މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުހެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ އާ ވިޔަފާރި ބަނދަރު ތަރައްގީކޮށް، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެވޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ބަނދަރު ތަރައްގީ ކުރަށްވާނީ ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ، ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައެވެ.
ރައީސް ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތަކުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައި އޮންނަ އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި ތިލަފުށީ ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެކެވެ.
މީގެ އިތުރުން، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަން ކުރިއަށްދާނީ މާލޭގެ އެތެރޭގެ ޓްރެފިކަށް ދަތި ނުވާނެ ގޮތެއްގެ މަތިންކަންވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން އަމިއްލަ ވިޔަފާރިވެރިންނަށް ނުވަތަ ޕްރައިވެޓް ވުނޭރުންނަށް ބޮޑެތި އިންސެންޓިވްތަކެއް ދިނުމަށް ނިންމާފައިވާކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ، ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓު ހިންގާ ސަރަޙައްދުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމަކަށް ސަރުކާރުން މަގުފަހިކޮށްދެއްވާނެ ކަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ މުޢާމަލާތްތައް ފަސޭހަކުރުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ތަސައްވުރެކެވެ. އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މި ބަނދަރު އޮޕަރޭޝަނަށް ގެނައުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!