ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިންގ ލައިސަންސް ނަގާފައި ނުވާ ފަރާތްތަކުން ލައިސަންސް ނެގުމުގެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ހުއިފިލަނޑާ ޕްރޮސެސިންގ ލައިސަންސް ނެގުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ. މި ލައިސަންސް ނެގުމަށް އެދި ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ "ކެޔޮޅު" ޕޯޓަލް (keyolhu.mv) މެދުވެރިކޮށެވެ.

Ad
rt

ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ (Amberfish, Thelenota anax) އަކީ އޭގެ އާބާދީ ދަށަށްދާ ކަމުގެ ހެކިތަކުގެ މައްޗަށް ބުރަވެ، 2022 ވަނަ އަހަރު ބޭއްވުނު ސައިޓީސް (CITES) މުއާހަދާގެ ބައްދަލުވުމުގައި އެ މުއާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސް މުއާހަދާގެ ޖަދުވަލު 2 ގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓް ކުރެވޭނީ އެ ގައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޭ ޚާއްޞަ ހުއްދައަކާ އެކުގައެވެ.

މިފަދަ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހުއްދަ ދޫކުރެވެނީ އެ ގައުމެއްގެ ސައިޓީސް ސައިންޓިޕިކް އޮތޯރިޓީން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑީއެފް) އެސެސްމަންޓަކަށް ބިނާކޮށެވެ. އެއީ އެ ބާވަތް އޭގެ މާހައުލުން ނަގައިގެން އެކްސްޕޯޓް ކުރުމަކީ އޭގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްކަން ކަށަވަރު ކުރުމަށްފަހުއެވެ. ރާއްޖޭގެ ސައިޓީސް ސައިންޓިޕިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިހާރު ވަނީ މި ބާވަތުގެ ހުއިފިލަނޑާގެ އެންޑީއެފް ތައްޔާރުކޮށް، އެކްސްޕޯޓް ކުރެވޭނެ މިންވަރު (ކޯޓާ) ކަނޑައަޅާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ވޭތުވެދިޔަ 3 އަހަރު ދުވަހު ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީން ދޫކުރާ ހުއިފިލަނޑާ ޕްރޮސެސްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ މެދުގައި މި ކޯޓާ ބަހާނެ މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ފޯނު ނަންބަރު 3322625 އަށް ގުޅުއްވުމަށް އެ ވުޒާރާއިން އެދެއެވެ.