ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހްގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤްޞަދެއްކަމަށް ބުނެފައި ވަނީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމެވެ. އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.
ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކުރުމުގެ ކުރިން، ޤައުމީ އިދާރާއިން ފުރިހަމަކުރަން ޖެހޭ އެންމެހައި އިޖުރާތުތައް މި ބިލުގައި ތަފްޞީލުކޮށް ވަނީ ބަޔާންކޮށްފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި ވަޒީރުންގެ މަޖިލީހުން އެފަދަ ނިންމުމެއް ނިންމުމަށް ފަހު، އެކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެއެވެ. މީގެއިތުރުން އެކަން ކަމާ ބެހޭ އިދާރާއިން އާންމުކޮށް އިއުލާން ކުރަން ވެސް ޖެހޭނެއެވެ.
ކައުންސިލްގެ އިހްތިސާސުން ބިމެއް ނުވަތަ ތަނެއް ވަކިކުރުމުގެ ކުރިން ސަރުކާރުން ބައެއް ކަންކަން ފުރިހަމަކުރަން ޖެހެއެވެ. އޭގެ ތެރޭގައި އެކަމުގެ މައުލޫމާތު އާންމުކުރުމާއި، އެ ކައުންސިލެއްގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން، ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދިނުން ހިމެނެއެވެ.
ކައުންސިލްތަކުގެ ބިން ސަރުކާރުގެ މަޝްރޫއުތަކަށް ނެގޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި
މީގެ އިތުރުން، ޤައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ޚިދުމަތްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް ޤާއިމުކޮށް، އެ ސެންޓަރުތަކުން ޚިދުމަތް ދެވޭނެ އިންތިޒާމުވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ހަމައެއާއެކު، މި ޤާނޫނަށް ގެނެސްފައިވާ 17 ވަނަ އިޞްލާޙާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ބަދަލުކުރެވުނު، ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، މި 19 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް މިހާރު ވަނީ ބަދަލުވެފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!