އަށް ގައުމެއްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ސަފީރުންނާއި ނޮން-ރެސިޑެންޓް ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތުތައް މިއަދު ހެނދުނު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

މި ރަސްމިއްޔާތުތަކަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައެވެ. އެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ. ކޮންމެ ގައުމެއްގެ ސަފީރަކަށްވެސް ފަތްކޮޅު އެރުއްވުމަށް ބާއްވާފައިވަނީ ވަކި ރަސްމިއްޔާތުތަކެކެވެ.

މިއަދު ފަތްކޮޅު އެރުއްވި ސަފީރުން:

މިއަދު ފަތްކޮޅު އެރުއްވި ބޭފުޅުންގެ ތެރޭގައި ޕޯޗުގަލްގެ ނޮން-ރެސިޑެންޓް ސަފީރު ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ، ބޫޓާނުގެ ނޮން-ރެސިޑެންޓް ސަފީރު ޑަޝޯ ކާރމަ ހަމު ޑޯރޖީ، ކެނެޑާގެ ހައިކޮމިޝަނަރ އިޒަބެލް މެރީ ކެތެރިން މަރޓިން، އަދި އޮސްޓްރިއާގެ ނޮން-ރެސިޑެންޓް ސަފީރު ޑޮކްޓަރ ރޮބަރޓް ޓްސީގް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ބުރުކީނާ ފާސޯގެ ނޮން-ރެސިޑެންޓް ސަފީރު ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ، ގާނާގެ ހައިކޮމިޝަނަރު ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯ، ތުރުކުމަނިސްތާނުގެ ނޮން-ރެސިޑެންޓް ސަފީރު ޝަލާރް ގެލްޑެނަޒަރޮވް، އަދި ލާއޮސްގެ ނޮން-ރެސިޑެންޓް ސަފީރު ވިތާޔާ ޒަޔާވޮންގ ވެސް ވަނީ މިއަދު ފަތްކޮޅު އަރުވާފައެވެ.

ފަތްކޮޅު އެރުއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ އެ ސަފީރުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެ ފަރާތުންވެސް ދެއްވިއެވެ.

މީގެ އިތުރުން، މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، ޢާދިލް އިބްރާހީމް ވަނީ އެ ބޭފުޅާގެ ދައުރު ހަމަވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވާފައެވެ.