ހއ. ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރާއި، އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށްފައިވާ "ދަނޑުވެރި ނަފާ" ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މިއީ ދިވެހި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

Ad
rt

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި، "ދަނޑުވެރި މަންފާ" އަކީ މިނިސްޓްރީއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ހިންގާ 15 މިލިއަން ރުފިޔާގެ ސްކީމެކެވެ.

މި ސްކީމްގެ ދެވަނަ ބުރު އަމާޒުކޮށްފައިވަނީ ހއ، ހދ އަދި ށ އަތޮޅުގެ ދަނޑުވެރިންނާއި، އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.

ކްލައިމެޓް ސްމާޓް ދަނޑުވެރިކަމަށް އިސްކަންދިނުން
މި ގްރާންޓް ސްކީމްގެ ދެވަނަ ބުރުވެސް ހުޅުވާލެވިފައިވަނީ ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން އަށެވެ. މީގެ ތެރޭގައި ގްރީންހައުސް އިންސްޓޯލްކުރުމާއި، ހައިޑްރޮޕޯނިކްސް ނުވަތަ އެހެނިހެން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުން ހިމެނެއެވެ. މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ.

"ދަނޑުވެރި ނަފާ" އިސްލާމީ ފައިނޭންސިންގ އަށް
މީގެ ކުރިން އިންޓްރެސްޓް ހިމެނޭ ގޮތަށް ހިންގަމުން އައި "ނަފާ" ލޯނު ސްކީމް މިހާރު ވަނީ އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް "ދަނޑުވެރި ނަފާ" ގެ ނަމުގައި އަލުން ތައާރަފްކޮށްފައެވެ. މި ފެސިލިޓީގެ ދަށުން އާބަން އެގްރިކަލްޗަރ، ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ ފާމިންގ، އަދި އެގްރޯ ޕްރޮސެސިންގ ފަދަ ދާއިރާތަކުން މާލީ އެހީތެރިކަން ލިބޭނެއެވެ. މީގެ އިތުރުން ވެޓެރިނަރީ ސާވިސް އާއި ޕެޓް ފާމް ފަދަ ޖަނަވާރުގެ ދުޅަހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކަށްވެސް ފައިނޭންސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ދަނޑުވެރިންނަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމެވެ. އަދި ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަކީވެސް މި ސްކީމްތަކުގެ މުހިންމު ބޭނުމެކެވެ.