އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލުޢާއްމު ކުރިއަށްދާ މިދަނޑިވަޅުގައި، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެ ޤައުމަށް ގާތްގަނޑަކަށް 800 މިލިއަން ޔޫރޯ (930 މިލިއަން އެމެރިކާ ޑޮލަރު) ގެ އަސްކަރީ ސާމާނު އެކްސްޕޯޓް ކުރުމުގެ ހުއްދަ ޖަރުމަނު ސަރުކާރުން ދީފިއެވެ.
ޣައްޒާގައި ނަސްލު ނައްތާލަމުން ދަނިކޮށް ރުމަނުން އިސްރާއީލަށް 930 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހުއްދަދީފި
މި މަޢުލޫމާތު ހާމަކޮށްފައިވަނީ އިދިކޮޅު ލެފްޓް ޕާޓީން ޕާލަމެންޓުގައި ކުރި ސުވާލަކަށް ޖަރުމަނުގެ އިކޮނޮމީ އެންޑް އެނާޖީ މިނިސްޓްރީން ދިން ޖަވާބާ ހަވާލާދީ ނޫސް މަޖައްލާ ޑާ ސްޕީގަލް އިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ދޫކޮށްފައިވާ އެކްސްޕޯޓް ލައިސަންސްތަކުގެ އަގު، 2025 ވަނަ އަހަރު މުޅިއެކު އިސްރާއީލަށް ހުއްދަދިން އަދަދަށްވުރެ ހަތަރު ގުނަ އިތުރެވެ. މިއަދަދު ކުއްލިއަކަށް އިތުރުވެގެން ގޮސްފައިވަނީ ޗާންސެލަރ ފްރީޑްރިކް މަރޒްގެ ސަރުކާރުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ބައެއް ހުރަސްތައް 2025 ނޮވެމްބަރު 24 ގައި އުވާލުމާ ގުޅިގެންނެވެ.
ޖަރުމަނުން ހުއްދަދިން އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ ބޮޑެތި ދިފާޢީ މަޝްރޫޢުތަކުގެ ސަބަބުންނެވެ. އެގޮތުން، ދެވަނަ ކުއާޓަރުގައި ހުއްދަދިން 735.8 މިލިއަން ޔޫރޯގެ ތެރެއިން ގާތްގަނޑަކަށް %67 ހިއްސާކުރަނީ ކަނޑުގެ އަސްކަރީ މަޝްރޫޢަކަށެވެ. މީގެ ތެރޭގައި ޖަރުމަނުގެ ތިސެންކްރުޕް މެރިން ސިސްޓަމްސް އިން ބިނާކޮށް، ދާދިފަހުން އިސްރާއީލަށް ފޮނުވި "އައިއެންއެސް ޑްރެކަން" ސަބްމެރިން ހިމެނެއެވެ. މީގެ އިތުރުން %21 ހުއްދަ ދޫކޮށްފައިވަނީ ޖަރުމަނާއި އިސްރާއީލުގެ ކުންފުނިތައް ގުޅިގެން ހިންގާ މަޝްރޫޢުތަކަށެވެ. އަދި ބާކީ ބައި ޚާއްޞަކޮށްފައިވަނީ ކުދި ހަތިޔާރާއި، ވަޒަނާއި، ގޮވާތަކެއްޗާއި ޑްރޯން ފަދަ ތަކެއްޗަށެވެ.
އިދިކޮޅު ލެފްޓް ޕާޓީގެ ބައިނަލްއަޤްވާމީ ކަންކަމާބެހޭ ތަރުޖަމާނު ލިއާ ރައިސްނަރ ވަނީ ޖަރުމަނު ސަރުކާރުން ގެންގުޅެނީ "ދެފުށްދެކެކޭ ސިޔާސަތެއް" ކަމަށް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިސްރާއީލުގެ ހައްދުފަހަނައެޅި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމާރ ބެން-ގްވިރް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދައްކަވާ ވާހަކަތައް ކުށްވެރިކުރަމުން، އަނެއްކޮޅުން އެ ޤައުމަށް އަސްކަރީ އެހީ އިތުރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިސްރާއީލަށް ހަތިޔާރު ފޮނުވުން ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ފަލަސްޠީނުގެ 73,470 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 174,540 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!