ހދ. ކުޅުދުއްފުށި ސިޓީގައި ތެޔޮ ގުދަންކޮށް، ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ބިން ހަމަޖެއްސުމާ ގުޅޭގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، އެފްއެސްއެމްގެ ފަރާތުން ފިއުލް ޝެޑެއް ނުވަތަ ފިއުލް ސްކިޑެއް ގާއިމުކުރުމަށްޓަކައި ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުން ޖުމްލަ 10،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ހަމަޖެއްސައިދެވެން އޮތްކަން މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އަޝަން ބައިވެރިވިއެވެ. ބައްދަލުވުމުގެ ތެރެއިން ކައުންސިލްގެ ފަރާތުން ވަނީ އެފްއެސްއެމަށް ހަމަޖެއްސައިދޭން ނިންމާފައިވާ ބިމުގެ މެޕް އެ ކުންފުންޏާ ހިއްސާކޮށްފައެވެ.
މީގެއިތުރުން، އެ ބިމުގައި ގާއިމުކުރެވޭނެ އެންމެ ބޮޑު ފިއުލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެފްއެސްއެމްގައި އެދިފައެވެ.
ކުޅުދުއްފުށީގައި އަމިއްލަ ފަރާތްތަކުން މި ވިޔަފާރި ކުރަމުން އައި ނަމަވެސް، ރައްޔިތުންނަށް ހެޔޮ އަގުގައި ތެލުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެފްއެސްއެމްގެ އޮޕަރޭޝަންތައް އެ ސިޓީގައި ކުރިއަށްގެންދިއުމުގެ މުހިންމުކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެފްއެސްއެމް އިން ހއ. ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީގައި ތެޔޮ ޝެޑުތަކެއް ގާއިމުކުރުމުގެ މަސައްކަތް ފެށިކަން އިއުލާންކޮށްފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މި މަޝްރޫއުގެ ދަށުން މިހާރުވެސް ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑުތަކުން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!