މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.

މިއީ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ނުވަ އަހަރަށްފަހު މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސް މެއެވެ.

Ad
d

މިކަން ރައީސް އޮފީހުން އަދި ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަންނަ ހަފުތާގައި އަންވަރު ރާއްޖެ އަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރަށްވާނެއެވެ.

މި ދަތުރުފުޅަކީ، އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓަށްފަހު ކުރައްވާ ދަތުރުފުޅެއްކަމަށް ވެސް މައުލޫމާތު ލިބެއެވެ. ބްރެޒިލާއި އިންޑިއާ، ޗައިނާ އަދި ރަޝިއާ އިސްނަގައިގެން އުފައްދާފައިވާ އިގުތިސާދީ ޖަމިއްޔާ "ބްރިކްސް"ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އަންވަރު އަންނަ ހޮނިހިރާއި އާދިއްތަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެ ވަޑައިގަންނަވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންވަރުގެ ދައުވަތަކަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 27 އިން 30 އަށް މެލޭޝިއާއަށް ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި އެ ދަތުރުފުޅުގައި، ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީއޯއެން) ވަނީ ބަދަލުކުރައްވައިފައެވެ. އޭގެ ތެރޭގައި ކުޅިވަރާއި، ސިއްހަތާއި، ފަތުރުވެރިކަން އަދި ޑިޕްލޮމެޓުން ތަމްރީނު ކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މޯލްޑިވްސް - މެލޭޝިއާ ބިޒްނަސް ފޯރަމްގައި ތަގުރީރުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ދައުވަތު ދެއްވައިފައެވެ.

Ad
df

މެލޭޝިއާގެ ބޮޑުވަޒީރެއް އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުއެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބް ރަޒާގް ކުރެއްވި އެ ދަތުރުފުޅުގައިވެސް ސިއްހީ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވައިފައެވެ.