ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އެ އިދާރާއިން ކައުންސިލުތަކަށް އަންގަން ފަށައިފިއެވެ.
މިގޮތަށް އަންގަން ފަށާފައިވަނީ އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވަން ފަށާފައިވާ ސިޓީތަކެއްގައެވެ.
އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ، މިއީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އަމިއްލަ އާމްދަނީން ހަރަދުވާ ގޮތަށް ވެސް މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ވަނީ ހަމަޖައްސާފައެވެ.
ސިޓީގައިވާ ގޮތުން، ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކުގެ އިތުރުން، ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ވަކި މަސައްކަތްތަކެއް ކުރުމަށް ނަގާ "ކޮންޓްރެކްޓް އެމްޕްލޯއިމެންޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް" ވަޒީފާތަކަށް މީހުން ނަގަންވާނީ ވެސް އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގައެވެ.
މީގެއިތުރުން ވަގުތީ ބޭނުންތަކަށާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީގެ އިތުރުން، އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާންކުރަން ވާނީ ވެސް އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށް ފަހު ކަމަށް އެލްޖީއޭ އިން ވަނީ އަންގާފައެވެ.
އެހެންކަމުން، އިއްޔެ އިން ފެށިގެން މި އުސޫލާ ހިލާފަށް އެއްވެސް މުވައްޒަފަކު ކައުންސިލްގެ ވަޒީފާތަކަށް ނުގެނައުމަށް އެލްޖީއޭގެ ސިޓީގައި ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!