" މަ ނޫޅެމޭ އެތަނަށް ގޮސް އެ ކުއްޖާ ކާލާކަށް. އެކަހަލަ ހިތްގައިމު މާޙައުލެއްގައި، ހަނދުވަރުގެ ރިހި އަލީގައި ދެ މީހުން އެކަނިމާއެކަނި ވާހަކަ ދައްކާލަން ތިބުމަކީ އަތުގައި ހިފުމަށްވުރެން މާ ހިތްގައިމު، މާ އުފާވެރި އިޙްސާސެއް. ހަމައެކަނި މާޔާގެ ދެ ލޮލަށް ބަލައިލުމުން ވެސް އަހަރެންގެ ހިތް ފުރޭނެ." ނަޖާހުއަށް ބުނެލެވުނީ ބޭއިޙްތިޔާރުގައެވެ. އޭރު ވެސް ޒިމްނާ ދިޔައީ ހެމުންނެވެ.

ބޭރު ޖޯލީގައި މާޔާ އޮތީ ފުން ވިސްނުމެއްގައެވެ. ޙަޔާތަށް އަންނަން އުޅޭ އިންޤިލާބާމެދު އޭނާ ފިކުރު ކުރަމުން ދިޔައެވެ. ނަޖާހުއަށް ވުރެ ބޮޑަށް އޭރު ވެސް ސިކުނޑީގައި އުފެދެމުންދަނީ އާއިޒްގެ ހިޔާލުތަކެވެ. އަދިވެސް އާއިޒަށްޓަކައި އޭނާގެ ހިތް އެދި ގޮވަމުންދާ ކަހަލައެވެ.

Ad
rt

" ދަރިފުޅު އައީމަ މަންމަ ވަރަށް އުފާވެއްޖެ. އެކަމަކު މިހާރަކަށް އައިސް ދަރިފުޅު ފެންނަނީ މާ ދެރަވެފައި ހުންނަތަން." ފަހަތުން އައިސް ޖޯލިފަތީގައި އިށީންނަމުން ސުވޭދާ ބުނެލިއެވެ.

އެއާއެކު މާޔާ ގަދަކަމުން ހީލަމުން ބޯ ހިއްލާލިއެވެ. އޭނާގެ ފިކުރުތަކާއި ކަންބޮޑުވުން މަންމައަށް ހިއްސާކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންވެ، ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން މާޔާ ވާހަކަ ދައްކަން ފެށިއެވެ.

" އަސްލު ފޫހިވޭ ރަށުގައި. އެހެންވެ ހީވާ ގޮތް ތިއީ. ވަރަށް ދެރަވޭ ލީނާ މަތިން ހަނދާންވާތީ ވެސް. ލީނާ އަހަންނަށް އެކަންތައް ސިއްރުކޮށްފައި އޮތީ." އަވަސް އަވަހަށް މާޔާ ބުނެލިއެވެ.

" އެ ވާނީ އެ މަންޖެ މަންމަދެކެ ބިރުން ކަމަށް. ލީނާއަކީ ގޯސް ކުއްޖެއް ނޫން. މަަގުމަތިން މަންމަ ފެނުނީމަ ވެސް ވަރަށް ދެރަވެފައި ހުރޭ ބަލަން. މަންމަ ދެން އަނގައިން ނުބުނަނީ މީހަކަށް ފެނުނިއްޔާ ވާހަކަ ފަތުރާނެތީވެ. ލީނާއާ ދަރިފުޅު ވާހަކަ ދައްކާލަންވީނު." ސުވޭދާ ހިޔާލެއް ދިނެވެ.

މާޔާ އެއްޗެއް ނުބުނުމުން އަނެއްކާ ވެސް ވާހަކަދައްކަން ފެށީ ސުވޭދާއެވެ.

" ތި ދެ ކުދިންގެ މައްސަލަ ޙައްލުނުވެ ފުރައިގެން ދިޔައީމަ ދެ ކުދިން ވެސް މުޅި އުމުރަށް ތި ހިތާމަ ކުރާނެ. މަންމަގެ ހިތް ބުނަނީ ލީނާ ގޯހެއް ނުވާނެޔޭ. " ސުވޭދާ ބުންޏެވެ.

" އަހަރެން ގުޅާލާނަން ދެން. " މާޔާ ބޭނުންވީ އެ ވާހަކަ ހުއްޓާލާށެވެ.

" މާދަމާ ފުރާއިރު، އެއްވެސް އެއްޗެއް ގެންދަން ބޭނުންތަ؟ ޒިމްނާ ކައިރީ އަހާބަލަ މިރަށުން އެއްވެސް އެއްޗެއް ހޯދަން ބޭނުންތޯ؟" ސުވޭދާ ބުންޏެވެ.

" އުނހު. އޭނަ އެއްޗެއް ބޭނުމެއް ނުވާނެ. އަހަރެން ވެސް އެއްޗެއް ބޭނުމެއްނޫން." މާޔާ ބުންޏެވެ.

އެއާއެކު މަޣްރިބް ނަމާދު ބަންގީގެ އަޑުން ރަށުތެރެ ގުގުމަން ފެށިއެވެ. އެއާއެކު ކުއްލިއަކަށް ސުވޭދާ ތެދުވެއްޖެއެވެ.

" މަންމަ މި ދަނީ ނަމާދުކުރަން. މާޔާ ވެސް އާދޭ އެތެރެއަށް ނަމާދަށް އަރަން. މި ގަޑީގައި ތިތާ އޮންނާނެ ކަމެއް ނެތް." ސުވޭދާ އެހެން ބުނުމަށްފަހު ލަސްނުކޮށް ގެއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް އަދިވެސް މާޔާ އޮތީ ޖޯލިން ތެދުވާހިތް ނުވެފައެވެ.

އުނގުމަތީ އޮތް ފޯނު ރިންގްވާން ފެށުމާއެކު، މާޔާ އަވަސް އަވަހަށް ފޯނަށް ނަޒަރު ހިންގާލިއެވެ. ގުޅަނީ އާމިރާއެވެ. އެ ނަން ފެނުމާއެކު މާޔާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނުމަށްފަހު، އޭނާ ފޯނަށް ޖަވާބު ދިނީ ހާސްހިތަކައިގެންނެވެ.

" މާލެއަށް އާދެވޭ ގަޑި އެނގޭތަ؟" މާޔާ ފޯނު ނެގުމާއެކު އާމިރާ ސުވާލު ކުރިއެވެ.

" މާދަމާ ރޭ 7 ޖަހާއިރަށް. " މާޔާ ބުންޏެވެ.

" ދޮންތަ ދާނަން މާޔާ ބަލާ އެއަރޕޯޓަށް. " އާމިރާގެ ޖުމްލައިން މާޔާއަށް ތެޅިގަނެވުނެވެ.

" ނޫން. އޯކޭ ވާނެ އެއާރޕޯޓަށް ނަޔަސް. އަހަރެން ގެއަށް ގޮސް ހަބަރެއް ވާނަން." މާޔާ އިންކާރު ކުރިއެވެ.

" މާދަމާރޭ ހަމަ އައިސްދޭނަން ދޯ ހޮސްޕިޓަލަށް؟" އާމިރާ އެހިއެވެ.

މާޔާގެ ޚިޔާލު ބަދަލުވެދާނެތީ އާމިރާ ހުންނަނީ ވަރަށް ބޮޑަށް ހާސްވެފައެވެ. އޭނާގެ ހުރިހާ ވެސް އުއްމީދަކީ މާޔާގެ ސަބަބުން އާއިޒްގެ ބަލި މުޅިން ރަނގަޅުވުމެވެ. ނަފްސާނީގޮތުން އޭނާ ވަރުގަދަ މީހަކަށް ވުމެވެ. އަދި މާޔާއާއެކު އާއިޒް އުފާވެރި ދިރިއުޅުމެއް އުޅުމެވެ.

" އާނ! ދާނަން." މަޑުމަޑުން މާޔާ ބުނެލިއެވެ.

އާމިރާގެ ކޯލް ކަނޑާލުމާއެކު މާޔާގެ ފޯނަށް ނަޖާހު ގުޅަން ފެށިއެވެ.

" ހަބަރެއް ނުވާތީ މި ހިތަށް އަރަނީ އަނެއްކާ ނިދާފަބާއޭ؟" ނަޖާހު ބުންޏެވެ.

" ނޫން. އޮތީ ހަމަ." މާޔާ ދިނީ ކުރު ޖަވާބެކެވެ.

" ނަމާދުކޮށްފިން؟" ލޯތްބާއެކު ނަޖާހު އެހިއެވެ.

" ނޫން. އަދި ނުކުރަން." މާޔާ އަވަސް އަވަހަށް ބުންޏެވެ.

" ދެން ތެދުވޭ ބަންގި ވެސް ގޮވައިފި. މާދަމާ ރޭ އެއާޕޯޓަށް ބަލާ ދާނަން އިނގޭ. " ނަޖާހު ބުންޏެވެ.

އެއާއެކު މާޔާގެ ސިކުނޑިއަށް އިތުރު ވިސްނުންތަކެއް އަންނަންފެށިއެވެ. ހާސްވެ ކޮންމެވެސް ވަރަކަށް އޭނާ ބިރުގެންފިއެވެ. އާއިޒްގެ ވާހަކަ އެއްވެސް ވަރަކަށް ނަޖާހުއަށް އަދި އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ.

" ނޫން... އަހަރެން އެކަނި ގެއަށް ދާނަމޭ." މާޔާ ބުނެލިއެވެ.

" އެނގެއެއްނު ތި ކަމަށް އަހަރެން އެއްބަސް ނުވާނެކަން. މާޔާ އެކަނި ދަތުރުކުރާކަށް އަހަރެން ހިތްހަމައެއް ނުޖެހެޔޭ. ކާރުގައި ބަލާ ދާނަން." ނަޖާހު ބުންޏެވެ.

ނަމަވެސް މާޔާ އެކަމަށް ރުހޭ ގޮތެއް ނުވިއެވެ.

" ދެން އެހާވަރުން ނޫޅެބަލަ ނަޖާ! އަހަންނަކީ ކުޑަކުއްޖެއް ނޫނޭ." މާޔާ ބުނެލީ ހިތްހަމަނުޖެހޭ ފަދަ ގޮތަކަށެވެ.

" ރުޅި އައީތަ؟ " ނަޖާހު އެހިއެވެ.

" ނޫން. " މާޔާ ކުރު ލަފުޒަކުން ޖަވާބުދިނެވެ.

" ނޫން؟ އެނގޭ ހިތްހަމަނުޖެހިއްޖެކަން. އަހަރެމެން ދެ މީހުން ރައްޓެހި ވެގެން މި އުޅެނީ ކޮންމެހެން އެކުގައި ވަގުތު ހޭދަކުރާކަށް ނޫންދޯ؟ ކައިވެންޏާ ހަމައަށް ދިޔުމުގެ ކުރިން، ފިރިއެއްގެ ޙައިޞިއްޔަތުން އަހަރެން އަދާކުރާނެ ޒިންމާތައް މާޔާއަށް ބުނެދޭން ބޭނުން. ކޮންމެ ކޮންމެ ކަމެއް އަހަރެން މަނަލެއް ނުކުރަމެއްނު. އެކަމަކު އެކަނި ތަންތަނަށް ފޮނުވަން އަހަރެން ބޭނުމެއް ނޫން. އެއީ ހަމައެކަނި މާޔާގެ ރައްކާތެރިކަމަށްޓަކައި." ނަޖާހު ބުންޏެވެ.

އަޑުއަހަން އޮތް މާޔާ އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންވެ، އެކަމާ ބަހުސް ކުރާކަށް ނަޖާހު ވެސް ބޭނުމެއް ނުވިއެވެ.

" އެންމެ ރަނގަޅު. އަދި ތިއީ އަހަރެންގެ އަނތްބެއް ނޫން. އެހެންވީމަ މިއަދު އަހަރެން މާޔާގެ ނިންމުމަށް އިޙްތިރާމް ކުރާނަން." ނަޖާހު ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

" އަސްލުވެސް އަހަރެން ބޭނުންވަނީ ގެއަށް ދާން އެކަނި. ނަޖާ! ސޮރީ ވަރަށް ބޮޑަށް. " މާޔާ އެހެންބުނެ ފޯނު ކަނޑާލިއެވެ.

ބަޔާންކުރަން ދަތި ހިތްދަތިކަމެއް ނަޖާހުއަށް ލިބުނެވެ. ނަމަވެސް އޭނާ ނިންމީ މާޔާގެ އެދުމަށް އިޙްތިރާމް ކުރުމަށެވެ.

ނަޖާހުއާ ދިމާވުމުން، އާއިޒް ކައިރިއަށް ދާނެ ހިތްވަރު ގެއްލިދާނެތީ މާޔާ ބިރުގަނެއެވެ. މާޔާގެ މޫނުމަތީގެ ޝުއޫރުތަކުން ނަޖާހުގެ ސުވާލުތައް އަންނާނެކަން ވެސް މާޔާއަށް އެނގެއެވެ. އެއާއެކު މާޔާ ހަނދާންވީ ޒިމްނާ މަތިންނެވެ.

" އަހަރެން ހޮސްޕިޓަލަށް ދާއިރަށް ޒިމް ސުވާލުކުރާނެ. އަނެއްކާ މަގޭ ފަހަތުން އޭނަ އަތުވެދާނެ. އޯހް ނޯ! " މާޔާއަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. ޙަޤީޤަތުގައި، އޭނާ އާއިޒްއާ ބައްދަލުކުރަން ދާން ބޭނުންވަނީ އެއްވެސް މީހަކަށް ނޭނގިއެވެ. ޖޯލިން ތެދުވެ، ގެއާ ދިމާލަށް ހިނގައިގަތެވެ.

ހިޔާލު ބަދަލުވުމާއެކު އޭނާ އާމިރާއަށް ގުޅާލިއެވެ. އެއާއެކު އެންމެ ރިންގަކުން އާމިރާ ފޯނުނެގީ ކެތްމަދުވެފައި ހުރެއެވެ.

" ކީކޭ މާޔާ؟" އާމިރާގެ އަޑު ޖެހުމާއެކު މާޔާ އަނެއްކާ ވެސް ހާސްވިއެވެ.

" ވާހަކައެއް ބުނަން ވެގެން." ލަދުން ހުރެ މާޔާ ބުންޏެވެ.

" އަވަހަށް ބުނޭ." އުފަލުން ހުރެ އާމިރާ ބުންޏެވެ.

" އެއާޕޯޓަށް ބަލާ އަންނާށޭ ބުނަން ވެގެން. އެއީ... ގެއަށް ނުގޮސް ސީދާ ހޮސްޕިޓަލަށް ދާން ބޭނުމީ." މާޔާ ބުންޏެވެ.

" ހަމަ އަސްލުތަ؟ ދޮންތަ ވަރަށް އުފާވެއްޖެ. ބަރާބަރު ގަޑިއަށް ދާނަން އިނގޭ." އާމިރާ ބުންޏެވެ.

އާމިރާ އުފަލުން ފޮޅުނު ނަމަވެސް މާޔާގެ ހިތުގައި ހިނގަމުން ދަނީ ގޮތްނޭނގޭ ހަނގުރާމައެކެވެ. ކަންތައް ކުރެވެނީ ރަނގަޅަށް ކަމަށް ވެސް މާޔާއަށް ނޭނގޭކަހަލައެވެ.

ވަރުބަލިކަމާއެކު މާޔާއަށް އެރޭ ވަރަށް އަވަހަށް ނިދިއްޖެއެވެ. މާބޮޑަށް ސިކުނޑިއަށް ބަރުބޮޑުވުމުގެ ސަބަބުން ނަޖާހުއަށް ގުޅާލަން ވެސް އޭނާ ހަނދާންނެތެވެ.

" ޒިމް! " ނަޖާހުގެ މޮޅިވެރި އަޑުން އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޒިމްނާއަށް އެނގުނެވެ.

" މާޔާ ރަށަށް ގޮސް އަހަންނާ ވަރަށް ދުރުވެއްޖެ. އަދި މިވީ އެންމެ ދެ ދުވަސް. ވާހަކައެއް ވެސް ނުދައްކާ ގުޅީމަ. އަންޑަސްޓޭންޑްވޭ އެކޮޅުގައި ފެމިލީ ކަންކަން އެހާ ރަނގަޅު ނޫންކަން. އެކަމަކު އަހަންނަށް ހީވަނީ ބޮޑަށް އަހަންނާ ދުރުހެން ހަމަ. މިރޭ ވެސް އެއްވެސް މެސެޖަކަށް ރިޕްލައި އެއް ނުދޭ. ހަބަރެއް ނުވީމަ ގުޅާލަން ވެސް ނުކެރިފައި މި ހުރީ. މަޔާ ބަލައި އެއާޕޯޓަށް ދާން ވެސް ޝީ އޯކޭއެއްނުވި." ނަޖާހު ވާހަކަ ދެއްކީ އަސަރާއެކުއެވެ.

" އޯހް! އަސްލުތަ؟ކިހިނެއްބާވީ؟ އަހަރެން އަހާނަން އޭނަ އައީމަ." ޒިމްނާ ބުންޏެވެ.

" ނޫނޭ. އަހާނެކަމެއް ނެތް. އޭރުން އަނެއްކާ ހިތްހަމަނުޖެހިދާނެ. ނޫނީ އަހަރެން މަތިން ފޫހިވެދާނެ." ނަޖާހު އަވަސް އަވަހަށް ބުންޏެވެ.

" އޭ ދެން މާ ވަރަށް ނަޖާ ނުވިސްނާ. އޭނަ މޫޑީ ވީ ކަންނޭނގެ ރަށަށް ގޮސް. މަށަކަށް ވެސް ނުގުޅާ. ދެން ބުނެބަލަ! މާދަމާ ރޭ އޮތީ ކޮންކަމެއް؟ އަހަރެން ކީއްކޮށްދޭންވީ؟ " ޒިމްނާ އެހިއެވެ.

" ޓެރަހެއް ރެޑީ ކުރާނެ މާދަމާ ރޭ 9އަށް. މަ އެޑްރެސްދިނީމަ، މާޔާ ގެނެސްދީ އެ ތަނަށް. އަހަރެން ބުނެގެންނޭ ނުބުނައްޗޭ. ޑިނަރ އަކަށޭ ކިޔާފަ މާޔާ އެތަނަށް އަރުވާފަ ޔޫ ދޭ." ނަޖާހު ބުންޏެވެ.

އޭނާގެ އަޑުގައި ހުރި މޮޅިވެރިކަމުގެ އަސަރުތަކުން ޒިމްނާއަށް ވެސް އުނދަގޫވެއްޖެއެވެ.

" އޭ ދެން! ހާދަ ޝައުޤުވެރިކަން ނެތޭ މިހާރު. މާ އަވަހަށޭ ތި ހާސްވަނީ." ޒިމްނާ ދިމާކޮށްލިއެވެ.

" ނޫނޭ! މި ބަލަނީ ދެން މާދަމާ ރޭ މާޔާ އުފާވާނެކަމަށް." ނަޖާހު ބުންޏެވެ.

ނިދިން ހޭލެވުމާއެކު މާޔާއަށް ފެނުނީ ނަޖާހުގެ މެސެޖްތަކެވެ. އެއްވެސް މެސެޖަކަށް ރިޕްލައި ދޭ ހިތެއް ނުވިއެވެ. ނަމަވެސް ހުރިހާ ކަމެއް ވެސް ރަނގަޅުކަމަށާއި، މާލެ ގޮސް ހަބަރެއް ވާނެކަމަށް ބުނެ މާޔާ ނަޖާހުއަށް ފޮނުވާލީ ކުރު މެސެޖެކެވެ.

ބަނޑުހައިވެފައި ހުރި ވަރުން މާޔާ ބަދިގެއަށް ދިޔައިރު އޭނާގެ އިންތިޒާރުގައި މަންމަ އިނެވެ. މާޔާ ފެނުމާއެކު މޭޒުމަތީގައި ހުރި ތަށިތަކުގެ މަތި ނަގަމުން ސުވޭދާ ވާހަކަ ފެށިއެވެ.

" ފުރުމުގެ ކުރިން ބައްޕަ ދެކިލަން އެ ގެއަށް ދޭބަލަ." ސުވޭދާ ބުންޏެވެ.

ހައިރާންވެފައި މާޔާ ސުވޭދާއަށް ބަލައިލަމުން ހީލިއެވެ.

" އެ ގެއަކަށް ނުދާނަން. އެކަމަކު ބައްޕައަށް ގުޅައިގެން މި ގެއަށް ގެންނާނީ." މާޔާ ބުންޏެވެ.

އެއާއެކު ކުއްލިއަކަށް ފެންޑާއަށް މީހަކު ވަތް އަޑަށް، މާޔާއާއި ސުވޭދާއަށް އެ ދިމާލަށް އެއްފަހަރާ ބަލައިލެވުނެވެ. އޭރު ރާޒީ އައިސް ކާގެ ދޮރުމަތީ ހުއްޓެނީއެވެ. އޭނާގެ އަތުގައި ކޮތަޅެއް ވެސް އޮތެވެ.

" މިއީ ގަނެގެން ގެނައި ކަނަމަދު. ދަރިފުޅަށް މީރު އެއްޗެއްވީމަ ހިތަށް އެރީ ގެންނަން." ރާޒީ ވާހަކަ ދެއްކީ ބީރައްޓެއްސަކު ފަދައިންނެވެ.

" ބައްޕާ! އާދޭ ސައިބޯން." މާޔާ ހެވިލާފައި އެހެން ބުނި އިރު، އިސްޖަހާލައިގެން އިން ސުވޭދާ ތައްޓަށް ރޮށި ފުނޑުވަމުންދިޔައެވެ.

ބޭއިޙްތިޔާރުގައި ރާޒީއަށް ސުފުރާ މައްޗަށް ނަޒަރު ހިންގާލެވުނެވެ. އެއާއެކު ދުން އަރަމުންދިޔަ ބަނބުކެޔޮ ރިހަ ތައްޓާއި ތެލުލި މުށިމަސް ތަށި ފެނި، އޭނާ ދަހިވެއްޖެއެވެ. އެ ފަދަ މީރު ކެއުމެއްގެ ރަހަ އޭނާއަށް ނުލިބޭތާ ލައްކަ ޒަމާންވެއްޖެއެވެ. ދަރިފުޅުގެ އެދުމަށް އާނއެކޭ ބުނަން ބޭނުންވި ނަމަވެސް، ރާޒީ އިންތިޒާރުކުރީ ސުވޭދާގެ ބަހަކަށެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.