހަންފެށީ. ހާދަ ފޫއްސެއްވެޔޭ." ތަށި ހިފައިގެން ސުވޭދާ ތެދުވެގެން ބޭރަށް ނިކުތެވެ.
" އަދިވެސް މަންމަ ބައްޕަދެކެ ހާދަ ލޯބިވެޔޭ. އަޅެ ބައްޕަ ކީއްވެގެންތަ ދެން؟ އަހަރެން ތި ވާހަކަތައް ނުދައްކަން މި ހުންނަނީ. އެކަމަކު މިއަދު ވަރަށް އުފާވެއްޖެ މަންމައާ ބައްޕަ އެއްތާކުން ފެނުނީމަ ވެސް. " މާޔާ އޭނާގެ ބައްޕަގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.
" އަހަރެން ހިއެއް ވެސް ނުކުރަން ފުރުމުގެ ކުރިން މު ފުރުޞަތު ލިބޭނެކަމަކަށް." އަނެއްކާ ވެސް މާޔާ ބުންޏެވެ.
" މަންމަ ކޫލްވެފައި އެ ހުރީ މާޔާ ހުރީމައޭ. އެހެން ނަމަ ބައްޕަ ފެންނައިރަށް ފުއްޕާލާނެ." ރާޒީ ބުންޏެވެ.
އެއާއެކު މާޔާ ރާޒީގެ މޫނަށް ބަލައިލިއެވެ.
" އެހެންނު ވާނީ ވެސް. ބައްޕަ ތި ކުރި ކަމަކުން މަންމަ ކިހާ ދެރަވާނެ. މަންމަ މިއަދު ކިހާ އެކަނިވާނެ. އެހެންވެ މާލެ ދާން ވެސް އެ އުޅެނީ. މިހާރު ހަމައަކަށް އެޅިފައި ހުއްޓަސް، އަސްލު މަންމަ ކުރި ހިތާމަ ބައްޕައަށް އެނގޭތަ؟ " މާޔާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
" އަދި ރަނގަޅުވާނެ ކަންތައްތައް." ރާޒީ ބުނެލިއެވެ.
" ބައްޕަ ތި އުޅެނީ އުފަލުގައިތަ؟" މާޔާގެ ސުވާލާއެކު ރާޒީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކޮންމެވެސް ވަރަކަށް ލޮލުން ކަރުނަ ހިލުނު ނަމަވެސް ރާޒީ އަވަސް އަވަހަށް ހިނިތުންވެލީ އޭނާގެ އުދާސްތައް ދަރިފުޅަށް ފޮރުވުމަށްޓަކައެވެ.
" ހޫމް. ރަނގަޅު. " ރާޒީ ދިނީ ފިނި ޖަވާބެކެވެ.
" ދަރިފުޅު ފުރަންދަމުން ބައްޕައަށް ގުޅާލައްޗޭ. އޭރުން ނިކުންނާނަން ބަނދަރަށް." ރާޒީ ބުނެލިއެވެ.
ފަރުވާތެރިކަމާއެކު ރާޒީގެ މޫނަށް ބަލަހައްޓައިގެން އިނދެ މާޔާ ބޯ ޖަހާލިއެވެ.
ނަޖާހު ބޭނުންވާ ގޮތަށް ޓެރަސް ތައްޔާރުކޮށް ނިމިއްޖެއެވެ. އޭނާ މިހާރު ހުރީ މާޔާ މާލެ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
" ބަލާ ނުދާށޭ ބުނީމަ އެއަރޕޯޓަށް ނުދާނަން. އެކަމަކު މިރޭ އަހަންނަށް މާޔާ ފެނިދާނެބާ؟" ނަޖާހުގެ މެސެޖް މާޔާ ކިޔާލީ ބޯޓަށް އަރާފައެވެ.
" މިރޭ ވަރަށް ވަރުބަލިވާނެ. މާދަމާ ދިމާވާނަމޭ." މާޔާ ބުނެލިއެވެ.
ނަޖާހުއަށް އެއްވެސް ކަމެއް ސިއްރުކުރަން ބޭނުން ނުވިނަމަވެސް، އާއިޒްގެ ވާހަކަ ސިއްރުކުރަން އޭނާއަށް ވަނީ ފާޑެއްގެ މަޖުބޫރެއްވެފައެވެ.
މާޔާގެ ޖަވާބު، ނަޖާހު ޒިމްނާއަށް ފޮނުވާލިއެވެ.
" މާޔާ ކިތަންމެ ވަރުބަލިވެފައި ހުއްޓަސް، ކޮންމެވެސް ގޮތަކުން މިތަނަށް ގެނެސްދެއްޗޭ. ޕްލީޒް." ނަޖާހު ލިޔެލިއެވެ.
ޒިމްނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ނަޖާހު، މާޔާދެކެ ލޯބިވާވަރު ޒިމްނާއަށް އެނގެއެވެ. އެ ގުޅުން ހީނަރު ނުވެ، ކުރިއަށް ގެންދަން ޚުދު ޒިމްނާ ވެސް އިންތިހާއަށް ބޭނުންވެއެވެ.
ހާސްހިތަކައިގެން މާޔާ ފޮށި ހިފައިގެން ނިކުތުމާއެކު އާމިރާ އޭނާއަށް ގުޅަން ފެށިއެވެ. ފޯނުން ވާހަކަ ދައްކަމުން މާޔާ ގޮސް އާމިރާގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު އާމިރާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އާމިރާއާއެކު މާޔާ ގޮސް ކާރަށް އެރި އިރު ވެސް މާޔާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ.
" މާޔާ ފެނުނީމަ އާއިޒް ކީކޭބާ ބުނާނީ؟ " އާމިރާ ބުންޏެވެ.
މާޔާ ހިނިތުންވެލިއެވެ. މާޔާ އިނީ އޭރު ވެސް އާއިޒް ދެކޭ ހިތުން ކެތްމަދުވެފައެވެ.
" އާއިޒަށް އަހަރެން ފެނުނީމަ އެނގޭނެތަ؟" މާޔާ އެހިއެވެ.
" ތި ބުނީ؟" އާމިރާ ހައިރާންވިއެވެ.
" މި ބުނީ އާއިޒް ހަނދާންހުރޭހޭ؟" މާޔާ އެހިއެވެ.
" އޭނަ މޮޔައެއް ނޫނޭ. ސިކުނޑި ހަމަޖެހެޔޭ. އޭނަ މާ ބޮޑަށް ވިސްނީމަ ޑިޕްރެޝަނަށް ގޮސް ހުސްވީ. މިހާރު ތެރަޕީތަކާ އެއްޗެހި ނަގައިގެން ވަރަށް ބޮޑަށް ރަނގަޅު. ނިދި ވެސް އެބަ ރަނގަޅުވޭ. އެކަމަކު މާޔާގެ ވާހަކަ ދައްކާއިރު ބުނަނީ މަރުވެފައޭވީ. ޑޮކްޓަރ ބުނީ އެއީ އޭނަގެ ހިޔާލުތައް އޭރު ހުރި ގޮތޭ. " އާމިރާ ބުންޏެވެ.
މާޔާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އިތުރަށް އާމިރާއާ ވެސް އެއްވެސް ސުވާލެއް ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ އިނީ އާއިޒް ދެކިލުމަށް ކެތްމަދުވެފައެވެ.
" އަދިވެސް ގެއަށް ނާދޭތަ؟" ނަޖާހު ބުނެލިއެވެ.
" އާނ. އެކަމަކު މިހާރު ފްލައިޓް ޖައްސާނެ. ފޯނެއް ވެސް ނުނަގައޭ. މެސެޖެއް ކޮށްލީ ފަހުން ގުޅާނަމޯ." ޒިމްނާ ބުނެލިއެވެ.
" އެކަމަކު... ގެއަށް ނައިސް ކޮންތާކަށް ދިޔައީ؟ ލަގެޖް ވެސް ހުންނާނެއެއްނު." ނަޖާޙު ހާސްވިއެވެ.
" އާނއެކޭ. މަ ވެސް މެސެޖް ކޮށްފިން ކޮންތާކުހޭ ކިޔާފަ." ޒިމްނާ ބުނެލިއެވެ.
ކަންބޮޑުވެފައި ހުރި ނަޖާހު އަވަސް އަވަހަށް ޒިމްނާގެ ފޯނު ކަނޑާލުމަށްފަހު މާޔާއަށް ގުޅިއެވެ. ނަމަވެސް މާޔާ ފޯނު ކަނޑާލުމަށްފަހު ފަހުން ގުޅާނެކަމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ.
" އެ ރޫމްގައި އާއިޒް އުޅޭނީ. ދޮންތަ ބޭރުގައި މަޑުކުރާނަން." މާޔާގެ ފޮށީގައި އަތްޖައްސާލަމުން އާމިރާ ބުންޏެވެ.
މާޔާ އަވަސް އަވަހަށް ބޯ ޖަހާލުމަށްފަހު، އާއިޒްގެ ރޫމާ ދިމާލަށް ހިނގައިގަތީ ހާސްވެހުރެއެވެ.
ދުވަސްތަކަކަށްފަހު އާއިޒް ފެނުމުގެ ނަސީބު ލިބުމުން އޭނާ ހުރީ ނުހަނު އުފަލުންނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް މާޔާ ދޮރު ހުޅުވާލީ ތުރުތުރުއަޅާ އަތަކުންނެވެ.
އެއާއެކު އެނދުމަތީގައި އިން އާއިޒް ދޮރާ ދިމާލަށް ބަލައިލިއެވެ. މާޔާ ފެނުމާއެކު ހައިރާންވެފައި އޭނާ މަޑުމަޑުން އެނދުން ފޭބިއެވެ. އާއިޒްގެ ހިތުގައި ބިރުވެރިކަން އުފެދުނީ، ކުރިމަތިން ފެންނަނީ ޙަޤީޤަތެއްކަމާމެދު ހިތުގައި ސުވާލު އުފެދުމުންނެވެ. އޭނާގެ ބަލިކަށިވެފައިވާ ސިކުނޑިން އަނެއްކާ ވެސް އިތުރު މަންޒަރެއް ދައްކަނީބާވައޭ ހިތަށް އެރިއެވެ.
މާޔާ ދުނިޔޭގައި ނެތްކަމުގެ ޚިޔާލުތަކާއެކު ކަނުއަނދިރީގައި ކޮޓަރީގެ އެއްކަނެއްގައި އިނދެ ރުއި ރޭތައް މަތިން އޭނާ ހަނދާންވާންފެށިއެވެ. މާޔާގެ ހަނދާންތަކުން ސަލާމަތްނުވެވިގެން މަރާ ހަނގުރާމަކުރި ދުވަސްތައް އިޙްސާސްވާން ފެށިއެވެ.
ހުރި ފިޔަވަޅުމަތީ ހުއްޓިގެން ހުރި މާޔާގެ ލޮލުން މާ ކުރިން ކަރުނަ ފައިބަން ފަށައިފިއެވެ.
" ތިއީ ހަމަ މާޔާތަ؟ ނޫނީ އަހަރެންގެ ޚިޔާލެއްތަ؟ މަޔާތަ ތީ؟" އާއިޒް އެހިއެވެ.
މާޔާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އަދި ފިނިވެފައިވާ އޭނާގެ ދެ އަތުން އާއިޒްގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.
" މިއީ ހަމަ މާޔާއޭ. އަހަރެން މަރެއްނުވެޔޭ. އަހަރެން މި ހުރީއެއްނު. އާއިޒްގެ ކުރިމަތީ." މާޔާ ރޮވިފައި ހުރެ ބުންޏެވެ.
އެއާއެކު ބާރުބާރަށް އާއިޒް މާޔާގެ ގައިގައި ބައްދައިގަތެވެ. މާޔާއަށް ވެސް އާއިޒްގެ ބުރަކަށީގައި އޭނާގެ ދެ އަތް ބާރަށް ފިއްތާލިއެވެ. އާއިޒް މާަޔާގެ ގައިގައި ބައްދާލައިގެން ހުރީ ދޫކޮށްލައިފިނަމަ އަނެއްކާ ވެސް ގެއްލިދާނެކަމުގެ ބިރުވެރިކަމާއެކުއެވެ. އާއިޒްގެ ހިތުގެ ތެޅުން ހުރީ އިންތިހާއަށް އަވަސްވެފައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!