ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން މިވަގުތު ޤުރްއާން ހިތުދަސްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާރުދެމުން، މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހާފިޒުން އިތުރުވަމުން ދިއުމަކީ އުފާވެރި ކަމެއް ކަމަށާއި، ވަކިން ޚާއްޞަކޮށް ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ޝަހީމް ހާމަކުރެއްވި ގޮތުގައި މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޒުންގެ އަދަދު ވަނީ 322 އަށް އަރާފައެވެ. އަދި އަންނަ ރޯދަ މަހު މާތް ﷲ އިރާދަކުރެއްވިއްޔާ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ އިރު، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އެރުވުމެވެ. ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުން ދޭ އިނާޔަތް އިތުރުކުރައްވައި، ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރައްވާފައެވެ. މިހާރު ހިތުދަސްކުރަމުންދާ ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ދަސްކުރަމުންދަނީ ޤުރުއާނާ ބެހޭ މަރުކަޒުގައާއި އިލްމު އިންސްޓިޓިއުޓްގައެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، މިހާރު ވަނީ 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ހިންގަން ފަށާފައެވެ. މީގެ އިތުރުން 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތާއި 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ތެރޭގައި ހުރިހާ ރަށަކަށް މި މަޝްރޫޢު ގެންދިއުމެވެ. އަދި ރަށްރަށުގައި ހިންގާ ޤުރްއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށްވެސް ޤުރްއާން ކިޔަވައިދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް އިތުރުކުރެވެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީނުކުރެވިފައިވާ ކަމަށެވެ. މިއީ އަންނަން އޮތް ޖީލުގައި އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާނުންތަކެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ 13 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހު އިސްލާމީ މަރުކަޒުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅިގެން، ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެކެވެ. 300 އަށް ވުރެ ގިނަ ޚަޠީބުން ބައިވެރިވާ މި މަހާސިންތާއަށް، އަތޮޅުތަކުން މާލެ އައުމުގައި ހުރި ދަތިތަކާއި އިމްތިހާންތަކާ ގުޅިގެން ބައެއް ޚަތީބުންނަށް ހާޒިރުނުވެވޭ ހާލަތްތައް ހުރިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ބިންގާ އެޅިގެންދާ ބޮޑު މިސްކިތުގެ ބިންގާ އަޅައިދިނުމުގެ ޙަފްލާގައިވެސް ޒުވާން ޚާޠީބުން ރަސްމީކޮށް ބައިވެރިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!