ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އޮގަސްޓް މަހުގެ 2 އިން 6 އަށް ހަނިމާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާއެވެ.

Ad
rt

ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން ކުރިއަށްގެންދެވި މި ތަމްރީނު ޕްރޮގްރާމުގައި، ތިއަރީ އަދި އަމަލީ މަސައްކަތްތައް ހިމެނިފައިވެއެވެ. މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ އުކުޅުތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސާ މެނޭޖްކުރާނެ ގޮތްތަކެވެ.

ހަނިމާދޫގައި ކުރިއަށް ގެންދިޔަ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެގްރިކަލްޗަރ މިނިސްޓްރީ

މީގެ އިތުރުން، ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ޙަމަލާދޭ ސޫފިތަކެއް ކަމަށްވާ "އެސިކޯޑްސް ހިސްޕިނާރަމް" އާއި "ޓެޓްރަސްޓިކަސް ބްރޮންޓިސްޕާ" އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ލެބޯޓްރީގައި ކުރިއަށްދާ ފަންނީ މަސައްކަތްތައް ބައިވެރިންނަށް ދައްކާލައި، އެކަމުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ތަމްރީނަކީ ރާއްޖޭގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ ނިޒާމު ފުޅާކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ.

ހަނިމާދޫގައި ކުރިއަށް ގެންދިޔަ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެގްރިކަލްޗަރ މިނިސްޓްރީ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގައި ދަނޑުވެރިންނާއި، ކައުންސިލްތަކުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއެކު ޖުމްލަ 50 ފަރާތަކުން މި ޕްރޮގްރާމް ފުރިހަމަކުރިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރުގައެވެ.