މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ކޭބަލް ރޯލެއް ހއ. އަތޮޅަށް ގެންދިއުމުގެ ފްރައިޓް ޗާޖަށް އެކަނި 2 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ރެކްރޫޓްކުރުމާއި، ޕްރޮމޯޝަން ދިނުމުގެ އިތުރުން މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޝުޖާއު ވަނީ އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފެނަކައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިސްރާފުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.
"ކޭބަލް ރޯލެއް ހއ. އަތޮޅަށް ގެންދަން 2 ލައްކަ ރުފިޔާ، ފްރައިޓް ޗާޖު. މިއީ ދެން ހައްދެއް ހުންނަންވާނެ ދެއްތޯ ކާއިރުގައި. ހައްދެއް ވެސް ނެތީ،" މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި އިންނެވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފެނަކަ އޮތީ 4 ބިލިއަން ރުފިޔާއިން ދަރާފައި ކަމަށެވެ. މީގެ ތެރެއިން 2 ބިލިއަން ރުފިޔާއަކީ ތެލަށް އެސްޓީއޯއަށް ދައްކަންޖެހިފައި އޮތް ފައިސާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އޭގެ ތެރެއިން 1 ބިލިއަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރު ނިމުނުއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ފައިސާ ނުލިބިގެން ފެނަކަ ދޮށުގައި މުޒާހަރާކުރަން ޖެހުނު ކަމަށާއި، އެހެންނަމަވެސް މިއަދު ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އެ ފައިސާ ދައްކަމުންދާތީ ވިޔަފާރިވެރިންގެ ހިތްހަމަޖެހުން އޮތްކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!