ހދ. ނެއްލައިދޫގައި، ގަސްގަހަށްޖެހޭ ބަލިތަކާއި އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތަކާބެހޭ ގޮތުން ދަނޑުވެރިންނަށް ޢަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިއީ ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނެއްލައިދޫ ކައުންސިލް އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަަޞީލަތްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި މަޢުލޫމާތު ދެއްވީ މިނިސްރީގެ ފަރާތުން ހދ.ހަނިމާދޫ ސެންޓަރުން، އެގްރިކަލްޗަރ އޮފިސަރ ޒަކަރިއްޔާ އިބްރާހީމެވެ.

"އަޅުގަޑުމެންނަށް މި ކެވެނީ ކެއުމަށް އެންމެ ރަނގަޅު ގޮތަށް ހައްދާފައި ހުރި ކާނާތޯ ޔަޤީންކޮށް، އަޅުގަނޑުމެން މި ހައްދާ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މި ޕްރޮގްރާމްގެ އަސްލު މަޤްޞަދު." ނެއްލައިދޫ ކައުންސިލް އޮފިސަރ ޙުސައިން މުޙައްމަދު ތިލަދުން އާ ވާހަކަ ދައްކަމުން ބުންޏެވެ.

އާއްމުކޮށް ރާއްޖޭގައި ހައްދައިއުޅޭ، ކާނާ ލިބޭ ގަސްގަހަށް ޖެހޭ ބަލިތަކާ ބެހޭ ގޮތުން ވާހަކަ ދައްކައި، އެ ބަލިތައް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި، ބަލިތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން ބައިވެރިންނަށް މި ޕްރޮގްރާމްގައި ވަނީ މަޢުލޫމާތު ދެއްވާފައެވެ. އޭގެ އިތުރުން ގަސް ހެއްދުމަށް ބޭނުން ކުރާ ބޭސްބޭހާއި، ކެމިކަލް ބޭނުން ނުކޮށް، ފަތްޕިލާވެލިން އުފައްދާ ބޭސްތަކާ ގުޅޭ ގޮތުން މި ޕްރޮގްރާމްގައި ވާހަކަ ދައްކާފައިވެއެވެ.

ކުރިއަށް އޮތް ތަނުގައި ނެއްލައިދޫގެ ދަނޑުވެރިކަން ކުރި އެރުވުމަށް މި ފަދަ ޕްރޮގްރާމްތައް ހިންގުމަކީ ކައުންސިލްގެ އެއް ޢަމާޒެވެ. އެ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު، ޒަމާނީ ދަނޑުވެރިކަމާ ގުޅިގެން ޓްރެއިނިން ސެޝަނެއް ވެސް އެ ރަށުގައި ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ދަނޑުވެރިންގެ ދުވަހާ ގުޅިގެން ބޭއްވި މި ޕްރޮގްރާމަށް ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުޚީބެއް ލިބިފައެވެ.