ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "ޖަވާޙިރުލް ޤުރުއާން މުބާރާތް 1448" އިންތިޒާމުކުރުމަށް އެ ރަށުގެ "ޑްރާފް އެންޑް ކްރާފްޓް" އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާލީ އިބްރާޙިމް އެވެ. އަދި ޑްރާފް އެންޑް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ ޝިފާން ޙަސަން އެވެ.

Ad
d

ހަނިމާދޫ ކައުންސިލުން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އޮގަސްޓް މަހުގެ 20، 21 އަދި 22 ވަނަ ދުވަހުއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ މިއީ އެ ރަށުގައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތް އިތުރަށް ފުރިހަމަކޮށް އިންތިޒާމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މުބާރާތަކީ ރަށުގެ އާބާދީގެ މެދުގައި ދީނީ ރޫޙު އާލާކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ކައުންސިލުން މަޢުލޫމާތު ދީފައިވާގޮތުގައި، ޑްރާފް އެންޑް ކްރާފްޓް ފަދަ ތަޖުރިބާކާރު ފަރާތަކާ މުބާރާތް އިންތިޒާމުކުރުން ހަވާލުކުރުމުގެ މައިގަނޑު ބޭނުމަކީ، މިއަހަރުގެ މުބާރާތް ކުރީ އަހަރުތަކަށްވުރެ ފުރިހަމައަށް އަދި އިންތިޒާމީ ގޮތުން މަތީ ފެންވަރެއްގައި ކުރިއަށް ގެންދިއުމެވެ. މީގެ ތެރޭގައި މުބާރާތުގެ އިސްތިހާރުކުރުމާއި، މެނޭޖުކުރުމުގެ އިތުރުން މުބާރާތުގެ ހިނގުމާ ގުޅޭ އެކި ކަންކަން ހިމެނެއެވެ.

މި މަސައްކަތް '' ޑްރާފް އެންޑް ކްރާފްޓް'' އާ ހަވާލުކޮށްފައިވަނީ 491,600 ރުފިޔާއަށެވެ.

Ad
df

މި އަހަރުގެ މުބާރާތާ ގުޅޭ އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ތަނުގައި ކައުންސިލުން އާންމުކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.