"ޑޮކްޓަރު ދޮންތަ ކައިރީ ބުނީ މާޔާ ގެންނަން. އެހާ ބޮޑަށް އާއިޒް ބަލިކަށިވަނީ ހަމައެކަނި މާޔާއާ މެދު ފިކުރުކޮށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކޮށްކޮށް. މާޔާ! އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ ސަލާމަތްކޮށްދީ. އެ ބަލިން އޭނަ އަދިވެސް ރަނގަޅު ކުރެވޭނެ. މާޔާ އާއިޒްދެކެ އިންތިހާއަށް ލޯބިވާކަން ދޮންތައަށް އެނގޭ. އަދިވެސް މާޔާ އޭނަދެކެ ލޯބިވާނެކަން ހަމަ ޔަޤީން." އާމިރާ ވާހަކަ ދެއްކީ ރޮމުންނެވެ.
މާޔާއަށް ހުރިތަނަށް ތިރިވެވުނެވެ. އާއިޒްގެ ހަބަރެއް އެ ފަދަ ގޮތަކަށް ލިބިދާނެކަމަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ.
" މާޔާ ޕްލީޒް." އަނެއްކާ ވެސް މާޔާއަށް އިވުނީ އާމިރާގެ އަޑެވެ.
ދޭނެ ޖަވާބެއް ނޭނގިފައި މާޔާއަށް އިނދެވުނެވެ. އާމިރާގެ ފަރާތުން އޭނާއަށް ލިބުނު ޚަބަރަކީ ފަހަރެއްގައި ވެސް އަޑުއަހަން ބޭނުންވީ ވާހަކަ ތަކެއް ނޫނެވެ.
" ކޮންތާކު ތި ހުރީ؟" އާމިރާ އެހިއެވެ.
" ރަށުގައި މި ހުރީ." މާޔާ މަޑުމަޑުން ބުންޏެވެ،
" ވީހާ ވެސް އަވަހަކަށް އާދެވިދާނެތަ؟ ހުރިހާ ޚަރަދެއް އަހަރެން ބަލަހައްޓާނަން." އާމިރާ އަވަސް އަވަހަށް ބުންޏެވެ.
" ވަރަށް ދުވަސްކޮށްފައި އަހަރެން ރަށަށް މިއައީ އިއްޔެ." މާޔާ ބުނެލިއެވެ.
" ކިހާ ދުވަހަކަށް ތި ދިޔައީ؟" އޯގާތެރިކަމާއެކު އާމިރާ އެހިއެވެ.
" މާދަން ނޫން އަނެއް ދުވަހުން އަހަރެން ދާނަން." މާޔާ ބުންޏެވެ.
" އަލްޙަމްދުލިﷲ. ދޮންތަ ވަރަށް އުފާވެއްޖެ. ހިތަށް އަރަނީ އާއިޒަށް މާޔާ ފެނުނީމަ ހާދަ އުފާވާނެޔޭ. އޭނަ ރިއެކްޓް ކުރާނެ ގޮތެއް ވެސް ނޭނގެ. އޭނަ އުޅެނީ މާޔާ އޭނާއާ ހެދި މަރުވީ ކަމަށް ނިންމައިގެން. " އުފާވެރި ރާގަކަށް އާމިރާ އެހެން ބުނި އިރު ވެސް މާޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.
" އަދިވެސް އެއްބަސް ނުވަމެއްނު. އަންނާނަންތަ؟" އާމިރާ އެހިއެވެ.
މާޔާއަށް ހިންދިރުވާލެވުނެވެ. އާއިޒްގެ ޙާލާމެދު ހަމްދަރުދީވުމުގެ އިތުރުން އޭނާގެ ހިތަށް ލިބެމުންދިޔައީ ބަޔާންކުރަން އުނދަގޫކަމެކެވެ.
" ދާނަން. އަހަރެން ބޭނުން އާއިޒް ރަނގަޅުވާން. " މާޔާ ބުނެލިއެވެ.
" ވަރަށް އުފާވެއްޖެ. އާއިޒް ރަނގަޅު ވާނެޔޭ. އާއިޒް ރަނގަޅު ކުރެވޭނީ މާޔާއަށް. އޭނަ އެ ބަލިން ސަލާމަތް ކުރެވޭނީ ހަމައެކަނި މާޔާއަށް." އާމިރާ ބުންޏެވެ.
ފޯނު ބޭއްވި އިރު މާޔާގެ ހަށިގަނޑުގައި ތުރުތުރުލުމެއް ހުރިކަން އޭނާއަށް އެނގެއެވެ. އާދަޔާޚިލާފަށް އޭނާ ހާސްވެ، ކަންބޮޑުވާން ފެށިއެވެ.އެއާއެކު އޭނާގެ ހިތަށް ބައިވަރު ސުވާލުތަކެއް ވެރިވާންފެށިއެވެ.
އޭނާގެ ހިތަށް އެހާ ބޮޑަށް އުނދަގޫވަމުން ދަނީ، އެތައް ދުވަހަކަށް ފަހު، އާއިޒް ފެންނަން އުޅޭތީބާއެވެ؟ އެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ބާވައެވެ؟ ނޫނީ މިއީ އާއިޒާއެކު ދިރިއުޅުމެއް ބިނާކުރުމުގެ ފެށުމެއް ބާވައެވެ؟
ބޮލުގައި އަތް ޖައްސާލައިގެން އެނދުގައި އިން މާޔާ ސިހުނީ އެނދުމަތީ އޮތް ފޯނަށް މެސެޖެއް އައި އަޑަށެވެ.
ފޯނަށް ބަލައިލުމަށްފަހު، އޭނާ އެ ފޯނު ނެގީ މާޔޫސްވެފައި އިނދެއެވެ. ފޯނު ސްކްރީނަށް އަރާފައި އޮތް ނަޖާހުގެ ނަން ފެނުމާއެކު މާޔާގެ ހިތަށް ދިޔައީ ހޫނު ވެގެންނެވެ.
" އައި މިސް ޔޫ. " ރަތްކުލައިގެ ހިތަކާއެކު ނަޖާހު ފޮނުވާފައި އޮތް މެސެޖަށް ބަލަހައްޓައިގެން މާޔާއަށް އިނދެވުނެވެ.
" ހިތްހަމަނުޖެހުނީތަ؟ މެސެޖް ބަލާފަ އެއްޗެއް ނުބުނީމަ ދެރަވެއްޖެ." ދެ ތިން މިނިޓް ފަހުން އަނެއްކާ ވެސް ނަޖާހުގެ މެސެޖެއް ލިބުނެވެ.
މެސެޖެއް ލިޔެލާނެ ހިތްވަރު ނެތަސް، އޭނާ ބޭނުންވީ ނަޖާހުއާ ވާހަކަ ދައްކާށެވެ.
" އަހަރެންދެކެ ލޯބިވާ މީހަކު އަހަރެން މަތިން ހަނދާންވާނެކަން އެނގޭ. މި ވަގުތު ކުޑަކޮށް ބިޒީ. ފަހުން ހަބަރެއް ވާނަން." މާޔާ އަވަސް އަވަހަށް މެސެޖް ފޮނުވާލިއެވެ.
ހަމަ އެ ވަގުތެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބާރުބާރަށް އެތެރެއަށް ވަނީ ނުހާއެވެ. ނުހާގެ މޫނުމަތީގައި ހުރީ ލުއި ހިނިތުންވުމުގެ އަސަރުތަކެވެ. ދޮރު ލައްޕާލުމަށްފަހު ނުހާ އައިސް އެނދުގެ ކޮޅުގައި އޭނާ އިށީނީ ބީރައްޓެއްސެއް ފަދައިންނެވެ. އޭރު ވެސް ނުހާގެ މޫނަށް ބަލަހައްޓައިގެން މާޔާ އިނީ އާދައިގެ ގޮތަކަށް ބަލަހައްޓައިގެންނެވެ.
" ދެންމެ ފިހާރައަކުން ދިމާވެގެން ފިރާޝާ ބުނީމަ އެނގުނީ އައިސް އުޅޭކަން. ކީއްވެ ހަބަރެއް ނުވީ؟" ނުހާ މަޑުމަޑުން އެހިއެވެ.
އެއާއެކު މާޔާ އެއްމިޔަކަނުން ހިނިތުންވެލީ ޝައުޤުވެރިކަމެއް ނެތް ފަދަ ގޮތަކަށެވެ.
" ހަބަރެއް ވާންޖެހޭ ސަބަބެއް އެބައޮތްތަ؟ ނުހާ ކޮން ދުވަހަކު އަހަންނަށް ގުޅާލީ؟" މާޔާ އެހިއެވެ.
މާޔާގެ ސުވާލަށް ދޭނެ ޖަވާބެއް ނުހާއަކަށް ނޭނގުނެވެ. މާޔާގެ ޙަޔާތުގެ ބައިވެރިޔާއަކީ، ނުހާ އަދިވެސް އެންމެ ލޯބިވާ މީހާއޭ ބުނެފާނަމޭ ވެސް ނުހާގެ ހިތަށް އެރިއެވެ. ނުހާ، މާޔާއާ ދުރުވީ ހަމައެކަނި އެ ސަބަބަށްޓަކައެވެ. އެކުވެރިކަން ބާއްވަން ކިތަންމެ މަސައްކަތްކުރި ނަމަވެސް، އާއިޒް ނުލިބުމުން ނުހާގެ ހިތަށް އެއަށް ވުރެ ބޮޑަށް އަސަރުކުރީއެވެ.
" ތެދެއް. އަހަންނަކަށް ވެސް ނުގުޅޭ ވިއްޔަ ދޯ. ލީނާ ބުނި މާޔާ ހިތްހަމަ ނުޖެހުނު ވާހަކަ. އޭނަ އެކަމާ ވަރަށް ދެރަވޭ." ނުހާ ބުންޏެވެ.
"ތި ވާހަކަ އަހަރެން ކައިރި ނުދައްކާ. ދެރަވާންޖެހޭނީ ލީނާއެއް ނޫން. އޭރު ބައްޕައަކާ ނުލައި ލީނާ ދިރިއުޅުނަސް މިހާރު އެއީ ފުރިހަމަ އާއިލާއެއްގެ ކުއްޖެއް. މިހާރު ބައްޕައެއް ނެތީ އަހަރެންގެ." މާޔާ ބުންޏެވެ.
" ލީ...ނާ..." ނުހާގެ ޖުމްލަ މާޔާ މެދުކަނޑާލިއެވެ.
" ނޫން ނުހާ! ދެން އެ ވާހަކަ ނުދައްކާ. ލީނާއާ އަހަރެން ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. " މާޔާ ބުނެލިއެވެ.
" ލީނާގެ ކުށެއް ނެތެއްނު." އަވަސް އަވަހަށް ނުހާ ބުންޏެވެ.
" ލީނާގެ ކުށަކީ އަހަންނަށް ސިއްރުކުރުން. އެ ކަން އެނގޭއިރަށް އަހަރެން ކައިރީ ބުނި ނަމަ އަހަރެން އެކަން ހުއްޓުވީމުސް. އެކަމަކު ފަހަރެއްގައި ވެދާނެއެއްނު ލީނާ ވެސް އެ ގޮތް ބޭނުންވީ ކަމަށް. އޭނަގެ މަންމައަށް އެހީތެރިވާން ރަނގަޅު މީހަކު ހޯދަން ލީނާ ވެސް ބޭނުންވީ ކަންނޭނގެ." މާޔާ ބުނެލިއެވެ. އޭރު ވެސް ނުހާ އިނީ ދެ ފަރާތަށް ބޯ ހޫރާލަހޫރާލައެވެ.
" ތިހެން ނުބުނެބަލަ މާޔާ." ނުހާ ބުންޏެވެ.
އެއާއެކު މާޔާ ކުރު ހިނިގަނޑެއް ޖަހާލިއެވެ.
" ނުހާއަކަށް ލީނާ ގޯހެއް ނުވާނެޔޭ. އެހެންވެ އަހަރެން މި ބުނީ އެ ވާހަކަ ނުދައްކާށޭ." މާޔާ ބުންޏެވެ.
" އެހެންވެ އަހަރެން ވެސް މި ބުނީ އަހަރެން ދައްކާ ވާހަކަ އަޑުއަހާށޭ. " ނުހާ ބުންޏެވެ.
" ނުހާ ޕްލީޒް. އަހަރެން މިހާރު ވެސް މި ހުރީ ވަރަށް ސްޓްރެސްވެފައި. އިތުރަށް ދެން ތި ވާހަކަ ނުދައްކާ. އަހަންނާ ލީނާ ދުރުވާންޖެހުނީ ލީނާގެ ސަބަބުން. އެކަން އޮންނާނީ އެހެން." މާޔާ ބުންޏެވެ.
އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނުހާއަކަށް ނުކެރުނެވެ.
" ސޮރީ.. އެކަމަކު ކޮންމެވެސް ދުވަހަކުން މާޔާއަށް އަދި ލީނާ ދަސްވާނެ. ދެން އަހަރެން އެ ވާހަކައެއް ނުދައްކާނަން. އޯކޭ ދެން ކޮންދުވަހަކުންތަ ފުރަނީ؟" ނުހާ މައުޟޫ ބަދަލުކޮށްލިއެވެ.
" މާދަން ނޫން އަނެއް ދުވަހުން ދަނީ. މަންމަ އަންނާށޭ ކިޔާތީ ޖައްސާލީ ހަމަ." މާޔާ ޖަވާބު ދިނެވެ.
" ކޮބާ އާއިޒް؟" އެއީ މާޔާ ފެނުމާއެކު ނުހާނެ ހިތުގައި ފުރަތަމަ ވެސް އުފެދުނު ސުވާލެވެ.
މާޔާއަށް ޖަވާބު ނުދެވި އުޅެނިކޮށް ކުއްލިއަކަށް ފިރާޝާ އައިސް ކޮޓަރި ދޮރު ހުޅުވައިފިއެވެ.
" އެހާ އަވަހަށް އައިސްދޯ ނުހާ މި އިނީ. ހިނގާ ސައިބޯން ދާން ދެ މީހުން. " ފިރާޝާ އެތެރެއަށް ވަނެވެ.
އެއާއެކު މާޔާ އަވަސް އަވަހަށް ތެދުވެ ނުހާއަށް ބަލައިލިއެވެ.
" ތެދެއް. ހިނގާ ސައިބޯންދާން. ނުހާއާއެކު އެއްޗެއް ކައިނުލާތާ ވެސް ކިހާ ދުވަހެއް ވެއްޖެ." މާޔާ ހެވިފައި ހުރެ ބުންޏެވެ.
" މާޔާ ވާނެ އަހަރެންގެ ގެއަށް ގޮސްލަން. ޕްލީޒް." ނުހާ އެދުނެވެ.
" އަހަރެން މި އައީ މި ފަހަރު އެއްވެސް ތަނަކަށް ނުދާން ނިންމައިގެން. ނުހާ އާދެބަލަ މިރޭ ވެސް މި ގެއަށް. " ނިކުންނަން ހިނގައިގަންނަމުން މާޔާ ބުންޏެވެ.
ޒިމްނާ އޮފީހަށް ވަތްއިރު ނަޖާހު އިނީ އޭނާގެ އިންތިޒާރުގައެވެ. ޒިމްނާ ފެނުމާއެކު ނަޖާހު އަވަސް އަވަހަށް ޒިމްނާއާ ދިމާލަށް ހިނގައިގަތެވެ.
" މިއަދު ހާދަ ލަސްވީ؟" ނަޖާހު އެހިއެވެ.
" އަހަރެން އަންނަ ގަޑި ބަލަންތަ ތި އިންނަނީ؟" މަޖާ ގޮތަކަށް ޒިމްނާ ބުނެލިއެވެ.
" އާނ! ބްރޭކަށް ގޮސް ނައީމަ ގުޅަން މި ހުންނަނީ." ނަޖާހު ބުންޏެވެ.
" ނާދެވޭނެއެއްނު. އަހަރެންގެ ކުދިންގެ ބައްޕައާ ބައްދަލުކުރަން ޖެހުނީމަ." ޒިމްނާ ހެވިލާފައި ބުންޏެވެ.
" އޮއްހޯ! ކުދިންގެ ބައްޕައޭ؟ ހާދަ ރަކިވެފައޭ އެކަމަކު ތި ހުރީ." ނަޖާހު ދިމާކޮށްލިއެވެ.
" ރަކިވާނެއެއްނު ދެ އަހަރު ފަހުން އައިސް އިންނަން އެހީމަ." ޒިމްނާ ގޮނޑީގައި އިށީނދެލިއެވެ.
" ވަޓް؟ ދެން؟ އޯކޭ ދިނީ؟" ނަޖާހުއަށް ލިބުނީ ހައިރާންކަމެވެ.
" އާނ! ދަރިންނަށްޓަކައި އޯކޭ ވާންޖެހޭނެއެއްނު. އެއްޗެއް ވިސްނިގެން އެނބުރި އެ އައީ. " އާދައިގެ ގޮތަކަށް ޒިމްނާ ބުނެލިއެވެ.
" އޯހް. ޒިމް ހާދަ ކޫލްއޭ. ހަމަ އޯކޭ ވެގެންތަ އޯކޭ ވީ؟" ނަޖާހު އަނެއްކާ ވެސް އެހިއެވެ.
" އެއީ ދޮގެއް! އަހަރެން ބުނީ ވިސްނާނަމޭ. އޭނަ ދެ ތިން ދުވަސްވެއްޖެ ގުޅާތާ. އަހަރެން ކައިރީ އާދޭސް ވެސް ކުރޭ. އެކަމަކު އަދި ގޮތެއް ނުނިންމަން. މާޔާ ކައިރި ވެސް ނުބުނަން. މާޔާ އައީމަ ކިޔައިދޭނީ." ޒިމްނާ ބުންޏެވެ.
" އޭ! އަހަންނަށް ކަމެއް ކޮށްދީބަލަ! މާޔާއަށް ސަޕްރައިޒެއް ދޭން ބޭނުން." ނަޖާހު ބުންޏެވެ.
ސުވާލުގެ ނަޒަރަކުން ބަލައިލަމުން ޒިމްނާ ދެ ބުމަ އުފުލައިލިއެވެ.
" އެހާ އަވަސް އަރުވާލައިގެން ނޫޅެބަލަ! އޭނަ ކަލޭ ދެކެ ލޯބިވާން ޓައިމް ވެސް ދޭން ޖެހޭނެއެއްނު. މާ ވަރުން އުޅެންޏާ މާ އަވަހަށް ފޫހިވެދާނެ." ޒިމްނާ ބުންޏެވެ.
" ދެން އެކަމަކު ވެސް، އޭނަ ހެޕީކޮށްލެވިދާނު. " ނަޖާހު ފޫހި ގޮތަކަށް ބުންޏެވެ.
" ކިހިނެއް ހަދަން ތި އުޅެނީ؟" ޒިމްނާ އެހިއެވެ.
" ރަނގަޅު ފެންވަރެއްގެ ގެސްޓްހައުސްއެއްގެ ޓެރަސް، ރޮމޭންޓިކް ޑިނަރ ނައިޓަކަށް އަހަރެން ޕްރައިވެޓްކޮށް ބުކް ކުރާނަން. ދާންވީ ތަން ބުނީމަ، ޒިމް އޭނަ އެތަނަށް ގެންގޮސްދެއްޗޭ" ނަޖާހު ބުންޏެވެ.
ނަޖާޙުގެ ޖުމްލައިން ޒިމްނާގެ ދެ ލޯ ބޮޑުވެއްޖެއެވެ.
" ޕްރައިވެޓްކޮށް ބުކް ކުރާނަމޭ؟ ޓެރަސް އެއްކޮށް؟" ޒިމްނާ އެހިއެވެ.
ނަޖާހު ބޯ ޖަހާލިއެވެ.
" ހާދަ ލާރިއެކޭ." ޒިމްނާ ބުނެލިއެވެ.
" އޯކޭވާނެ މާޔާއަށްޓަކައި ފައިސާއަކީ އެއްވެސް އެއްޗެއް ނޫން." ނަޖާހު ބުންޏެވެ.
"އޯހް. ކަލޭ މުސާރައިގެ ބާކީ ކިހާވަރެއް އެބައޮތް؟" މަޖާ ގޮތަކަށް ޒިމްނާ އެހިއެވެ.
" ހެވެއްނު ކޮންމެ ވަރެއް އޮތަސް. މި ފަހަރު ރޮމޭންޓިކް ޑިނަ ނައިޓެއް ދޭނަން މާޔާއަށް." ނަޖާހު ބުންޏެވެ.
" ވާއޯ! ރޮމޭންޓިކް ޑިނަރ ނައިޓޭ؟ އަދި ނޭނގެ އެ ކުއްޖާ އަތުގައި ހިފާލާނެ ފުރުޞަތު ވެސް ލިބުނު ކަމެއް." ޒިމްނާ ހެމުން ހެމުން ބުނެލިއެވެ.
" މަ ނޫޅެމޭ އެތަނަށް ގޮސް އެ ކުއްޖާ ކާލާކަށް. އެކަހަލަ ހިތްގައިމު މާޙައުލެއްގައި، ހަނދުވަރުގެ ރިހި އަލީގައި ދެ މީހުން އެކަނިމާއެކަނި ވާހަކަ ދައްކާލަން ތިބުމަކީ އަތުގައި ހިފުމަށްވުރެން މާ ހިތްގައިމު، މާ އުފާވެރި އިޙްސާސެއް. ހަމައެކަނި މާޔާގެ ދެ ލޮލަށް ބަލައިލުމުން ވެސް އަހަރެންގެ ހިތް ފުރޭނެ." ނަޖާހުއަށް ބުނެލެވުނީ ބޭއިޙްތިޔާރުގައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!