ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ދެނެގަތުމަށްޓަކައި، ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ޚާއްޞަ ބައްދަލުވުމެއް ޞިއްހަތާއި ޢާއިލާއާއި ޢިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބާއްވައިފިއެވެ.
އެ ވުޒާރާއިން ބުނިގޮތުގައި މި ބައްދަލުވުމަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، އެކުދިންގެ ރައްކާތެރިކަމާއި ޒިންމާތަކާ ގުޅޭގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ކުދިންގެ އަޑު އަހައި، އެކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުވުމެކެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ކުދިންނަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، ކުޑަކުދިންނާ ރަޙުމަތްތެރި މާޙައުލެއްގައިކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ޞިއްހަތާއި ޢާއިލާއާއި ޢިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތެރޭގެ އެކި ސްކޫލްތަކުން ދަރިވަރުން ބައިވެރިވި މި ބައްދަލުވުމުގައި، ޤާނޫނުގައި ހިމެނޭ އެކި މާއްދާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ކުދިންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި، ކުދިންގެ ރައްކާތެރިކަމާއި ޒިންމާތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުދިން ދެކޭގޮތް ދަރިވަރުން ވަނީ ޙިއްޞާކޮށްފައެވެ.
މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނާ ގުޅޭ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލުމުގައި އެކުދިންގެ ވިސްނުމާއި ޚިޔާލުތަކަށް އިސްކަންދީ، ކުދިންގެ އެންމެ މަތީ މަޞްލަޙަތު ހިމާޔަތްކުރުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި، މި ބައްދަލުވުމުން ލިބުނު މަޢުލޫމާތާއި ޚިޔާލުތަކަށް ބިނާކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އިސްލާޙުކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރެވިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!