މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އޭޓީއެމް މެދުވެރިކޮށް އެ ފައިސާ ނެގުމަށްޓަކައި، ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިކަމަށް ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް ސަމާލުވާންޖެހޭ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުމަށް ހުށަހަޅަމުންނެވެ. އަދި އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި ހަވާލުކޮށްދީފިނަމަ، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އިތުރު ފައިސާ ނުވަތަ ޓިޕްސް އަދި އެހެނިހެން އިނާޔަތްތައް ދޭނެ ކަމަށް ބުނެ ސްކޭމަރުން ދަނީ ވާހަކަދައްކަމުންނެވެ. މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިފަދަ ކަމެއްގައި ބައިވެރިވުމުގެ ސަބަބުން ތިމާއަށް ނޭނގި ނަމަވެސް މާލީ ކުށެއްގައި ބައިވެރިވެވުމުގެ ނުރައްކާ އޮތް ކަމަށް ފުލުހުން ބުންޏެވެ.

މި އަމަލު ހިންގުމުގައި ސްކޭމަރުން އެންމެ ފުރަތަމަ ކުރާ ކަމަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވުމެވެ. ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ ފަރާތުން އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، ގިނަ ފަހަރަށް އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްކުރާ ޗެނަލްތަކުން ބޭރުން ސްކޭމަރު ސީދާ އެ ފަރާތަށް ގުޅައިގެން މުއާމަލާތް ކުރަން ފަށައެވެ.

އެއަށްފަހު، ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައެވެ. އަދި އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްފަހު ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދޭއިރު، މިކަމަށް ޑްރައިވަރުން އެއްބަސްކުރުވުމުގެ ގޮތުން، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ އިތުރަށް ޓިޕްސްގެ ގޮތުގައި ފައިސާ ދިނުމަށް ސްކޭމަރުން ހުށަހަޅާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނަމަވެސް، މިގޮތަށް އެކައުންޓްތަކަށް ޓްރާންސްފަރ ކުރާ ފައިސާއަކީ އެހެން ބަޔަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާއެވެ. އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން، ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް އެ ވަގަށް ނެގި ފައިސާ ދައުރުކުރުމަށާއި، އެ ފައިސާ ދައުރުކުރި ގޮތް ފޮރުވުމަށް އެހީތެރިވެދެވެއެވެ. ކުށްވެރިން ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިންގ" އެވެ.

އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޑްރައިވަރަށް ނުވަތަ ޑެލިވަރީ ކުރާ ފަރާތަށް ނޭނގުނު ކަމުގައި ވިޔަސް، މަކަރާއި ޙީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމުގެ ސަބަބުން ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްކުރުން ނުވަތަ އެކައުންޓް ބޭނުންކުރުމަށް ހުރަސްއެޅުމާއި، ހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހަށް ކުރާ މާލީ މުއާމަލާތްތަކަށް ބުރޫއެރުން ހިމެނެއެވެ.

މީގެ އިތުރުން މާލީ ގެއްލުންތަކާއި މާލީ ގޮތުން ޒިންމާވާން ޖެހުމުގެ ފުރުސަތު އޮތުމާއި، ޖިނާއީ ތަހުގީގުތަކަށް ހާޒިރުކުރެވި ތަހުގީގު ހިންގުމުގެ އިތުރުން، ހާލަތާއި އެކަމުގައި ބައިވެރިވެފައިވާ މިންވަރަށް ބަލައި ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ފުލުހުން ފާހަގަކުރެއެވެ. ފުލުހުން ބުނީ ނަގުދު ފައިސާ ހަވާލުވުމަށްފަހު ސްކޭމަރުން ފިލައިގެންދާއިރު، މަކަރާއި ހީލަތުން ހިންގާފައިވާ އެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖަވާބުދާރީވާން ޖެހެނީ އެކައުންޓްގެ ވެރިފަރާތަށް ކަމަށެވެ.