ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަޢުވަތު އެމަނިކުފާނަށް އަރުވާފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން، މެލޭޝިއާގެ ބޮޑުވަޒީރު ރައީސް މުޢިއްޒުއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ދެ ލީޑަރުން މަޝްވަރާކުރައްވާނެއެވެ.
ނުވަ އަހަރަށްފަހު މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
ހަމައެއާއެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ދެ ޤައުމުގެ ލީޑަރުންނެވެ. މީގެއިތުރުން، ދިވެހި ދައުލަތުގެ އިސް ބޭފުޅުން މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށްވެސް ވަނީ ރޭވިފައެވެ.
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދޭދޭ ރައްޔިތުންގެ މެދުގައި ވަނީ ބަދަހި ގުޅުމެއް އުފެދިފައެވެ. އަދި މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްޤީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ދެ ޤައުމުގެ މެދުގައި ވަނީ ޤާއިމުކުރެވިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރެއް އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބް ރަޒާގް ކުރެއްވި އެ ދަތުރުފުޅުގައިވެސް ސިއްހީ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!