ހއ. ދިއްދޫއަށް ނިސްބަތްވާ ކުރިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ "ޕްލާސްޓިކާ ނުލައި" ކެމްޕޭނުގެ ދަށުން، ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް އެދި ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް މިއަދު ހުޅުވާލައިފިއެވެ.
މި ކެމްޕޭނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އާދަތަކަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ސްކޫލްތަކަށާއި ސަރުކާރުގެ އޮފީސްތަކަށް އަލުން ބޭނުންކުރެވޭ "ވޮސް" (VOSS) ބްރޭންޑުގެ ބިއްލޫރިފުޅި ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
ކުރިމަގު ޖަމިއްޔާއިން ހާމަކުރި ގޮތުގައި، މި މަސައްކަތަށް ޝައުގުވެރިވާ ރަށްތަކުން އެ ޖަމިއްޔާގެ އީމެއިލް dhidhdhookurimagu@gmail.com ނުވަތަ ފޯން ނަންބަރު 9405999 އަށް ގުޅައިގެން އިތުރު މައުލޫމާތު ހޯދުމަށްފަހު ނަން ނޯޓުކުރެވޭނެއެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން ގެންނަ ކުދިކުދި ބަދަލުތަކުން، އަންނަން އޮތް ޖީލުތަކަށް ސާފު އަދި ބަދަހި ރަށްތަކެއް ބިނާކުރެވިދާނެ،" އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
އެ ޖަމިއްޔާގެ ރައީސް ޢަބުދުﷲ މާހިރު ''ތިލަދުން'' އަށް ވިދާޅުވީ، އެ ޖަމިއްޔާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން ފުޅިތައް ހަދިޔާކުރަމުން ގެންދާނީ ނަން ނޯނުކުރާ ތަރުތީބަށް އިސްކަންދީގެންނެވެ.
ކުރިމަގު ޖަމިއްޔާއަކީ މުޅި ރާއްޖޭގައި ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުންދާ ޖަމިއްޔާއެކެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ޖަމިއްޔާއިން ވަނީ 85,000 އަށްވުރެ ގިނަ ބިއްލޫރިފުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަދިޔާކޮށްފައެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ރާއްޖޭގެ ސްކޫލްތަކުގެ 85 އިންސައްތައަށް ބިއްލޫރިފުޅި ހަދިޔާކޮށް ނިންމާފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. ސްކޫލްތަކުގެ އިތުރުން އެކި ރަށްރަށުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށްވެސް މި ޕްރޮގްރާމްގެ ދަށުން ފުޅި ހަދިޔާކުރަމުންދެއެވެ.
މި ހަރަކާތުގެ މައިގަނޑު ޝިއާރަކީ "މަދު ޕްލާސްޓިކް - ބަދަހި ރަށްތަކެއް" އެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާއަކުން ހިންގާ އެންމެ ބޮޑު އެއް ހަރަކާތްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!