ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސް، މިއަދުން ފެށިގެން އެ އަދަދަކީ 19،266.10 ރުފިޔާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައިފިއެވެ.
ޒަކާތް ބެލެހެއްޓުމުގެ ކަންކަން ކުރިއަށްގެންދާ ޒަކާތު ހައުސްއިން ބުނި ގޮތުގައި، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބުގެ ގޮތުގައި ބަލާނީ 19،266.10 ދިވެހި ރުފިޔާއެވެ. މިއީ މީގެ ކުރިން ކަނޑައަޅާފައި އޮތް އަދަދަށްވުރެ ދަށް އަދަދެކެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން، 21 އޭޕްރިލް 2024 ގައެވެ. އެ ފަހަރު ޒަކާތުގެ ނިސާބު ވަނީ 19,527.90 ރުފިޔާއިން 21,836.50 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެހެންކަމުން، ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލުތައް އާދެއެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގުތައް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރަމުންދާއިރު، ޒަކާތު ހައުސްއިން ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ބަލަނީ އެމްއެމްއޭއިން އާންމުކުރާ އަގުތަކަށެވެ.
މުދަލު ޒަކާތަކީ އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން ނެރުން ޝަރުޢީގޮތުން ވާޖިބުވާ އެއްޗެކެވެ. ޒަކާތުގެ ގޮތުގައި ނެރެންޖެހެނީ ޝަރުޢީ ހަމަތަކާ އެއްގޮތަށް އެ ފައިސާގެ ސާޅީސްބައިކުޅަ އެއްބައި ނުވަތަ 2.5 އިންސައްތައެވެ.
ޒަކާތު ހައުސްއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މުދަލު ޒަކާތް ނަގަން ފެށި ފަހުން އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައިވަނީ މިދިޔަ 2023 ވަނަ އަހަރުއެވެ.
އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 107.21 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!