ސަރުކާރުގެ ތިން ވުޒާރާއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެ މައްސަލައާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، 12 ޑިސެމްބަރު 2024 ގެ ހެނދުނު ތިން މިނިސްޓްރީއެއްގައި ރޯކޮށްލީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ކިހާ ގާތް މީހެއްކަން ފުލުހުންނަށް އެނގޭ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަމާ ގުޅޭ މަޢުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، އެ މައްސަލައަކީ ފުލުހުން ބަލައި ނިންމާފައިވާ ކަމެއް ކަމަށެވެ. އަދި އެ އަލިފާނުގެ ހާދިސާއާ އެމަނިކުފާނާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
''ކަނޑައެޅިގެން ދޮގުވާހަކައެއް، އަޅުގަނޑަށް އަމާޒުކޮށް އެއްވެސް އެއްޗެއް ނުދެންނެވޭނެ އެކަމުގައެއް، ކަނޑައެޅިގެން އިތުރުފުޅެއް އެހެއްދެވީ، ފުލުހުން މައްސަލަބަލައި ނިންމަވާފައި އޮތްކަމެއް، އަޅުގަނޑާއި އެއްވެސް ވަރަކަށް ގުޅުން ހުރިކަމެއްނޫން،'' ރައީސް ވިދާޅުވެފަވެއެވެ.
އަލިފާން ރޯވި އިމާރާތަކީ އެމަނިކުފާނު ގާތްގަނޑަކަށް 7 އަހަރު ދުވަހު މިނިސްޓަރަކަށް ހުންނެވި އިމާރާތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެދުވަހު އެތަނުގައި ރޯވަމުން ދިޔައިރު އެތަނަށް ގޮސް ހުރިއިރު، އެތަނުގައި ކުރިން އުޅުނު މީހެއްގެ ހައިސިއްޔަތުން ފެނިގެންދިޔައީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ.
''އަޅުގަނޑުމީ އެތަނުގައި ގާތްގަނޑަކަށް 7 އަހަރު ދުވަހު މިނިސްޓަރަކަށް ހުރި މީހެއް، އެދުވަހު އެތާގަނގައި ރޯވަމުން ދިޔައިރު އަޅުގަނޑުގޮސް ހުރިއިރުގައި އެތާ ކުރިން އުޅުނު މީހެއްގެ ހައިސިއްޔަތުން ވަރަށް ހިތާމަވެރި މަންޒަރެއް އަޅުގަނޑަށް ފެނިގެންދިޔައީ،'' ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު، އަދި އަމުދުން އެއްވެސް މީހަކު ދޮގުހަދައިގެން ނުވާނެ ކަމަށެވެ. އެވަރުގެ ޒިންމާދާރު މަޤާމެއް އަދާކުރެއްވި ބޭފުޅަކު އެއްވެސް ކަހަލަ ޖެހިލުމެއްނެތި ހަމަ ކަނޑައެޅިގެން އިތުރުފުޅު ހެއްދެވުމުން ވަރަށް ހައިރާންވެ، ހިތާމަކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
''އެހެންވީމަ އަޅުގަނޑު ވަރަށް ހައިރާންވެސްވޭ ކުރީގެ ރައީސްކަން ކުރަށްވާފައި ހުންނެވި ބޭފުޅަކު އަދި އަމުދުން އެއްވެސް މީހަކު ދޮގުހަދާކަށްނުވާނެ، އެވަރުގެ ޒިންމާދާރު މަގާމެއް އަދާކުރެއްވި ބޭފުޅަކު އެއްވެސް ކަހަލަ ޖެހިލުމެއްނެތި ހަމަކަނޑައެޅިގެން އިތުރުފުޅުހެއްދެވީ، ވަރަށް ހިތާމަކުރަން،'' ރައީސް ވިދާޅުވިއެވެ.
އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތި އެގޮތަށް ދޮގު ވާހަކަ ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއްވެސް ހަޤީޤަތެއް ބެލުމެއްނެތި ދައްކާ މިފަދަ ވާހަކަތަކަށް "ނޫނެކޭ" ބުނުމަށް ދިވެހި ހުރިހާ ރައްޔިތުން އެކައްޗެއް ކިޔުމަށް ރައީސް އެދިވަޑައިގަތެވެ. އަދި ރައްޔިތުން އެގޮތަށް އަމަލުކޮށްފިނަމަ، ސިޔާސީ ފަރާތްތަކުންވެސް އެފަދަ ކަންކަން ހުއްޓާލާނެ ކަމަށް ޤަބޫލުކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު ކުރިން ފާހަގަކުރި އިހްތިރާމް އަދާކުރުމުގެ މަޝްރޫޢު ކާމިޔާބެއްނުވާނެ އެގޮތަށްދެން ދޮގުހެދުން، އެއްވެސް ކަހަލަ ޒިންމާދާރުކަމެއްނެތި މިގޮތަށް ވާހަކަފެތުރުން އެއީ އަޅުގަނޑުމެން ނޫނެކޭ ބުނާކަމަކަށް ނުވަންޏަކާ، އަޅުގަނޑު އެދެނީ ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން އެއްވެސް ހަގީގަތެއް ބެލުމެއްނެތި، އެއްވެސް ޒިންމާދާރުކަމެއްނެތި، މިކަހަލަވާހަކަ ދައްކާ ދެއްކުމަށް ނޫނެކޭ ބުނަން އެންމެން އެކަށްޗެއްކިޔަން، އެއިރުން ސިޔާސީ ފަރާތްތަކުން ވެސް އެކަން ހުއްޓާލަފާނެހެން އަޅުގަނޑަށް ހީވަނީ''' ޖަވާބު ނިންމަވާލަށްވަމުން ރައީސް ވިދާޅުވެފަވެއެވެ.
12 ޑިސެމްބަރު 2024 ވަނަ ދުވަހު ސަރުކާރުގެ ތިން ވުޒާރާގައި ރޯވި މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް އަމާޒުވާގޮތަށް ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ދެއްކެވި ވާހަކައާއި ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!