އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްއާރުސީސީގެ އައު އިމާރާތުގެ ނަން ކަޝްފުކޮށްދެއްވައި، އެ ތަނުގެ އޮޕްސްރޫމާއި އޮޕަރޭޝަނަލް ޤާބިލުކަން ބައްލަވާލައްވާފައެވެ. މީގެ އިތުރުން، މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރުގެ ގޯތިތެރޭގައި ހަނދާނީ ގަހެއް އިންދަވައިދެއްވާފައެވެ.
ޖަޕާނުގެ އެހީތެރުކަމާއެކު ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވުން، ފޮޓޯ: ރައީސް އޮފީސް
މިއަދު ހުޅުވި މި އިމާރާތަކީ ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު 2022 ވަނަ އަހަރު ބިންގާ އަޅައި، ޔޫއެންއޯޑީސީގެ ވިލަރެސްކުރުމުގެ ދަށުން ބިނާކުރި އިމާރާތެކެވެ. އަދި މި ސެންޓަރަށް ބޭނުންވާ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ހޯދުމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވެއެވެ. މި އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމްތަކާއި، ތަމްރީނުދޭ ވަސީލަތްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ޤާއިމުކުރެވިފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމީކޯއާއި ޔޫއެން ރެޒިޑެންޓް ކޯޑިނޭޓަރ ހައޮ ޒެންގ ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.
މި އައު އިމާރާތާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ވިލަރެސްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުވެ، ކުއްލި ޙާލަތްތަކުގައި ހިންގާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މިއީ 1998 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދެމުން އަންނަ މެރިޓައިމް ރެސްކިޔު ޚިދުމަތް އިތުރަށް ފުޅާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!