ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އުސޫލުތަކާ ޚިލާފަށް، ހުއްދަ ނުހޯދައި އެހެން ފަރާތްތަކަށް ކުއްޔަށް ދީފައިވާ 11 މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

މީގެ އިތުރުން، އެ ފްލެޓްތަކުގައި ދިރިއުޅޭ 500 އަށްވުރެ ގިނަ ގޭބިސީން ގަވާއިދުން ކުލި ނުދައްކާކަންވެސް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.

Ad
rt

އެފްޑީސީން ބައެއް މީޑިއާތަކާއި ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފްލެޓްތަކާ ގުޅޭގޮތުން އުސޫލުތަކާ ޚިލާފަށް އަމަލުކުރަމުންދާ މުޅިއެކު 44 މައްސަލައެއް އެ ކުންފުނިން ދަނީ ތަހުގީގުކުރަމުންނެވެ. އަދި މި މައްސަލަތަކާ ގުޅިގެން މިހާތަނަށް ޖުމްލަ ހަތަރު ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ. އުސޫލާ ޚިލާފަށް ކުއްޔަށް ދޫކޮށްފައިވާ 11 މައްސަލައިގެ ތެރެއިން އެކަކު ޖޫރިމަނާކޮށް، ދެ މީހަކަށް އިންޒާރުގެ ނޯޓިސް ދީފައިވާއިރު، ބާކީ އަށް މައްސަލަ އަންނަނީ ބަލަމުންނެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކޮށްފައިވާ މި ފްލެޓްތަކުގެ ކުލި ދެއްކުމުގެ މައުލޫމާތަށް ބަލާއިރު، ކުލި ނުދައްކާ 509 ޔުނިޓެއް އެބަހުރި ކަމަށް އެފްޑީސީން ބުނެއެވެ. ނަމަވެސް، މަހުން މަހަށް ގަވާއިދުން ކުލީގެ ފައިސާ ދައްކަމުންގެންދަނީ 3،405 ގޭބިސީއަކުންނެވެ.

އެފްޑީސީއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ފްލެޓްތަކުގެ އެތެރެއާއި އޮނިގަނޑަށް (ސްޓްރަކްޗާއަށް) ހުއްދަނެތި ބަދަލުގެނައުމުގެ މައްސަލަތަކެވެ. އެގޮތުން އިމާރާތަށް ބަދަލުގަނެގެން ބަލަމުންދާ 27 މައްސަލައެއްގެ ތެރެއިން އެއް ފަރާތެއް ޖޫރިމަނާކޮށް، އަނެއް ފަރާތަށް ވަނީ ނޯޓިސް ފޮނުވާފައެވެ. އަދި މި ބައިގައި ހިމެނޭ ބާކީ 25 މައްސަލައެއްގެ ތަހުގީގު އެ ކޯޕަރޭޝަނުން ދަނީ ހިންގަމުންނެވެ.

މީގެއިތުރުން، އާންމު ސަރަހައްދުތަކަށް ކުނިއެޅުމުގެ ގަވާއިދާ ޚިލާފުވި ތިން މައްސަލައެއް ފެންމަތިވެފައިވާއިރު، އޭގެ ތެރެއިން މައްސަލަ ނިންމައި އެއް ފަރާތަކަށް ވަނީ މާލީ ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައެވެ. އަދި ކުނިއެޅުމުގެ ބާކީ ދެ މައްސަލައެއް ބަލަމުންދާއިރު، އެފްޑީސީގެ އެންގުންތަކަށް ތަބާނުވުމުގެ ދެ މައްސަލައަކާއި އަޑުގަދަކުރުމުގެ މައްސަލައެއްވެސް ދަނީ ތަހުގީގުކުރަމުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "އަމާން އުދަރެސް" އަދި "އަމާން ދޯދި" ގެ ނަމުގައި ތަރައްގީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް އެފްޑީސީން ބުނެއެވެ. އެހެންކަމުން، އެ ކޯޕަރޭޝަނުން އަންނަނީ ފްލެޓްތަކުގައި ދިރިއުޅުމުގެ އުސޫލުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.