ބަހްރައިނަށް ކުރިމަތިވެދާނެ ސަލާމަތީ ނުރައްކަލަކާ ގުޅިގެން ހުރިހާ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ އެންމެން ކެތްތެރިކަމާ އެކު ހަމަޖެހި، ވީ އެންމެ އަވަހަކަށް ރައްކާތެރި ތަންތަނަށް ދިއުމަށް އެ ޤައުމުގެ ދާޚިލީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އިންޒާރު އެ ވުޒާރާއިން ނެރެފައިވަނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު 15 ވީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ދާޚިލީ ވުޒާރާގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ނެރުނު ކުއްލި އިރުޝާދުގައި ބުނެފައިވަނީ، އާންމު ރައްކާތެރިކަން ކަށަވަރުކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ މީހަކުވެސް އަމިއްލަ ސަލާމަތަށް އިސްކަންދީ، ވަގުތުން ރައްކާތެރި އިމާރާތްތަކަށް ވަދެ ތިބުމަށެވެ. އަދި ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދީ، ކަންކަން ހިނގަމުންދާ ގޮތް ބެލުމުގައި ރަސްމީ ވަސީލަތްތަކުން ލިބޭ މަޢުލޫމާތަށް އިތުބާރު ކުރުމަށާއި، ސައްޙަ ނޫން މަޢުލޫމާތުތަކަށް ސަމާލުނުވުމަށް ވެސް ވަނީ ގޮވާލައިފައެވެ.
ކުރިމަތިވެދާނެ ނުރައްކަލާ ގުޅޭ ތަފްޞީލުތައް ބަހްރައިންގެ އިދާރާތަކުން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި އެންގުން އައިސްފައިވަނީ ގަލްފު ސަރަޙައްދުގައި މަސްރަޙު އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ބަހްރައިނާ ދިމާއަށް އަމާޒުކޮށް އީރާނުން ފޮނުވާލި ހަމަލާދޭ ޑްރޯންތަކެއް އެމެރިކާގެ އަސްކަރިއްޔާއިން ހުއްޓުވާފައިވާ ކަމަށް ދާދިފަހުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްކަން ފާހަގަކުރެވެއެވެ.
ބަހްރައިންގެ ސިވިލް ޑިފެންސްގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ ހަވާލާދީ އަންގާފައިވަނީ، ރައްކާތެރި ތަންތަނަށް ވަނުމަށް އަންގާ އެލާޓްތަކާއި ސައިރަންގެ އަޑު އިވޭ ހާލަތްތަކުގައި، ވަގުތުން ވަރުގަދަ އިމާރާތްތަކުގެ އެތެރެއަށް ވަނުމަށެވެ. އަދި ކުޑަދޮރުތަކާއި ބިއްލޫރި ދޮރުތަކާއި ބެލްކަނިތަކުގެ އިތުރުން ފުރާޅު ފަދަ ހާމަ ތަންތަނާ ދުރުގައި، އިމާރާތުގެ އެތެރޭގެ ކޮޓަރިތަކުގައި މަޑުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން، އެ ވަގުތު ދަތުރުފަތުރުކުރަމުންދާ އުޅަނދުފަހަރުގެ ޑްރައިވަރުން، ބްރިޖުތަކާއި އޯވަޕާސްތަކާއި އުސް އިމާރާތްތަކާ ދުރަށް ޖެހި، ރައްކާތެރިކަމާ އެކު އުޅަނދުތައް މަޑުކުރުމަށްފަހު ކައިރީގައި ހުރި ހަރުދަނާ އިމާރާތަކަށް ވަދެ ހިޔާވަހިކަން ހޯދުމަށް ވަނީ އަންގައިފައެވެ. ހަމައެއާއެކު ވަގުތުން ވަގުތަށް ސައިރަން އެލާޓްތަކާއި އިރުޝާދުތައް ހޯދުމަށް ބަހްރައިންގެ 'މައިގަވް' (MyGov) އެޕްލިކޭޝަންގެ ނޮޓިފިކޭޝަންތައް އޮންކޮށް ބެހެއްޓުމަށާއި، ކުއްލި ހާލަތްތަކުގައި ގުޅާ ނަންބަރު 999 ތައްޔާރީ ހާލަތުގައި ބޭއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ނާޒުކު ހާލަތުގައި މަޢުލޫމާތު ފެތުރުމާއި މީޑިއާ ބޭނުންކުރުމާ ގުޅޭގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން ބަހްރައިންގެ ޤާނޫނު ބުނާގޮތުން އަސްކަރީ އަދި ފުލުހުންގެ މަރުކަޒުތަކާއި ހާދިސާތައް ހިނގާ ސަރަޙައްދުތައް ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ މަނާކަމެކެވެ. އަދި ކަމުގެ ޙަޤީޤަތް ކަށަވަރުނުވާ މަންޒަރުތަކާއި ޚަބަރުތައް ސޯޝަލް މީޑިއާގައި ދައުރުކުރުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމަށް ވެސް ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!