އުރީދޫ ފަން ރަން 2026 އަށް ބައިނަލްއަގުވާމީ ފެންވަރުގެ ފޯރިގަދ ހަރަކާތެއް އިތުރުކޮށް، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެންމެ ފުރަތަމަ އިންޑިއަން އައިޑަލް ކާމިޔާބުކުރި އަބިޖީތު ސާވަންތު، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އުރީދޫ ފަން ރަން މިއުޒިކް ޝޯގައި އެންމެ އިސް ފަންނާނެއްގެ ގޮތުގައި ހުށަހެޅުންތައް ހުށަހަޅައިދޭނެކަން އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.
އަބިޖީތު ސާވަންތު ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދީ 2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް، އޭނާގެ ފުރަތަމަ އަލްބަމް ކަމަށްވާ "އާޕްކާ އަބިޖީތު ސާވަންތު" އާއި، އޭގައި ހިމެނޭ އިންތިހާއަށް މަޝްހޫރުވި ލަވަ “މޮހައްބަތޭން ލުޓާއުންގާ” ގެ ސަބަބުން އިންޑިއާގެ މިއުޒިކް އިންޑަސްޓީގައި ފާހަގަކޮށްލެވޭ ފަންނާނެއްގެ ގޮތުގައި އޭނާގެ ނަން ވަނީ ގާއިމުވެފައެވެ.
ވިއްސަކަށް އަހަރަށް ވުރެ ދިގު މިއުޒިކީ ހަޔާތުގައި، ރެކޯޑިންގ އާޓިސްޓެއްގެ ގޮތުންނާއި، ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދޭ ފަންނާނެއްގެ ގޮތުން އަދި ލައިވް ޝޯތައް ހުށަހަޅައިދޭ ފަންނާނެއްގެ ގޮތުން އަބިޖީތު ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާގެ މަގުބޫލު އަލްބަމްތަކުގެ ތެރޭގައި "ޖުނޫން" އަދި "ފަރީދާ" ހިމެނޭއިރު، އޭނާ ލަވަކިޔައިދީފައިވާ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "އާޝިގް ބަނާޔާ އާޕްނޭ" އަދި "ތީސް މާރް ޚާން" ފަދަ ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން، އޭޝިއަން އައިޑަލްއިން ތިންވަނަ ހޯދައި، "ޖޯ ޖީތާ ވޯހީ ސުޕަސްޓާ" ގެ ދެވަނަ ހޯދައިގެން އޭނާ ވަނީ ބައިނަލްއަގުވާމީ މައިދާނުގައިވެސް އޭނާގެ މަގުބޫލުކަން އިތުރަށް ވަރުގަދަކޮށްފައެވެ.
އިންޑިއަން އައިޑަލް ބަލަމުން އަދި ބޮލީވުޑްގެ ލަވަތައް އަޑުއަހަމުން ބޮޑުވި ގިނަ ދިވެހިންނަށް، އަބިޖީތު ސާވަންތުގެ ލައިވް ހުށަހެޅުންތައް ރާއްޖޭ ތަޖުރިބާކޮށްލަން ލިބޭ މި ފުރުސަތަކީ، ކުރީގެ އުފާވެރި ހަނދާންތައް އާވެ، ޚާއްސަ ފޯރިއެއް ގެނުވާނެ ކަމެކެވެ. އޭނާގެ ދުވަހަކުވެސް ފަނޑުވުމެއް ނެތް ރާގުތަކާއި، ސްޓޭޖުމަތީގައި ދައްކުވައިދޭ ޖާދޫވީ ހުށަހެޅުންތަކާއި، އެކި ޖީލުތަކުގެ މީހުންނާ ގުޅުން ބަދަހިކޮށްލުމުގެ ގާބލުކުގެ ސަބަބުން، އޭނާއަކީ އުރީދޫ ފަން ރަން މިއުޒިކް ޝޯއަށް ލިބިގެންދާ ވަރަށް ފުރިހަމަ އިތުރުވުމެކެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ އުރީދޫ ފަން ރަން މިހާރު ވަނީ، ކުލައާއި، ފޯމާއި، މިއުޒިކާއި، ދުޅަހެޔޮކަމާއި އަދި މުނިފޫހިފިލުވުމުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްތަނަކަށް އެއްކޮށްދޭ، ރާއްޖޭގެ އެންމެ ފޯރިގަދަ އެއް އިޖުތިމާއީ ހަރަކާތަށް ބަދަލުވެފައެވެ. މި ފޯރިގަދަ ގުޅުމުގެ ސަބަބުން އުރީދޫ ފަން ރަންގެ ޖޯޝާއި އިންޑިއާގެ މިއުޒިކީ ޖާދޫ އެއްތަންވެ، މުނިފޫހިފިލުވުމުގެ މި ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެއެވެ.
އަންނަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އުރީދޫ ފަން ރަން 2026 ގެ މިއުޒިކް ޝޯގައި، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ މަޝްހޫރު ފަންނާނުންނާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދެމުންނެވެ. މި ހަރަކާތަކީ އާއިލާތަކާއި، ރަހުމަތްތެރިންނާއި އަދި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް އެކުގައި ވަގުތު ހޭދަކޮށްލުމަށް ލިބޭ ވަރަށް ޚާއްސަ ފުރުސަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!