ރާއްޖޭގެ ތިން ސަރަހައްދެއްގައި "ހަލާލް ޓޫރިޒަމް" މޮޑެލްއަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލާފައިވަނީ ހދ. އަތޮޅާއި، ލ. އަތޮޅުގެ އިތުރުން ސ. އަތޮޅުގެ ސަރަހައްދުތަކެކެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވަނީ ހދ. މަަކުނުދޫ ފަޅުންނެވެ. އެ ފަޅުން ރިސޯޓު ތަރައްގީ ކުރުމަށް 200 ހެކްޓަރުގެ ސަރަހައްދެއް ކަނޑައަޅާފައިވާއިރު، މި މަޝްރޫއުގައި މަދުވެގެން 150 އެނދު ތަރައްގީ ކުރަންޖެހެއެވެ. މީގެ އިތުރުން ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމުގައި 100 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ވަނީ ހުޅުވާލާފައެވެ.
އައްޑޫ ސިޓީން ބިޑަށް ހުޅުވާލާފައިވަނީ ސ. ދޮންހެރަ އަދި އެ ސަރަހައްދުގައި އޮތް ކުޑަ ރަށެކެވެ. 8.38 ހެކްޓަރުގެ ދޮންހެރައާއި 0.85 ހެކްޓަރުގެ ކުޑަ ރަށް ހިމެނޭ ގޮތަށް ހުޅުވާލާފައިވާ މި މަޝްރޫއުގައި މަދުވެގެން 100 އެނދު ތަރައްގީ ކުރަންޖެހެއެވެ. މި ތިން ސަރަހައްދަކީ ވެސް ބިން ހިއްކައިގެން މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ ދެވިފައިވާ ސަރަހައްދުތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަލާލު ޓޫރިޒަމްގެ މޮޑެލް ތައާރަފުކުރުމުގެ ގޮތުން، ބޮޑު ތިލަދުންމަތީގެ ހަތަރު ތަނެއް ހިމެނޭހެން ޖުމްލަ ފަސް ތަނެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މީގެ ނުވަ މަސްކުރިންވެސް ބީލަމަށް ހުޅުވާލިއެވެ. އެއިރު ބީލަމަށް ހުޅުވާލާފައިވާ ފަސް ތަނުގެ ތެރޭގައި ހިމެނެނީ ހއ. ބީނާފުށި (2.21 ހެކްޓަރުގެ ބިން، 100 އެނދު)، ހއ. ކަނޑާލިފިނޮޅު (5.05 ހެކްޓަރުގެ ބިން، 100 އެނދު)، ހދ. މަކުނުދޫ ފަރު (200 ހެކްޓަރުގެ ބިން، 150 އެނދު)، ށ. ފުށިފަރު (4.34 ހެކްޓަރުގެ ބިން، 100 އެނދު) އަދި ލ. ފޮނަގާދޫ (8.18 ހެކްޓަރުގެ ބިން، 100 އެނދު) އެވެ. މި ރަށްތަކުގައި ތަރައްޤީކުރާ ރިސޯޓުތަކުގެ ޖުމްލަ އެނދު އެދުގެ އަދަދު 550 އެނދަށް އަރައެވެ.
އިންވެސްޓަރުން އައުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި ހއ.، ހދ.، ށ. ހިމެނޭގޮތަށް ފަސް އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް މިދިޔަ އަހަރު ސަރުކާރުން އިޢުލާން ކުރިއެވެ.
މަކުނުދޫ ފަޅުގައި މިހާރުވެސް ސޮނެވާ އިން އަންނަނީ ރިސޯޓެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!