ޖަޕާނުގެ ކުމަމޯޓޯ ޕްރިފެކްޗަރއަށް މިއަދު ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އައިސް، އެ ސަރަހައްދަށް އެއް މީޓަރުގެ އުސްމިނުގެ ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭ.އެމް.އޭ) އާއި ގައުމީ ބްރޯޑްކާސްޓަރު އެން.އެޗް.ކޭ އިން ނެރެފިއެވެ.

މި ބިންހެލުމާ ގުޅިގެން ޖަޕާނުގެ ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް 1 މީޓަރު (3.3 ފޫޓު) ގެ އުސްމިނުގެ ސުނާމީގެ ރާޅުތައް އަރާފާނެ ކަމަށް ލަފާކޮށްފައިވެއެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ އައްސޭރިފަށާއި ކޯރުތަކާ ކައިރީގައި އުޅޭ ރައްޔިތުން ވަގުތުން ރައްކާތެރި އުސް ބިންތަކަށް ނުވަތަ ރައްކާތެރި އިމާރާތްތަކަށް ބަދަލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ހާލެއްގައި މޫދަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ.

Ad
rt

ޖަޕާނުގެ ބިންހެލުންތައް މިންކުރާ ޝިންޑޯ ސްކޭލުން ބަލާއިރު، ކުމަމޯޓޯގެ ބައެއް ސަރަހައްދުތަކަށް މި ބިންހެލުމުގެ އަސަރު އެންމެ މަތީ ދަރަޖަ ކަމަށްވާ ޝިންޑޯ 7 ގައި ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ފަދަ ބާރުގަދަ ލޮޅުމެކެވެ.

މި ބިންހެލުމާ ގުޅިގެން ކިއުޝޫ ސަރަހައްދުގެ ގިނަ ޕްރިފެކްޗަރތަކަކަށް ވަނީ ކުއްލި ނުރައްކަލުގެ އިންޒާރު ފޮނުވާފައެވެ. އޭގެ ތެރޭގައި ކުމަމޯޓޯ، ނަގަސާކީ، ކަގޯޝިމާ، ފުކުއޯކާ، ސާގާ، އޮއިޓާ އަދި މިޔަޒާކީ ހިމެނެއެވެ. މި ސަރަހައްދުތަކުގެ އިދާރާތަކުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ބިންހެލުމާ ގުޅިގެން އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗަރތަކާއި، ނިއުކްލިއަރ ފެސިލިޓީތަކަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ކަގޯޝިމާގައި ހުންނަ ސެންޑާއީ ނިއުކްލިއަރ ޕްލާންޓާއި އެހެނިހެން މުހިންމު ބިނާތަކުގެ ސަލާމަތީ ކަންކަން ދަނީ ޗެކް ކުރަމުންނެވެ. މީގެ އިތުރުން ކިއުޝޫ ޝިންކަންސެން ރޭލު ދަތުރުތައް ހިމެނޭހެން ދަތުރުފަތުރުގެ ނިޒާމުތައް ވަނީ މެދުކަނޑާލާފައެވެ.