ސިނާއީ ރަށް ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ކުނބުރުދޫ އަށް ގެންދަން ނިންމާފައިވާކަމަށް ވެމްކޯއިން ބުނުމުން އެކަމާ ދެކޮޅުކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލާއި ހަވާލާދީ ''މިހާރު'' ނޫހުގައި މިއަދު ޝާޢިއުކުރި ޚަބަރެއްގައި ބުނެފައި ވަނީ ވެމްކޯ ސައިޓްގައި އެނދި ކުނިތައް އެތަނުން ނަގައި، ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށެވެ.

Ad
rt

މި ޚަބަރުގެ ސްކްރީންޝޯޓެއް މީސްމީޑިއާގައި ހިއްސާކުރަށްވަމުން މޭޔަރު އާތިފް ވަނީ އެއީ ކޮށްގެންވާނެ ކަމެއްނޫންކަމަށް ވިދާޅުވެފައެވެ.

''މިއީ ކޮށްގެންވާނޭ ކަމެއް ނޫން. މާލެ ކައިރީގައި، ގުޅީފަޅު، އުތުރު ތިލަފަޅު، ހުޅުމާލެ 3 ވަނަ ފިޔަވަހި އަދި ފުށި ދިއްގަރު ފަޅު ކަހަލަ ބޮޑެތި ފަޅުތައް އަޅުގަނޑުމެންގެ ޓެކްސް ފައިސާއިން ހިއްކަމުންދާއިރުވެސް، ހދ އަތޮޅު ފަދަ ފަޅުރަށްތައް މަދު އަތޮޅުގެ މެދުގައި އޮތް ގުދުރަތީ ރީތި ރަށަކަށް މުޅި ޤައުމުގަ އުފެދޭހާ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން، އަދި މި ސަރަހައްދުގެ ކުނިވެސް ޖަމާކުރަން އެންމެ ރަނގަޅު ރަށަކީ ކުނބުރުދޫ ކަމަށް ނުދެކެން.'' އާތިފް ވިދާޅުވެފަވެއެވެ.

ވެމްކޯ ތިލަފުށީ ސައިޓްގައި އަލިފާން ރޯވީ މި ޖުލައިމަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. ތިލަފުށި ވެމްކޯ ސައިޓުގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 10:10 ހާއިރުކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މި ރިޕޯޓާއެކު ތިލަފުށީ ފަޔާ ސްޓޭޝަނާއި، މާލެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިތަނުގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނީ ޖެހިގެން އައި 20 ވަނަ ދުވަހު ހެނދުނު 8:00 ހާއިރުއެވެ.

ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން

10.64 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން އެއް ތަރައްގީކޮށް ނިންމާލާފައި ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެ މަޝްރޫޢު ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުއެވެ.

އެއިރު ސަރުކާރުން ބުނެފައި ވަނީ ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރެވުމުން އުތުރުގެ ރަށްރަށަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ހއ. އަތޮޅާއި، ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ރަށުން ބޭރުކުރަންޖެހޭ ކުނި މެނޭޖްކުރުމަށް ހަމަޖެހިފައި ވަނީ ކުނބުރުދޫ ޓްރާންސްފަރ ސްޓޭޝަން މެދުވެރިކޮށްކަމަށް އެއިރު ސަރުކާރުން ބުންޏެވެ.