މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިގެން މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހއ. އަތޮޅުގެ 6 ރަށެއްގައި ކުރިއަށް ގެންދިޔަ "ފިންލިޓް ފެސްޓް" ކާމިޔާބުކަމާއެކު ނިންމާލައިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މިއީ މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އިގްތިސާދީ ތައުލީމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް ރަށްރަށުގައި މިހައި ފުޅާ ދާއިރާއެއްގައި މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ނޮވެމްބަރު މަހުގެ 20 އިން 22 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްއެމްއޭގެ ޓީމުން ވަނީ ހއ. ދިއްދޫ، ވަށަފަރު، ކެލާ، ފިއްލަދޫ، އުތީމު އަދި މުރައިދޫގައި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ ތެރެއިން އާންމު ފަރުދުންނަށާއި ސްކޫލް ދަރިވަރުންނަށް ގިނަގުނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

މި ދަތުރުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާ ވެސް އެމްއެމްއޭގެ ޓީމާއެކު މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި ހަރަކާތްތައް ފަށާފައިވަނީ ހއ. ދިއްދޫގައެވެ. ދިއްދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތރެއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން 'ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް' ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވެއެވެ. މި ހަވީރުގައި ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލެއް ބަހައްޓާފައިވާ އިރު، އެންމެ ކުރީ ޒަމާނުއްސުރެ ގެންގުޅެމުން އައި ފައިސާ ފޮއްޗާއި ނޫޓުތައް ފެންނާނެހެން ބަހައްޓާފައިވެއެވެ. އަދި މާލީ މެސެޖތައް ލިބޭ ކަހަލަ ގޭމްސްތަކާއި ތަފާތު ކުޅިވަރުތަކާއި ފޭސް ޕެއިންޓގްގެ އިތުރުން ހަދިޔާއެއްގެ ގޮތުން ގިފްޓް ކާޑުތައް ބަހާފައިވެއެވެ.

ދިއްދޫގެ ކުޑަކުދިންގެ ހަވީރަށްފަހު އެ ރަށުގައި އަންހެނުންނަށް ޚާއްސަކޮށްގެން ފޯކަސްގްރޫޕް ޑިސްކަޝަނެއް ވަނީ ބާއްވާފައެވެ. ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ކުރިއަށް ގެންދެވި މި ސެޝަންގައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖހުންތަކާއި، ވަކިން ޚާއްސަކޮށް މާލީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ދިއްދޫގެ ހަރަކާތްތައް ނިންމައިލީ 21 ނޮވެންބަރުގައި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނަކުންނެވެ.

މި ދަތުރުގެ ތެރެއިން ވަށަފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި މާލީ ހޭލުންތެރިކަމާއި، ޑިޖިޓަލް ޕޭމަންޓާއި، އިގްތިސާދީ އަދި މާލީ ގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަހުލުވެރިކުރުވުމުގެ މައުލޫމާތު ދީފައިވެއެވެ. އެގޮތުން ޕޭމަންޓް މޯލްޑިވްސްގެ ހެޑް އޮފް މާކެޓިން އެންޑް ޓްރާންސްފޮމޭޝަން މަރިޔަމް ޝިފާ ވަނީ "ފަވަރަ" އާ ބެހޭގޮތުންނާއި ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓްގެ ކުރިމަގާ ބެހޭގޮތުން މައުލޫމާތު ދެއްވާފައެވެ. އަދި ވަށަފަރުގައިވެސް އަންހެނުންނަށް ޚާއްސަ ފޯކަސް ގްރޫޕް ޑިސްކަޝަނެއް ބާއްވާފައިވާ އިރު، އެ ރަށުގައިވެސް ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން ފިއްލަދޫ ސްކޫލްގައި ދަރިވަރުންނަށް މާލީ ހޭލުންތެރިކަމާއި އިގްތިސާދާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަންތަކުގައި ގަވަރުނަރު އަހްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ބައިވެރިވެވަޑައިގެންނެވި އިރު، ރާއްޖޭގެ ފައިސާގެ ތާރީޚު ދައްކުވައިދޭ ކަރަންސީ ކޯނަރެއް ވަނީ ބަހައްޓާފައެވެ. އަދި އުތީމުގައިވެސް ސްކޫލް ދަރިވަރުންނާއި ރަށު ރައްޔިތުންނަށް އަމާޒުކޮށްގެން މި ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.