އަޔަލޭންޑުގެ ރައްޔިތުން ހަނގުރާމައާއި ނަސްލުނައްތާލުން އެއީ އާންމު ކަމެއްގެ ގޮތުގައި ބަލައިގަތުމާ ދެކޮޅު ހަދާކަން، އެ ގައުމުގެ ރައީސް ކެތުރީން ކޮނޯލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދަންނަވައިފިއެވެ.

ރައީސް ކޮނޯލީ މިހެން ދެއްނެވީ ޓްރަމްޕް އައިރަލޭންޑަށް ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހޮނިހިރު ދުވަހު ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައެވެ.

Ad
rt

އައިރަލޭންޑުގެ ރިޔާސީ ގަޑުވަރު "އާރަސް އަން އުއަޚްތަރާން" ގައި ޓްރަމްޕާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ބަޔާނުގައި ރައީސް ކޮނޯލީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައިވާ ގަދީމީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ހަނގުރާމައާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނިއްޔަތުގެ ވުޖޫދަށް އޮތް ބޮޑު ނުރައްކަލާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށްވެސް އެކަމަނާ ބުނެފައިވެއެވެ.

މީގެއިތުރުން އެމެރިކާއަށް އަޔަލޭންޑުގެ މީހުން ކޮށްދީފައިވާ ޚިދުމަތްތަކާއި، ސެޕްޓެމްބަރު 11 ގެ 25 ވަނަ އަހަރީ ދުވަހާއި، އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ އިތުރުން އަޔަލޭންޑުގެ އުތުރުގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާއިން ދިން އެހީތެރިކަމާ މެދުވެސް ވާހަކަދެކެވުނު ކަމަށް ބުނެފައިވެއެވެ.

ޓްރަމްޕާއި އަޔަލޭންޑްގެ ރައީސް ކޮނޯލީ ބައްދަލުކުރަށްވަނީ، ފޮޓޯ: އާރުޓީއީ

އަޔަލޭންޑުގެ ތާރީޚުގައި ބަނޑަށްޖެހުމާއި، އިސްތިއުމާރީ އަޅުވެތިކަމާއި، "ދަ ޓްރަބަލްސް" ގެ އަނިޔާވެރިކަން ތަހައްމަލުކޮށްފައިވާކަން ފާހަގަކުރައްވަމުން ކޮނޯލީ ވިދާޅުފައިވަނީ، ސުލްހަ ގާއިމުކުރުމުގެ މުހިންމުކަން އަޔަލޭންޑަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މީގެއިތުރުން 1958 އިން ފެށިގެން އދ. ގެ ސުލްހަ ބަލަހައްޓާ ހަރަކާތްތަކުގައި އަޔަލޭންޑުން އަދާކުރާ ދައުރާއި، ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބައިނަލްއަގުވާމީ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އެ ޤައުމުން ދޭ އިސްކަން ޓްރަމްޕަށް ހަނދާންކޮށްދެއްވި ކަމަށްވެސް ރައީސް ކޮނޯލީ ވިދާޅުވެފަވެއެވެ. މިއާއެކު، ސެއިންޓް ބްރިޖިޑްސް ކްރޮސްއަކާއި، "ނެވިގޭޝިއޯ ސަންކްތީ ބްރެންޑާނީ - ދަ ވޮޔޭޖް އޮފް ސެއިންޓް ބްރެންޑަން" ފޮތުގެ ކޮޕީއަކާއި މައިކަލް ލޮންގްލީގެ ޅެންފޮތެއް އެކަމަނާ ވަނީ ޓްރަމްޕަށް ވެދުންކުރައްވާފައެވެ.

ޓްރަމްޕް އަޔަލޭންޑަށް ކުރައްވަމުންދާ ދަތުރުފުޅާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ވެރިކަންކުރާ ޑަބްލިންގައި 10،000 އެއްހާ މީހުން މަގުތަކަށް ނުކުމެ ގާނޫނުހަދާ މަޖިލީހާ ހަމައަށް މުޒާހަރާ މާޗެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމެރިކާގެ ސިފައިން ބޭނުންކުރާ ޝެނަން އެއާޕޯޓާއި، ޓްރަމްޕްގެ ގޮލްފް ރިސޯޓު އޮންނަ ޑޫންބެގްގައިވެސް މުޒާހަރާކޮށްފައިވެއެވެ. ޑޫންބެގްގައި ކުރި މުޒާހަރާތަކާ ގުޅިގެން ހުކުރު ދުވަހުގެ ރޭ އެކަކު އަދި ހޮނިހިރު ދުވަހު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން އުފުލި ބޯޑުތަކުގައި ޓްރަމްޕަށް އައިރަލޭންޑުން މަރުހަބާ ނުކިޔާކަމަށާއި، އެމެރިކާ ބައިވެރިވާ ހަނގުރާމަތަކާއި އެޕްސްޓީން ފައިލްސްއާ ގުޅޭގޮތުން ނުރުހުން ފާޅުކޮށްފައިވެއެވެ.

ސިޔާސީ ފަރާތްތަކުންވެސް ވަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސިން ފެއިން ޓީން ބުނެފައިވަނީ ޓްރަމްޕްގެ ސަރުކާރުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމަށް މަގުފަހިކޮށްދީފައިވާ ކަމަށާއި، އަޔަލޭންޑުން އަބަދުވެސް ސުލްހައާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ދެމިއޮންނަންޖެހޭނެ ކަމަށެވެ. އަދި 'ޕީޕަލް ބިފޯ ޕްރޮފިޓް' ގެ އިސް ބޭފުޅެއް ކަމަށްވާ ރިޗަޑް ބޮއިޑް ބަރެޓް ވިދާޅުވީ ޓްރަމްޕަކީ ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމަށް ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދީ، އެކަން ކުރިއެރުވުމުގައި ބައިވެރިވާ ފަރާތެއް ކަމަށެވެ.

މީގެއިތުރުން، އަޔަރަލޭންޑުގެ ބޮޑުވަޒީރު މައިކަލް މާޓިން، ފާމްލީގައި ޓްރަމްޕާ ބައްދަލުކުރެއްވިއިރު، ޣައްޒާގެ މައްސަލައިގައި ޓްރަމްޕާ ސުވާލުކުރައްވާފައި ނުވާތީ އިދިކޮޅު މެންބަރު ޕޯލް މާފީ ވަނީ ފާޑުވިދާޅުވެފައެވެ. މާފީ ވިދާޅުވީ ޣައްޒާއާ މެދު ޓްރަމްޕް އެކުލަވާލާފައިވާ 20 ނުކުތާގެ ސުލްހައިގެ ޕްލޭނަށް ބޮޑުވަޒީރު ތާއީދުކުރެއްވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ނަމަވެސް، މި މުޒާހަރާތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ އެފަދަ ބޮޑު މުޒާހަރާއެއް ހިންގިކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި، އެއްވެސް މުޒާހަރާއެއް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.