ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނިތަކުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ ދަށުން ދެމުންދިޔަ ޔޫޓިލިޓީގެ ހުރިހާ ޚިދުމަތްތަކެއް ދެން ދެމުންދާނީ ސްޓެލްކޯގެ ދަށުން ކަމަށެވެ. އަދި އާރުޑީސީ އުވާލައި، އެ ކުންފުނިން ކުރަމުންދިޔަ މަގު ހެދުމުގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ކުންފުނިތަކުން މުވައްޒަފުން މަދުކުރެވި، ކުންފުނިތައް "ރައިޓް ސައިޒް" ކުރެވި، އިސްރާފުވެގެންދާ ޚަރަދުތައް ކުޑަކުރެވޭނެއެވެ. ކުރީގެ ސަރުކާރުތަކުން ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކުގެ ޚަރަދު ބޮޑުވެ، ހިންގުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސިޔާސީ މަންފާއަށްޓަކައި އިންތިޚާބުތަކާ ދިމާކޮށް ކުންފުނިތަކަށް މީހުން ނަގާއިރު، އެފަދަ ގިނަ ވަޒީފާތަކުގައި ކުރާނެ މަސައްކަތެއްނެތި ބޮޑެތި މުސާރަތައް ދޭންޖެހުމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފެނަކައިގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާ ގޮތް އޮޑިޓް ރިޕޯޓުން ފެންނަން އެބިއޮތް ކަމަށެވެ. އެ ކުންފުނީގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވެން ނެތް ކަމަށް ފަންނީ ބޭފުޅުންގެ ލަފާ ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މުޅި ރާއްޖޭގައި ޚިދުމަތްދޭނީ ސްޓެލްކޯއިން މި މަސައްކަތް ނިމުނީމައި. އެހެންކަމުން ފެނަކައިން ކުރަމުންދާ ހުރިހާ މަސައްކަތެއް ސްޓެލްކޯއަށް ބަދަލު ކުރެވި ފެނަކަ އެއްކޮށް އުވާލެވިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށް ނިންމެވި ނިންމެވުމާ މެދު ރައީސް ވިދާޅުވީ، އެއް ކަމެއް ކުރާ އިތުރު ކުންފުނިތައް ހުރުމުން މަސައްކަތްތަކުގައި "ޑުޕްލިކޭޝަން" ގިނަވެ، ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާ ކަމަށެވެ.
"ޑުޕްލިކޭޝަން ވަރަށް ގިނަ. ހަރަދު ވަރަށް ބޮޑު. އެހެންކަމުން އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކައި މި ބަދަލު މިގެންނަނީ. އާރްޑީސީ އުވާލެވި އެމްޓީސީއާ އެއްކޮށްލެވި އެމްޓީސީސީގެ ސަރުކާރު ހިއްސާ ބޮޑު ކުރެވި ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެން ދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
މި ދެ ކުންފުނި އެއްކޮށްލުމުގެ އިތުރުން، ކުންފުނިތަކަށް ބޭނުންވާ ވަރަށް މުވައްޒަފުން ބެއިތިއްބުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މި ކަންކަން ހިނގަމުންދާއިރު މުވައްޒަފުން މަދުކުރަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުފެއްދި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ނަމަވެސް ފެށުނީއްސުރެ އެ ކުންފުންޏަކީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކުންފުންޏެކެވެ. އިންތިހާއަށް ޚަރަދު ބޮޑުވުމާއި ކޮރަޕްޝަންގެ ސަބަބުން ފެނަކަ އޮތީ ބަންގުރޫޓްވާ ހާލަތުގައެވެ.
އަދި މަގު ހެދުމުގެ މަސައްކަތަށް ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދެވި އާރުޑީސީއަކީވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވުނު ކުންފުންޏެކެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމާއި ކޮރަޕްޝަންގެ މައްސަލަތަކާ ހުރެ އެ ކުންފުނިވެސް ވަނީ މާލީ ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައެވެ.
މި ސަރުކާރުން ވަނީ މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އެއާޕޯޓްސް ކޮމްޕެނީގެ ދަށަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!