މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މ. ދަނބުގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށްގެންދަނީ، އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކުރުމަށްފަހު، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ ގޮތުން ކަމަށެވެ.

Ad
rt

މި އޮޕަރޭޝަން ކުރިއަށް މިގެންދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއަކުން އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވަނިކޮށެވެ.

މި އޮޕަރޭޝަންގައި ބޮޑެތި އަދަދުތަކުން ފައިސާ ދައުރުކޮށްފައިވާ 6 ބިދޭސީއަކު އަތުލައިގެންކަން ވެސް ފުލުހުން ރޭ ވަނީ ހާމަކޮށްފައެވެ. އެ މީހުންނާ ގުޅޭ މައްސަލައިގެ ތަހްގީގްގައި އިއްޔެ އާއި ހަމައަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 3 އަހަރުގެ ތެރޭގައި އެ ބިދޭސީންގެ އެކައުންޓްތަކުގައި ޖުމްލަ 54,429,550 (ފަންސާސް ހަތަރު މިލިއަން ހަތަރުސަތޭކަ ނަވާވީސްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އަދި 1,627,810 (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ) ޔޫއެސް ޑޮލަރު ދައުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.