ވޭޕް ވިޔަފާރި ހުއްޓުވުމާއި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން ފަދަ ފިޔަވަޅުތަކަކީ މަގުބޫލު ނޫން ނިންމުންތަކެއް ކަމުގައި ވިޔަސް، އެ ފިޔަވަޅުތައް ނޭޅި ނަމަ ގައުމު ބިރުވެރި ހާލަތަކަށް ގޮސް އެންމެ ތުއްތު ކުދިން ވެސް ނުރަނގަޅު މާހައުލެއްގެ ތެރެއަށް ވެއްޓިގެންދިޔައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރައްޔިތުންގެ ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން ނިންމި މުހިންމު ނިންމުންތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައިފައެވެ.

Ad
rt

ޖެނެރޭޝަން ބޭން ތައާރަފުކޮށް، ވޭޕަށް ހުށަހެޅިފައި ނުވާ ކުދިން އެ ވަބާއިން ސަލާމަތްކުރި ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން އެޅި މި ހަރުދަނާ ފިޔަވަޅު، މިހާރު ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ނަކަލުކުރަމުން އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ސަރުކާރުގެ އިހުލާސްތެރިކަން މާ ބޮޑު ކަމަށާއި، މިފަދަ ނިންމުންތަކުގެ ހެޔޮ އަސަރު ކުރާނީ ކުރިއަށް އޮތް ޖީލުތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. "ކުޑަ ގައުމެއް ކަމަށްވިޔަސް، އަޅުގަނޑުމެންގެ އިހުލާސްތެރިކަން މާބޮޑު. އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އެކި ފަރާތްތަކުން ތަފާތު ލޭބަލްތައް އެޅުވުމަކީ އެމަނިކުފާނު އެއްވެސް ވަރަކަށް ފަރުވާލެއް ބަހައްޓަވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނަށް އެންމެ ފުރަތަމަ ގައުމުގެ ޝިއާރުން ފުދޭނެ ކަމަށް ވެސް ރައީސް ބަޔާންކުރެއްވިއެވެ.