ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އެންޑް ނޮދަރން އަޔަރލެންޑް (އިނގިރޭސިވިލާތު) ގެ ބޮޑުވަޒީރުކަމުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެންޑްރޫ ބަރނަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ތާރީޚީ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައިވާއިރު، މި ގުޅުމަކީ ޑިމޮކްރެޓިކް އުޞޫލުތައް ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި އިނގިރޭސިވިލާތުން ވެދީފައިވާ މުހިންމު އެހީތެރިކަމާއި ޙިއްޞާ ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވަނީ އެޤައުމަށް ޝުކުރު އަދާކުރައްވާފައެވެ.

އިނިގިރޭސި އައު ބޮޑުވަޒީރު އެންޑީ ބާންހަމް އަކީ ކޮން ބޭފުޅެއް؟

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބާންހަމް އަކީ އެ ގައުމުގެ ލޭބަރ ޕާޓީގެ ލީޑަރު އަދި އިނގިރޭސި ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތެކެވެ. ބާންހަމް އަކީ، ގްރޭޓަރ މެންޗެސްޓަރގެ މޭޔަރުކަމުގައި ގާތްގަނޑަކަށް ދިހަ އަހަރު ހޭދަކުރެއްވުމަށްފަހު، އަލުން ޕާލަމެންޓަށް ވަޑައިގެން ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ބޭފުޅެކެވެ.

ކެރިއަރުގެ މުހިންމު ހަރުފަތްތައް

ގްރޭޓަރ މެންޗެސްޓަރގެ މޭޔަރުކަން (2017–2026): މި މުއްދަތުގައި އޭނާ ވަނީ ސަރަހައްދީ ބާރުތައް ފުޅާކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވަކާލާތު ކުރައްވާފައެވެ. މީގެ އިތުރުން މަގުމަތިވުމުގެ މައްސަލައާ ދެކޮޅަށް ވަރުގަދަ ކެމްޕޭންތަކެއް ހިންގަވާފައިވެއެވެ. އޭނާގެ މި ވެރިކަމުގެ ވައްޓަފާޅި މަޝްހޫރުވެފައިވަނީ "މެންޗެސްޓަރިޒަމް" ގެ ނަމުންނެވެ.
އަލުން ޕާލަމެންޓަށް ވަޑައިގަތުން (ޖޫން 2026): މޭކަރފީލްޑް ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި ހައުސް އޮފް ކޮމަންސް އަށް އޭނާ ވަޑައިގަތީ، ކިއަރ ސްޓާމަރގެ ފަހުން ލޭބަރ ޕާޓީގެ ލީޑަރުކަމަށް އައުމުގެ އަމާޒުގައެވެ.
ކެބިނެޓް ތަޖުރިބާ: 2001 ވަނަ އަހަރު ފުރަތަމަ ފަހަރަށް ލީ ދާއިރާގެ މެންބަރަކަށް އިންތިޚާބުވެވަޑައިގެންނެވި ބާންހަމް ވަނީ، ގޯޑަން ބްރައުންގެ ކެބިނެޓްގައި ޗީފް ސެކްރެޓަރީ ޓު ދަ ޓްރެޜަރީ، ކަލްޗަރ ސެކްރެޓަރީ އަދި ހެލްތު ސެކްރެޓަރީގެ މަގާމު ފުރުއްވާފައެވެ.

މުހިންމު ސިޔާސަތުތައް

ބާންހަމްގެ ސިޔާސަތުތައް ބިނާވެފައިވަނީ ބާރުތައް މަރުކަޒީ ނިޒާމުން ބޭރުކޮށް، ލަންޑަނުން ސަރަހައްދީ އިދާރާތަކަށް އިގްތިސާދީ އަދި އިދާރީ ބާރުތައް ބަދަލުކުރުމުގެ މައްޗަށެވެ. މީގެ އިތުރުން ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމާއި، އަސާސީ ޚިދުމަތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއި، ސަރަހައްދީ އުމްރާނީ ތަރައްގީ ފުޅާކުރުމަކީ އޭނާގެ އެޖެންޑާގައި އިސްކަންދޭ ކަންކަމެވެ.