އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިއަދު ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ކަސްޓަމްސް ސަބްގްރޫޕް" ގެ 14 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ކަސްޓަމްސް އުސޫލުތަކާއި ބޯޑަރުގެ ވަސީލަތްތައް ޒަމާނީކޮށްފައިވާ ކަމަށާއި، ސަރަޙައްދީ ވިޔަފާރި ބައްޓަންކުރާނެ ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުންދާ ކަމަށެވެ. ނަމަވެސް، ނާކާމިޔާބު އުސޫލުތަކުގެ ސަބަބުން މުދާ ލަސްވާނަމަ ޒަމާނީ ބަނދަރެއްގެ ފުރިހަމަ ފައިދާ ނުނެގޭނެ ކަމަށާއި، ވަކިވެގަނެގެން ހިންގާނަމަ ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ ފުރިހަމަ ފައިދާއެއް ނުލިބޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ގައުމީ ބޯޑަރެއް ހުރަސްކުރާއިރު މަޢުލޫމާތު ހުއްޓޭނަމަ ސަރަޙައްދީ އިގްތިސާދީ ކޯރިޑޯއަކަށް އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސަރަޙައްދީ ގުޅުންތެރިކަމުގެ ދެން އޮތް މަރުޙަލާއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތައް ގުޅުވާލުމެއް ނޫން ކަމަށާއި، ނިޒާމުތަކާއި މަޢުލޫމާތާއި މުއައްސަސާތައްވެސް ގުޅުވާލުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކަސްޓަމްސް އިދާރާތަކުން އެއްފަހަރާ ޤާނޫނީ ވިޔަފާރިއަށް މަގުފަހިކޮށްދީ، ގައުމީ އާމްދަނީ ރައްކާތެރިކޮށް، ޣައިރުގާނޫނީ ވިޔަފާރި ހުއްޓުވައި، ސަޕްލައި-ޗެއިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އަދި މުދާ އަވަހަށް އުފުލުމަށް މަގުފަހިކޮށްދޭން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް ކަސްޓަމްސް ނިޒާމުތަކާއި، ނޭޝަނަލް ސިންގަލް ވިންޑޯ، އިލެކްޓްރޯނިކް ލިޔެކިޔުންތައް، އެޑްވާންސް އިންފޮމޭޝަން، އޮޓޯމޭޓެޑް ރިސްކް މެނޭޖްމަންޓް އަދި ޑޭޓާ އެނަލިޓިކްސްގެ ސަބަބުން ބޯޑަރު ހުރަސްކޮށް މުދާ އުފުލާ އުސޫލަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންނަމަވެސް ޑިޖިޓަލައިޒްވުމަކީ ހަމައެކަނި ކަރުދާސް ފޯމުތައް އިލެކްޓްރޯނިކް ފޯމުތަކަށް ބަދަލުކުރުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކަށްވާންވާނީ އުސޫލުތައް އަލުން ބައްޓަންކުރުމާއި، ބޭނުންނެތް އިޖުރާއަތްތައް އުވާލުމާއި، ސަރުކާރުގެ އިދާރާތައް ގުޅުވާލުމާއި، އަދި މުދާ އައުމުގެ ކުރިން މަޢުލޫމާތު ފޯރުކޮށްދެވޭނެ ގޮތް ހެދުން،" ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މި މަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމަކީ ޤާނޫނީ ވިޔަފާރި ފަސޭހަކޮށްދިނުމަށާއި، ބޯޑަރުތައް ރައްކާތެރިކުރުމަށާއި، އިގްތިސާދުތައް ގުޅުވައިދޭ ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްގަލަކަށް އަރުވައިދޭ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބަންގްލަދޭޝް، ބޫޓާން، ނޭޕާލްގެ އިތުރުން އިންޑިއާ އަދި ސްރީލަންކާއިން ބައިވެރިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!