ޣައްޒާގެ މެދުތެރޭގައި އޮންނަ ވާދީ ޣައްޒާ ސަރަޙައްދުގައި ހިމާރު ގާޑިޔަލެއްގައި ދަތުރުކުރަމުންދިޔަ ބަޔަކަށް އަމާޒުކޮށް އިޒްރޭލުގެ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ކުޑަކުއްޖަކާއެކު ތިން ފަލަސްޠީނުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާ ދީފައިވަނީ އިޒްރޭލާއި ޙަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ތެރެއިންނެވެ.
މެޑިކަލް މަސްދަރުތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ވާދީ ޣައްޒާ ކައިރިން ދަތުރުކުރި އެ ގާޑިޔަލަށް އިޒްރޭލު ސިފައިން ހަމަލާދިން ވަގުތު އޭގައި ކުޑަކުއްޖަކު ވެސް އިނެވެ. އަދި މި ހަމަލާގެ ސަބަބުން އެ ގާޑިޔަލުގައި ތިބި ތިން މީހުން ވަގުތުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.
ފަލަސްޠީނުގެ ޚަބަރު ފަތުރާ އިދާރާ (ވަފާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދުގެ ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން ހަތް ފަލަސްޠީނުން ވަނީ ޝަހީދުވެފައެވެ. އޭގެ އިތުރުން ޣައްޒާގެ އެކި ކަންކޮޅުތަކުން އެތައް ދިހަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
މީގެ އިތުރުން، ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް މަވާސީ ސަރަޙައްދުގައި ހުރި ސަލާމަތީ ޕޯސްޓަކަށް އިޒްރޭލުން ޑްރޯން ހަމަލާއެއް ދީފައިވެއެވެ. އިންސާނީ އެހީގެ ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި އިޒްރޭލުން ކަނޑައަޅާފައިވާ މި ސަރަޙައްދަށް ދިން ހަމަލާގައި ފަލަސްޠީނުގެ ތިން ފުލުހުން ޝަހީދުވެ، އިތުރު ފަސް މީހަކު ވަނީ ޒަޚަމްވެފައެވެ.
އަދި ހަމައެއާއެކު، ޣައްޒާ ސިޓީއަށް ރޭގަނޑު ދިން ވައިގެ ހަމަލާއެއްގައި ދެ މީހުން ޝަހީދުވެ އިތުރު ބަޔަކު ޒަޚަމްވެފައިވާއިރު، ޖަބަލިއާ ރެފިއުޖީ ކޭމްޕަށް މީގެ ކުރިން ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދިޔަ އެކަކު ވެސް ވަނީ މިއަދު ނިޔާވެފައެވެ. މީގެއިތުރުން ފަލަސްޠީނުގެ މަސްވެރިންތަކަކަށް ވެސް އިޒްރޭލު ސިފައިން ވަނީ އަނިޔާކޮށްފައެވެ. އެގޮތުން މަސްވެރިން ހިފަހައްޓައި، ސުވާލުކޮށް، އަނިޔާކުރުމަށްފަހު މޫދަށް އެއްލައިލުމަށްފަހު ފަތާފައި އައްސޭރިއަށް ދިއުމަށް އިޒްރޭލު ސިފައިން ވަނީ އަމުރުކޮށްފައެވެ.
މެޑިކަލް މަސްދަރުތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 74،746 އަށް އަރައިފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 176،234 އަށް ވަނީ އަރައިފައެވެ. މީގެ އިތުރުން، 11 އޮކްޓޫބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުވާން ފެށިފަހުން ވެސް އިޒްރޭލުން ދިން ހަމަލާތަކުގައި 1،679 މީހުން ޝަހީދުވެ، 6،100 މީހުން ވަނީ ޒަޚަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!