ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރީގޭޒް ކައިވެނިކޮށްފިއެވެ.
10 އަހަރު ދުވަހުގެ ގުޅުމަކަށްފަހު މި ދެމަފިރިން ކައިވެނިކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.
ރޮނާލްޑޯގެ ޕަބްލިކް ރިލޭޝަންސް ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކައިވެނީގެ ސިވިލް ހަފްލާއަކީ އެ ދެމަފިރިންގެ ފަސް ދަރިންނާއެކު ބޭއްވުނު އާއިލީ އަދި އަމިއްލަ ހަފްލާއެކެވެ.
މި ހަފްލާ އޮތީ ޕޯޗުގަލްގެ ވެރިރަށް ލިސްބަން ކައިރީގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކަސްކާއިސްގައެވެ. ޕޯޗުގަލްގެ މީޑިއާތަކުން "އަހަރުގެ ކައިވެނި" ގެ ގޮތުގައި ސިފަކޮށްފައިވާ މި ކައިވެނި ކުރެވިފައިވަނީ އޮގަސްޓް 11 ވީ ދުވަހުއެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ، ފޮޓޯ: އޭޕީ
ކައިވެނީގެ އަނގޮޓި ދައްކުވައިދޭ ފޮޓޯއެއް މި ދެމަފިރިން ވަނީ އެމީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުގައި ހިއްސާކޮށްފައެވެ. ރޮނާލްޑޯ އޭނާގެ އަންހެނުންގެ އަތްމަތީގައި އަތް ބާއްވައިގެން ހުރި، އަދި ދެމީހުންވެސް ކައިވެނީގެ އަނގޮޓި އަޅައިގެން ތިބި މަންޒަރު ފެންނަ މި ފޮޓޯ އިންސްޓަގްރާމަށް ލީތާ 30 މިނެޓު ތެރޭގައި 3 މިލިއަނަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ. މި ދެމީހުން އެންގޭޖްވިކަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 11 ގައެވެ.
It’s unfair for Ronaldo to make Georgina Rodriguez wait for this long before getting married. Georgina must sue! pic.twitter.com/9fsWYl6KO4
— Harrismadeit (@harrismadeit1) August 11, 2026
އުމުރުން 41 އަހަރުގެ ރޮނާލްޑޯ އާއި ޖޯޖީނާ ފުރަތަމަ ބައްދަލުވެފައިވަނީ މެޑްރިޑްގެ ގުޗީ ފިހާރައަކުންނެވެ. އެ ދުވަސްވަރު ޖޯޖީނާ އެ ފިހާރައިގައި މަސައްކަތް ކުރިއިރު، ރޮނާލްޑޯ ކުޅެމުންދިޔައީ ސްޕެއިންގެ ރިއާލް މެޑްރިޑަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ސްޕޯޓިން، މެންޗެސްޓާ ޔުނައިޓެޑް، ރިއާލް މެޑްރިޑް، ޔުވެންޓަސް އަދި ސައުދީ އަރަބިއްޔާގެ އަލް ނަސާރަށް ކުޅެ ކެރިއަރުގައި 1،000 އަށްވުރެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިއެކެވެ.
ޕޯޗުގަލްއާއެކު ރެކޯޑް މިންވަރަކަށް ހަ ވަނަ ވޯލްޑް ކަޕްގައި ދާދިފަހުން ކުޅެފައިވާ ރޮނާލްޑޯ ކުޅެމުންދާ ސައުދީގެ އަލް ނަސާރުގެ ދާޚިލީ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް ހޮނިހިރު ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!