ޕީއެންސީ/ޕީޕީއެމް ފިކުރަށް ލިބުނު ވެރިކަމުގެ ދައުރުގެ ތެރޭގައި ދިވެހި ގައުމަށް އައި އާރޯކަމާއި ތަރައްގީ ރައްޔިތުންނަށް ފެންނަން އޮންނާނެ ކަމަށް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ވެއްދުމުގެ ސަގާފަތަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ފެށުނު ހިސާބުން ފެށިގެން އައި ކަމެއް ކަމަށެވެ. އަދި ނިމިދިޔަ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި އެސްއޯއީތަކަށް އަންދާޒާ ނުކުރެވޭ ވަރަށް މުވައްޒަފުން ވައްދާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

Ad
rt

މުހައްމަދު އިސްމާއީލް ވިދާޅުވީ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި 10,986 މުވައްޒަފުން އެކި ކުންފުނިތަކަށް ވައްދާފައިވާ ކަމަށާއި، އޭގެ ސަބަބުން ދައުލަތުގެ ޕޭރޯލް އޮބިނޯންނަ ވަރަށް ބޮޑުވެ ކުންފުނިތައް ދަރަނިވެރިވެފައިވާ ކަމަށެވެ. މިހާރުގެ ސަރުކާރުން ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންނަށް އިނާޔަތްތަކެއް ދީފައި އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުންފުނިތަކުން ރައްޔިތުންނަށް ޚިދުމަތްދޭން ހަދާފައި ހުރި ކުންފުނިތައް ލޭ ހޮޅިއެއް ފަޅައިގެން ގޮސް އޮންނަހެން އެ ކުންފުނިތަކަށް ދައުލަތުން އަބަދުވެސް ލާރި ދީގެން ހިންގާ ހިސާބަށް ދިޔައީމަ، ޚަރަދު ކުޑަކުރުމުގެ ގޮތުން އިނާޔަތްތަކެއް ދީފައި ވަކިވުމުގެ ފުރުސަތު ދައުލަތުން ހުޅުވާލީ،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ގަރާރުތައް ހުށަހަޅަނީ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް ސިފަކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، އެމްޑީޕީއަށް ވެރިކަމުގެ ދެ ދައުރު ލިބުނުއިރު ރައްޔިތުންނަށް ފައިދާހުރި ކަމެއް ކޮށްފައި ނެތް ކަމަށެވެ. އަދި ނިމިދިޔަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ، ގައުމަށް ފައިދާހުރި ގާނޫނުތަކެއް ވުޖޫދުކުރުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރުން ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ގަބޫލުކުރާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ރައްޔިތުން މިހާރު ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވެފަވެއެވެ.

''އަޅުގަނޑުމެންނަށް ލިބުނ،ީ މި ފިކުރަށް ލިބުނީ އެންމެ ދައުރެއް، ލިބުނު އިރުގައި އެ ދައުރުގެ ތެރޭގައި ދިވެހި ޤައުމަށް އައި އާރޯކަމާއި ތަރައްޤީއާއި މި ހުރިހާ އެއްޗެއް ރައްޔިތުންނަށް ފެންނާނެ، އަދި މިއަދު އަޅުގަނޑުމެންނަށް އަނެއް ދައުރެއް ލިބިގެން ދައުރެއްގެ ދެބައިކުޅަ އެއްބަޔަށް ދިޔައިރު މި ޤައުމަށް މި އަންނަ ހެޔޮ ބަދަލުތައް، ރައްޔިތުންގެ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށާއި އަދި ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށާއި ތަރައްޤީގެ އާ ބޮޑެތި މަޝްރޫޢުތައް ހިންގުމަށާއި މި
ކުރެވޭ މަސައްކަތްތަކުން ރައްޔިތުން ގަބޫލުފުޅު އެބަކުރަށްވާ'' މުޙައްމަދު ވިދާޅުވެފަވެއެވެ.