އަންނަ އަހަރަށް ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިއީ މި ހިނގާ އަހަރާ ދާދި އެއްވަރުގެ އަދަދެއް ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް މި އަދަދު 2.6 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެއެވެ.

Ad
rt

ކައުންސިލްތަކަށް ބަޖެޓު ދޫކުރުމުގައި އެންމެ ބޮޑު ހޭދައެއް ކުރަނީ ސިޓީ ކައުންސިލްތަކަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސިޓީއަކަށް ބްލޮކް ގްރާންޓް ބަޖެޓުގެ 20 އިންސައްތަ ހޭދަކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބޭ މާލޭ ސިޓީ ކައުންސިލަށް 231 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ މުޅި ބްލޮކް ގްރާންޓުގެ ގާތްގަނޑަކަށް 10 އިންސައްތައެވެ.

އެހެން ސިޓީތަކަށް ބަލާއިރު، އައްޑޫ ސިޓީ ކައުންސިލަށް 93 މިލިއަން ރުފިޔާ، ފުވައްމުލަކު ސިޓީ ކައުންސިލަށް 67 މިލިއަން ރުފިޔާ، ކުޅުދުއްފުށި ސިޓީ ކައުންސިލަށް 57 މިލިއަން ރުފިޔާ އަދި ތިނަދޫ ސިޓީ ކައުންސިލަށް 46 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ބްލޮކް ގްރާންޓް ކަނޑައެޅުމުގައި ބަލަނީ ރަށުގެ އާބާދީ، ބިމުގެ ބޮޑުމިން، މާލެއާއި އަތޮޅު ވެރިކަން ކުރާ ރަށާ ހުރި ދުރުމިނުގެ އިތުރުން އެލް.ޖީ.އޭ އިން ވަޒަންކުރާ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރަށެވެ.

2020 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މި ނިޒާމަކީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެން ދޫކުރާ ހިލޭ އެހީއެކެވެ.

މި އަހަރުގެ ބްލޮކް ގްރާންޓަށް ކަނޑައެޅި 2.5 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.5 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި އެ މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމެޓާއި މިންގަނޑުތަކަށް ތަބާވުމަށް ކައުންސިލްތަކަށް އަންގާފައެވެ.