މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދަ ނިޒާމުގެ ދަށުން ފުލް ކަވަރޭޖް ނުލިބޭ ގޮތަށް، ލިބޭ އާމްދަނީއަށް ބަލައިގެން އާސަންދަ ކަވަރޭޖު ދެވޭ އުސޫލަށް އަންނަ މަހުން ފެށިގެން ބަދަލުކުރައްވާނެކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

ރައީސް މިކަން އިޢުލާންކުރެއްވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަހަކު 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު އޮންނަ ގޮތަށް އާސަންދައިން ފުލް ކަވަރޭޖު ނުލިބޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް މީގެ ފަހުން އާސަންދަ ލިބެމުންދާނީ ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަދަލު ގެންނަވަން ނިންމެވި ސަބަބު ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު އޮންނަ ގޮތުން އެންމެ މުއްސަނދި މީހާއަށްވެސް އަދި އާދައިގެ މީހާއަށްވެސް އާސަންދަ ނިޒާމުގެ ދަށުން އެއްވެސް ތަފާތެއް ނެތި ޚިދުމަތް ލިބެމުންދާ ކަމަށެވެ. ނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ކަމާ ގުޅޭ ފަންނީ މާހިރުންވެސް ޤަބޫލުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އާސަންދަ ދެވޭ އުސޫލަށް މި ގެނެވޭ ބަދަލާއެކު، އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ، ރައްޔިތުންގެ އެހެންކަންކަމަށް ޚަރަދުކުރުމަށް ދައުލަތަށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން މިއީ ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

މި ބަދަލުގެ ސަބަބުން މި އަހަރުގެ ތެރޭގައިވެސް އާސަންދައަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބަދަލުގެ އެންމެ ބޮޑު ހެޔޮ އަސަރެއް ނުވަތަ ބޮޑު ބަދަލެއް ފެނިގެންދާނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާސަންދައަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ހިލޭ ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި ދިވެހި ސަރުކާރުން ގާއިމުކޮށްފައިވާ ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމެވެ. ސަރުކާރުން އިޢުލާންކުރެއްވި މި ބަދަލުތަކުގެ އިތުރު ތަފްސީލުތައް އެކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރައްވާނެއެވެ.