ށ. ފުނަދޫގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށަށް ގޮސް، ވައިގެ ސާފުމިން ބަލާ އެއާ ކޮލިޓީ އިންޑެކްސް 157 އަށް އަރައި ސިއްހަތަށް ނުރައްކާވާ ދަރަޖައަކަށް ވެއްޓުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ށ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ބުނީ، އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ އެއީ އާންމު ސިއްހަތަށް ނުރައްކާތެރި މިންވަރެއްގެ ގޮތުގައި ބެލެވޭ ހާލަތެއް ކަމަށެވެ. އަދި މި މިންވަރަކީ އާންމުކޮށް ކޮންމެ މީހެއްގެ ސިއްހަތަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ މިންވަރެއް ކަމަށާއި، ހާއްސަކޮށް ނާޒުކު ހާލަތްތަކުގައިވާ މީހުންނަށް މީގެ ނުރައްކާ އިންތިހާއަށް ބޮޑުވާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އެހެންކަމުން މި ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ބޭރުގައި ގިނަވަގުތު ހޭދަކުރުމާއި، ބުރަ މަސައްކަތްތަކާއި ކަސްރަތު ކުރުން މަދުކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. ވަކިން ހާއްސަކޮށް، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުން ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށާއި، ބޭރުގައި ކުރާ ބުރަ ހަރަކާތްތަކުން ދުރުހެލިވުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން، ގޭތެރޭގެ ފިނިހޫނުމިން ރައްކާތެރި މިންވަރެއްގައި ހިފެހެއްޓޭނަމަ، ކުޑަދޮރުތަކާއި ދޮރުތައް ލައްޕައިގެން ތިބުމަށް ވެސް އިރުޝާދު ދީފައިވެއެވެ. އަދި ބޭސްފަރުވާ ކުރަމުންދާ ފަރާތްތަކުން ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި، ވައިގެ ތެރޭގައި ހުންނަ ކުދި ވިހަ މާއްދާތައް ފުރޭނުމަށް އެހީތެރިވެދޭނެ ފަދަ ރަނގަޅު "އެން95" ނުވަތަ "ކޭއެން95" މާސްކެއް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ ހަނދާންކޮށްދީފައެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ (ހޭޒް) އަސަރު ކުރަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިއްޔެ އިލްތިމާސްކޮށްފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހު ވެސް ދުންފުހުގެ އަސަރު ބޮޑުވާނެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި، ދުންފުހުގެ ސަބަބުން ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް އިތުރުވުމުގެ ނުރައްކާ އެންމެންނަށް ވެސް ބޮޑެވެ. އަދި ނާޒުކު ހާލަތުގައިވާ މީހުންނަށާއި އެހެން ފަރާތްތަކަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އެޖެންސީން ބުންޏެވެ. އެހެންކަމުން އެންމެންވެސް ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން މަޑުޖައްސާލުމަށާއި، ބޭރުގައި އުޅޭއިރު އެން95 މާސްކު އެޅުމާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ދުންފުހުގެ އަސަރު ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާއަށް ވެސް ދަނީ ކުރަމުންނެވެ. އަދި އެ ގައުމުތަކުގައި ވެސް މި ނުރައްކާތެރި ހާލަތާ ގުޅިގެން ރައްޔިތުން ބޭރަށް ނުކުމެ އުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!