ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް، "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ގެ ބިންގާ މިއަދު އަޅައިފިއެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީޚީ މުނާސަބަތާ ގުޅުވައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ސަޢޫދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އަލްރާޖިޙީގެ އިތުރުން ސަޢޫދިއަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލް-ޤަހްތާނީ އާއި ހައުސިންގ ޑިވެލެޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މިސްކިތާއި ވަޤުފު މަޝްރޫޢުތަކަށް ޚަރަދުކޮށް، ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ސައުދީއަރަބިއްޔާގެ އަލް ރާޖިޙީ ކުންފުނިންނެވެ.
"ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ" ގެ ނަމުން ނަންދެވިފައިވާ މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ. ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ބިނާއަކީ، ނަމާދުކުރާނެ ސަރަޙައްދުގެ އިތުރުން އިސްލާމީ ތަޢުލީމާއި ސަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ތަރައްޤީކުރާ މަރުކަޒެކެވެ.
ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި ބިނާގެ ތެރޭގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާޞްޞަ އޮފީސްތަކުގެ އިތުރުން، ތަޢުލީމީ އަދި ސަޤާފީ އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރާނެއެވެ. އެގޮތުން ދީނީ މަޢުލޫމާތާއި ތާރީޚު ފެތުރުމަށްޓަކައި އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މަޢުލޫމާތުތައް ދައްކުވައިދޭ ޤުރުއާން ދާރުލްއާސާރެއްވެސް މި ބިނާގައި ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރާނެއެވެ. މިސްކިތަށް ޒިޔާރަތްކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި އިސްލާމީ ފޮތް ފިހާރައެއްގެ އިތުރުން ގިފްޓް ޝޮޕެއްވެސް ގާއިމުކުރާނެއެވެ.
އިސްލާމީ ތަހުޒީބީ މަރުކަޒަކީ ރާއްޖެއަށް އިސްލާމްދީން އައި ގޮތާއި، އިސްލާމީ ތަހުޒީބު ކުރިއަރައިގެން ދިޔަ ގޮތުގެ ތާރީޚު ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައިދޭނެ ތަނެކެވެ. މީގެއިތުރުން 900 އަހަރުގެ ތެރޭގައި އިސްލާމްދީނަށް ޚިދުމަތް ކުރެއްވި ޢިލްމުވެރިންނާއި ސުލްތާނުންގެ ތާރީޚާއި ޚިދުމަތްތައް މި މަރުކަޒުން ފެނިގެންދާނެއެވެ. އަދި އިސްލާމީ ކަންކަމަށް އެހީތެރިވުމަށާއި މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި، މި މިސްކިތް ކޮމްޕްލެކްސްގައި ޢައުޤާފު (ވަޤުފު) ތައްވެސް ހިމެނޭނެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، މި ބިނާއަށް ސުލްތާން މުޙައްމަދު ބިން ޢަބްދުﷲގެ ނަންފުޅު ދެއްވާފައިވަނީ، ހިޖުރައިން 548 ވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ރަސްކަލުގެ ނަމުންކަމަށެވެ. ސުލްތާން މުޙައްމަދު ބިން ޢަބްދުﷲ އިސްލާމްދީން ޤަބޫލުކުރެއްވުމަކީ ރާއްޖެ އިސްލާމީ ދައުލަތަކަށް ބަދަލުވުމަށް މަގުފަހިވެ، ޤަރުނުތަކަކަށް ދެމިގެންދިޔަ ރޫޙާނީ އަދި ތަހުޒީބީ ދަތުރުގެ ފެށުމެވެ. މި މަޝްރޫޢު ފެށިގެން މިދިޔައީ ރާއްޖެއަށް އިސްލާމްދީން އައިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ.
މި މަރުކަޒަކީ ހަމައެކަނި އަޅުކަންކުރާ އަދި އުނގެނޭ ތަނެއްގެ އިތުރުން، ރާއްޖޭގެ އިސްލާމީ ތަހުޒީބާއި، ސުލްޙަވެރިކަމާއި އެކުއުޅުމުގެ މަތިވެރި ސިފަތައް ދުނިޔެއަށް ދައްކުވައިދޭ ޘަޤާފީ އަދި ފަތުރުވެރިކަމުގެ މަންޒިލަކަށް ވެގެންދާނެއެވެ. މާތް ﷲގެ ވާގިފުޅާއެކު ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރެވޭކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!